Last Updated: July 3, 11:07
Friday, July 3, 2026
ޚަބަރު

ރޭގަނޑު ފްލައިޓް ޖެއްސޭގޮތަށް ފުނަދޫ އެއާޕޯޓު ތަރައްގީކުރަނީ

ށ. ފުނަދޫ އެއާޕޯޓު އިތުރަށް ތަރައްގީކުރަން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)އާ ހަވާލުކޮށް، އަމަލީ މަސައްކަތް ފަށައިފި އެވެ.

އެ އެއާޕޯޓު އިތުރަށް ތަރައްގީ ކުރުމުގެ މަސައްކަތް އެމްއޭސީއެލް އިން ފެށީ ރައީސް ޑރ. މުހައްމަދު މުއިއްޒު ށ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި މިރޭ ފުނަދޫ އަށް ވަޑައިގަތުމުން ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

މި މަސައްކަތް ފައްޓަވައިދެއްވީ ފިނޭންސް މިނިސްޓަރު މިނިސްޓަރު މޫސާ ޒަމީރާއި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަމުން އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު ޝަރީފް ވިދާޅުވީ މި މަޝްރޫއުގެ ތެރޭގައި އެންމެ މުހިއްމު ކަމަކީ އެ އެއާޕޯޓަށް ރޭގަނޑު ފްލައިޓް ޖެއްސޭ ގޮތަށް ލައިޓް ހަރުކުރުން ކަމަށާއި އެގޮތުން މި އަހަރު ނިމުމުގެ ކުރިން އެ އެއާޕޯޓަށް ރޭގަނޑު ފްލައިޓް ޖެއްސޭ ވަރަށް ލައިޓްތައް ހަރުކުރެވޭނެ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން ފުނަދޫ އެއާޕޯޓުގެ ޓާމިނަލަށް ބޭނުންވާ ހިދުމަތްތައް ވެސް ތައާރަފްކުރާނެ ކަމަށާއި އަދި މި މަޝްރޫއުގެ ތެރެއިން ލަގެޖް ބެލްޓެއް ގާއިމުކުރުން ވެސް ހިމެނޭ ކަމަށް ޝަރީފް ވިދާޅުވި އެވެ.

ފުނަދޫ އެއާޕޯޓުގެ ރަންވޭގެ ދިގުމިނުގައި 1200 މީޓަރު އަދި ފުޅާމިނުގައި 30 މީޓަރު ހުރެ އެވެ. އަދި ޓެކްސީވޭގައި 90 މީޓަރު ހުންނައިރު، 150 މީޓަރުގެ ދިގުމިނާއި 50 މީޓަރުގެ ފުޅާމިން ހުރި އޭޕްރަނެއް އެ އެއާޕޯޓުގައި ހިމެނެ އެވެ.

ފުނަދޫ އެއާޕޯޓް ހުޅުވީ 2020 ގަ އެވެ.