Last Updated: July 3, 05:36
Friday, July 3, 2026
ޚަބަރު

އައްޑު އަށް ބޭނުމީ ޖަނަރޭޓަރެއް، ބައިބައި ކުރަން ވޯޓެއް ނޫން

އައްޑޫ ސިޓީއަށް ބޭނުން ވަނީ ކަރަންޓުގެ މައްސަލަ ހައްލުކުރަން ޖަނަރޭޓަރެއް ކަމަށާއި، ބައިބައިކުރަން ވޯޓެއް ނޫން ކަމަށް އައްޑޫގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.

އައްޑޫގެ ތިން އަވަށެއްގައި ރަށު ކައުންސިލް ހަދަން ފެނޭތޯ ބެލުމަށް މި މަހު 25 ގައި ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ވަނީ ހަމަޖެހިފަ އެވެ. ރަށު ކައުންސިލް ހަދަން ފެނޭތޯ ވޯޓް ނަގަން ހަމަޖެހިފައި ވަނީ ފޭދު އާއި މީދޫގެ އިތުރުން ހުޅުދޫގަ އެވެ.

އައްޑޫ ކައުންސިލްގެ ރަސްމީ ޖަލްސާގައި އިއްޔެ ވާހަކަދައްކަމުން ނިޒާރު ވިދާޅުވީ އައްޑޫ ސިޓީއެއްގެ ގޮތުގައި އޮވެގެން މައްސަލަތަކެއް ހުރިނަމަ، އެ މައްސަލަ ހައްލުކޮށްދޭން ޖެހެނީ ބައިބައިކޮށްގެން ނޫން ކަމަށާއި މިހާރު ކުރަން އުޅޭ ކަމަކީ ނުބައި އެޖެންޑާއެއްގެ ދަށުން ކުރާ ކަމެއް ކަމަށެވެ. އަދި މިއީ ސަރުކާރުން ބޭނުންވާ ކަންކަން ނުކުރެވުމުން ކުރާ ކަންތައްތަކެއް ކަމަށާއި މި އަނދަވަޅުގައި ރައްޔިތުން ނުޖެހުމަށް ނިޒާރު ގޮވާލެއްވި އެވެ.

"މި ވޯޓަށް ކުރާ ހަރަދު ނުކޮށް ފެނަކަ އިންޖީނެއް ހޯދަންވީ ނޫންތޯ؟ އައްޑޫ ރޫޅާލަން، މި ބޮޑު ބޭކާރު ހަރަދުނުކޮށް އައްޑޫއަށް އިންޖީނެއް ހޯދައިދިނީއްޔާ މާ ރަނގަޅު ރައީސުލްޖުމްހޫރިއްޔާ،" ނިޒާރު ވިދާޅުވި އެވެ.

ނިޒާރު ވިދާޅުވީ އައްޑޫ ކައުންސިލުން ފޭދޫ އާއި މީދޫ އަދި ހުޅުދޫ ވަކިކުރަން ކުރާ މަސައްކަތަކީ މަކަރުވެރި ރޭވުމެއް ކަމަށާއި އަދި މިކަމުގައި ސަރުކާރުގެ ސްޓޭންޑެއް ނެތް ކަމަށް ބުނި ނަމަވެސް އެއީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ. މިއީ ދެތިން ހަތަރު މީހެއްގެ ވިސްނުމަށް ސަރުކާރުން ނަގާ ވޯޓެއް ކަމަށާއި އަދި މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ދެވޭ ވޯޓެއް ކަމަށްވެސް ނިޒާރު ވިދާޅުވި އެވެ.

"ރައީސް މުއިއްޒަށް އައްޑު ސިޓީ ރައްޔިތުން ވޯޓުދޭންޖެހޭ އެއްވެސް ސަބަބެއް އިތުރަކަށް ނޯންނާނެ. ދެ އަހަރު ވެގެންދިޔައިރު ގާ ބުރިއެއް ވެސް މިތަނުގައި ބާއްވާފައެއް ނެތް،" ނިޒާރު ވިދާޅުވި އެވެ.

އައްޑޫގައި ވަކިވަކި ކައުންސިލްތައް ހަދަން ފެނޭތޯ ބަލަން ހިޔާލު ހޯދުމުގެ ވޯޓެއް މި މަހު ނަގާނެކަން ރައީސް މުއިއްޒު އިއުލާން ކުރެއްވީ މިދިޔަ މަހުގެ 17 ގަ އެވެ.

ރައީސް ވިދާޅުވީ އެންމެ ފަހުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އައްޑު އަށް ކުރެއްވި ދަތުރުފުޅުގައި ވެސް އެކަން އެ މަނިކުފާނާ ހަމައަށް އައިސްފައިވާ ކަމަށެވެ. އަދި ރައްޔިތުން އެދޭ ކަހަލަ ދާއިމީ ހައްލެއް ގެނެސް ދެއްވާނެ ކަމަށް އައްޑޫ މީހުންނަށް ވައުދުވެވަޑައިގެންނެވި ކަމަށް ރައީސް ވިދާޅުވެފައިވެ އެވެ.