Last Updated: June 8, 15:03
Monday, June 8, 2026
މުނިފޫހިފިލުވުން

އަހާންގެ އާ ފިލްމަށް، އާ ލުކެއް

ދާދި ފަހުން ރިލީޒްކުރި ބޮލީވުޑްގެ ކާމިޔާބު ފިލްމު "ސައްޔާރާ" އިން ތައާރަފުވި އެކްޓަރު އަހާން ޕާންޑޭގެ ދެވަނަ ފިލްމުގެ ތައްޔާރީތަކުގެ ތެރެއިން އޭނަގެ އާ ލުކެއް ދައްކާލައިފި އެވެ.

އުންމީދީ ޒުވާން އެކްޓަރުގެ އާ ލުކް މިއަދު ވަނީ އިންސްޓަގްރާމްގައި ޕޯސްޓްކުރި ފޮޓޯތަކަކުން ދައްކާލައިފަ އެވެ.

މީޑިއާތަކުން ބުނީ މި ލުކަކީ އަންނަ އަހަރުގެ މާޗް މަހުގެ ތެރޭގައި ޝޫޓިިން ފަށަން ތައްޔާރީތައްވަމުން އަންނަ ޑައިރެކްޓަރު އަލީ އައްބާސް ޒަފަރުގެ ރޮމޭންޓިކް އެކްޝަން ފިލްމުން އަހާން ފެންނާނެ ގޮތް ކަމަށެވެ. ނަން އަދި ސާފު ނުވާ އެ ފިލްމަކީ "ސައްޔާރާ" ވެސް އުފެއްދި ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ ފިލްމެކެވެ.

ރިޕޯޓްތައް ބުނާ ގޮތުން މީގެ ބަތަލާއަކަށް ނަގާފައި ވަނީ "މުންޖިއާ" އާއި "ބަންޓީ އޯރް ބަބްލީ 2" އިން ފެނިފައިވާ ޝަރްވާރީ ވާގް އެވެ. އޭނަގެ ކުރިއަށް އޮތް ފިލްމަކީ ވައިއާރްއެފްގެ ސްޕައި ޔުނިވާސް އިން ޑިސެމްބަރު މަހު ގެނެސްދޭން ހަމަޖެހިފައިވާ އާލިއާ ބަޓްގެ "އަލްފާ" އެވެ.

އަހާންގެ ދެވަނަ ފިލްމަށް ތައްޔާރީތައްވަމުން އަންނަ އިރު، މި ފިލްމުގެ ވަރަށް ގިނަ މަންޒަރުތަކެއް އިނގިރޭސިވިލާތުގައި ނަގާނެ ކަމަށާއި ޝޫޓިން ފަށާނީ ވެސް އެ ގައުމުގައި ކަމަށް މި ހަފުތާގައި މީޑިއާތަކުން ބުނެފައިވެ އެވެ.

މީގެ ޑައިރެކްޓަރު އަލީ މީގެ ކުރިން ވެސް ވައިއާރްއެފަށް ފިލްމުތަކެއް ހަދާފައިވެ އެވެ. އޭގެ ތެރެއިން އެންމެ ފަހުގެ ފިލްމަކީ ސްޕައި ޔުނިވާސް އަށް ނިސްބަތްވާ ސަލްމާން ޚާންގެ 2017 ގެ "ޓައިގާ ޒިންދާ ހޭ" އެވެ.

އަލީގެ އެންމެ ފަހުގެ ފިލްމަކީ ޕޫޖާ އެންޓަޓައިންމަންޓަށް މިދިޔަ އަހަރު ގެނެސްދިން އެކްޝަން ކޮމެޑީ "ބަޅޭ މިޔާ ޗޯޓޭ މިޔާ" އެވެ.