Last Updated: July 3, 11:07
Friday, July 3, 2026
ޚަބަރު

ސިނގިރޭޓް ވައްކަން: ކަސްޓަމްސްގެ މުވައްޒަފު ސަސްޕެންޑްކޮށްފި

ޒިވާރު އިސްމާއިލް

ރާއްޖެއަށް ވަގަށް އެތެރެކުރުމުން ހިފެހެއްޓި 13.6 މިލިއަން ސިނގިރޭޓު ގެއްލުނު މައްސަލައިގައި ހައްޔަރުކުރި ކަސްޓަމްސްގެ މުވައްޒަފު ވަޒީފާއިން ސަސްޕެންޑްކޮށްފި އެވެ.

އެ މައްސަލައާ ގުޅިގެން، އެކަން ރާވައި ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވި ކަމަށް ތުހުމަތު ކުރެވޭ ހަތަރު މީހަކު ރޭ ވަނީ ހައްޔަރުކޮށްފަ އެވެ. ހައްޔަރުކުރި ހަތަރު މީހުންގެ ތެރޭގައި ހިމެނެނީ މަޝްހޫރު ދެ ވިޔަފާރިވެރިން ކަމުގައިވާ ލޮޓަސްގެ ވެރިޔާ އަހްމަދު އާރިފް (އާއްޓޭ) އާއި އެޕޯލޯގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) އާއި ކަސްޓަމްސްގެ ކުރީގެ ސީނިއާ ސުޕްރިންޓެންޑެންޓް މުއާޒު އަލީ އަދި ކަސްޓަމްސްގެ ޑިޕާޓްމަންޓެއްގެ އިސްވެރިއެއް ކަމަށްވާ ޒިވާރު އިސްމާއިލް އެވެ.

ފުލުހުން ބުނީ، އެ ހަތަރު މީހުން މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 61 އަހަރުގެ އާރިފްގެ ބަންދަށް 15 ދުވަސް ޖެހިއިރު، 65 އަހަރުގެ ވަހީދުގެ ބަންދަށް 10 ދުވަސް ޖަހައިފައިވާ ކަމަށެވެ. އަދި އުމުރުން 40 އަހަރުގެ ޒިވާރު ވެސް 15 ދުވަހަށް ބަންދުކުރިއިރު، 48 އަހަރުގެ މުއާޒް ބަންދުކުރަން އަމުރުކުރީ ފަސް ދުވަހަށެވެ.

ކަސްޓަމްސް އިން ބުނީ އެ މައްސަލައިގައި ތުހުމަތުކުރެވޭ އެ އިދާރާގެ މުވައްޒަފު މިއަދުން ފެށިފެން ވަޒީފާއިން ސަސްޕެންޑް ކުރެވިފައިވާ ކަމަށެވެ. އަދި ތަހުޤީޤަށް ފާހަގަކުރެވޭ ކަންކަމަށް ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާނެ ކަމަށްވެސް ކަސްޓަމްސް އިން ބުންޏެވެ.

ހަތަރު މީހަކު ހައްޔަރު ކުރުމުގެ އިތުރަށް ފުލުހުން ވަނީ އެ މައްސަލައިގެ ތަހުގީގަށް މިހާތަނަށް 12 މީހުން ފުރުން މަނާކޮށް، ބައެއް އުޅަނދުތަކާއި ތަންތަން ބަަލައި ފާސްކޮށްފަ އެވެ.