Last Updated: July 3, 11:07
Friday, July 3, 2026
ޚަބަރު

ރާއްޖެއަށް ފުދޭ ވަރަށް ދަނޑުވެރިކަން ފުޅާކުރެވޭނެ: ރައީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު - ފޮޓޯ: ރައީސް އޮފީސް

ރާއްޖެއަށް ފުދޭވަރަށް ދަނޑުވެރިކަން ފުޅާކޮށް، ފުޑް ސެކިއުރިޓީ ޤާއިމްކުރުމުގެ އުންމީދު އެބައޮތް ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

ދަނޑުވެރިންގެ ދުވަހުގެ މުނާސަބަތުގައި އެކްސް ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ދިވެހި ބިންތަކަކީ ފައިދާހުރި މޭވާއާއި، ތަރުކާރީ އަދި ގޮވާމާއި ފަލަމަޑި ލިބޭ، މުޑުވައްކުރަން ރަނގަޅު ބިންތަކެއްކަން ކާބަފައިންގެ މަސައްކަތުން އެނގިފައިވާ ކަމަށެވެ. އެހެންކަމުން، ރާއްޖެއަށް ފުދޭވަރަށް ދަނޑުވެރިކަން ފުޅާކުރެވި، ފުޑް ސެކިއުރިޓީ ޤާއިމްކުރެވޭނެކަމުގެ އުންމީދު އޮތްކަމަށް ވިދާޅުވި އެވެ.

ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުވެސް ވަނީ އެކްސް މެދުވެރިކުރައްވައި ދުވަހުގެ ތަހުނިޔާ ފޮނުއްވާފަ އެވެ. އެކަމަނާގެ މެސެޖުގައި، ރައްކައުތެރިކަން ކަށަވަރު ކުރެވިފައިވާ ދަނޑުވެރި ނިޒާމެއް ޤާއިމުކުރުމުގެ މައްޗަށް ބައްލަވާލައްވާފައިވެ އެވެ.

ރާއްޖޭގެ އާބާދީއަށް އެކަށީގެންވާ މިންވަރަށް ކާބޯތަކެތި އުފައްދައި، ޤައުމުގައި ފުޑް ސެކިއުރިޓީ ޤާއިމްކުރުމަކީ ސަރުކާރުގެ އިސް ސިޔާސަތެކެވެ. އެގޮތުން، ރާއްޖޭގައި ދަނޑުވެރިކަމުގެ ދާއިރާއިން މަސައްކަތްކުރާ ރަށްރަށަށް އިސްކަންދީ، ރާއްޖެއަށް އިންވެސްޓްމަންޓް ގެނައުމާއި، ދަނޑުވެރިކަމުގެ ސިނާޢަތުގެ ހިންގުން ހަރުދަނާކޮށް، ސިނާޢަތް ފުޅާކޮށްގެން އިޤުތިޞާދު ސިންދަފާތުކުރުމަކީ ސަރުކާރުގެ އަމާޒެކެވެ.

ދަނޑުވެރިންގެ ދުވަސް ރާއްޖޭގައި ފާހަގަކުރަން ފަށާފައިވަނީ 2009 ވަނަ އަހަރުގައެވެ.