Last Updated: July 3, 11:07
Friday, July 3, 2026
ޚަބަރު

ގާޒާގެ ސުލްހައިގެ އެއްބަސްވުމަށް އިހުތިރާމްކުރަން ގޮވާލައިފި

ފަލަސްތީނުގެ ޣައްޒާގެ ހަނގުރާމަ ހުއްޓާލުމަށް އެކުލަވާލައިފައިވާ އެއްބަސްވުމަށް އިޒްރޭލުން ފުރިހަމައަށް އިހުތިރާމް ކުރުމަށް ރާއްޖެއިން ގޮވާލައިފި އެވެ.

ރާއްޖެއިން މިކަމަށް ގޮވާލީ ޔުގާންޑާގެ ވެރިރަށް ކަމްޕާލާގައި މިއަދު ބޭއްވި ނޮން-އެލައިންޑް މޫވްމަންޓް (ނާމް) ގެ މެމްބަރު ޤައުމުތަކުގެ މިޑް ޓާމް ވަޒީރުންގެ ފެންވަރުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެމްބެސެޑަރ-އެޓް-ލާޖް ޑރ. މުހައްމަދު ފަހުމީ ހަސަން ބައިވެރިވެވަޑައިގެން ދެއްވި ތަގުރީރުގަ އެވެ.

ފަހުމީގެ ތަގުރީރުގައި ވިދާޅުވީ ޣައްޒާގެ ހަނގުރާމަ ހުއްޓާލުމަށް އެކުލަވާލައިފައިވާ ޕްލޭންގެ ފުރަތަމަ މަރުހަލާ ތަންފީޒުކުރަން ފެށުމަށް އެއްބަސްވުމަކާ ހަމައަށް އާދުވުމުން އެކަމަށް ރާއްޖެއިން މަރުހަބާ ކިޔައި މި މަސައްކަތުގައި ނާމްގެ މެމްބަރު ގައުމުތަކުން ކުރި މަސައްކަތް ފާހަގަކުރާ ކަމަށެވެ. އަދި އިޒްރޭލުން މި އެއްބަސްވުމަށް ފުރިހަމައަށް އިހްތިރާމްކޮށް ބޯލެނބުމަށް ވެސް ގޮވާލާފައިވެ އެވެ.

ފަލަސްތީނުގެ މައްސަލައިގައި ދެމެހެއްޓެނިވި ހައްލެއް ހޯދައި ސުލްހަ ގާއިމްކުރުމަށް ކުރާ މަސައްކަތުގައި ރާއްޖެއިން އަބަދުވެސް އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން ވެސް ފަހުމީ ދެއްވި އެވެ.

މީގެއިތުރުން ފަހުމީ ވަނީ ބަދަލުވަމުން އަންނަ ދުނިޔޭގައި ނާމް އިން އިސްނަގައިގެން މަސައްކަތްކުރަންޖެހޭ ތިން މައިގަނޑު ދާއިރާއަކަށް އަލިއަޅުއްވާލައްވާފަ އެވެ. އޭގެ ތެރޭގައި "ނޮން ޓްރެޑިޝަނަލް ސެކިއުރިޓީ ތްރެޓްސް" އާ ދެކޮޅަށް މަސައްކަތް ކުރުމުގައި ނާމްގެ މެމްބަރު ޤައުމުތަކުގެ އެއްބާރުލުން އިތުރުކުރުމަށާއި، ދެމެހެއްޓެނިވި އަދި އެންމެންގެ ބައިވެރިވުން އެކުލެވޭ ތަރައްޤީއަށް އެންމެ ފަހުގެ ޓެކްނޮލޮޖީގެ ކުރިއެރުންތަކާއި ޑިޖިޓަލައިޒޭޝަން ނާމް ގެ ޤައުމުތަކުގައި ބޭނުންކުރުން އިތުރުކުރުމާއި،އ.ދ. ގެ ސަލާމަތީ މަޖިލީސް އަދި ބައިނަލްއަޤްވާމީ މަލްޓިލެޓަރަލް ނިޒާމު އިސްލާޙު ކުރުމުގައި ނާމްއިން އިސް ދައުރެއް އަދާކުރުމަށް ގޮވާލެއްވި އެވެ.

ނޮން-އެލައިންޑް މޫވްމެންޓަކީ ފިނި ހަނގުރާމާއިގައި ވަކި ފަރާތަކަށް ނުޖެހޭ ސިޔާސަތުތައް އިސްކޮށް، ހަރަކާތްތެރިވެފައިވާ 121 މެމްބަރު ޤައުމެއް ހިމެނޭހެން އުފައްދާފައިވާ ބައިނަލްއަޤްވާމީ ޖަމުޢިއްޔާއެކެވެ. ފިނި ހަނގުރާމަ ނިމުމާއެކު، އެ ޖަމުޢިއްޔާއިން ވަނީ ޒަމާނީ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް މަޝްވަރާކުރުމަށް ސަމާލުކަން ދޭން ފަށާފައެވެ.

ރާއްޖެ ނާމްގެ މެމްބަރު ޤައުމަކަށް ވީ 1976 ވަނަ އަހަރު އެވެ.