Last Updated: July 3, 05:36
Friday, July 3, 2026
ޚަބަރު

72 ކިލޯ ޑްރަގް މައްސަލަ ބޭރުކޮށްލުން މުރާޖައާކުރަން ހުށަހަޅަނީ

އިރުފާން ތަގިއްޔު އަދި އޭނާގެ ވަކީލު ސުޕްރީމް ކޯޓުގައި-

ރާއްޖެއަށް 72 ކިލޯގެ ޑުރަގް އެތެރެކުރި މައްސަލައިގައި ދައުވާކޮށްފައިވާ ސ. ހުޅުދޫ، ދޭލިޔާގެ، އިރުފާން ތަގިއްޔުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކުރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފުކުރުމަށް ހުށަހެޅުމުން، އެ މައްސަލަ ބަލައިނުގަތުމަށް ރަޖިސްޓްރާ ނިންމުމާ ގުޅިގެން، އެ ނިންމުން މުރާޖައާކުރަން ހުށަހެޅުމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ނިންމައިފި އެވެ.

އެ މައްސަލަ ހައިކޯޓުން ބޭރުކޮށްލީ އިސްތިއުނާފުގެ ރަޖިސްޓްރޭޝަން ފީ ދައްކާފައިނުވާތީ ކަމަށް ބުނެ އެވެ.

ޕީޖީ އޮފީހުން ބުނީ އިސްތިއުނާފު ރަޖިސްޓްރީކުރުމަށްޓަކައި ދަންކަންޖެހޭ ފީ ދެއްކުމަށް އަންގާ ލިޔުން މި މަހުގެ 5 ވަނަ ދުވަހު އެ އޮފީހަށް މެއިލްކުރިކަމަށް ހައިކޯޓުގެ ރަޖިސްޓްރާގެ ނިންމުމުގައި ބަޔާންކޮށްފައިވީ ނަމަވެސް، އީމެއިލް އެ އޮފީހުގެ ކަނޑައެޅިފައިވާ އީމެއިލްއަށް ލިބިފައި ނުވާ ކަމަށެވެ.

އެފަދަ ލިޔުންތައް ފޮނުވުމަށް ކަނޑައެޅިފައިވާ އީމެއިލްއަށް އެ ދުވަހާއި ޖެހިގެން އައި ދުވަހުވެސް ހައިކޯޓުން އެކި އީމެއިލްތައް ކޮށްފައި ހުރިނަމަވެސް، ޢިރުފާން ތަޤިއްޔުގެ މައްޗަށް ރައްދުވާ އިސްތިއުނާފު މައްސަަލައާ ގުޅޭ އީމެއިލް ލިބިފައި ނުވާ ކަމަށްވެސް ޕީޖީ އޮފީހުން ބުންޏެވެ.

"އެހެންކަމުން މި ނިންމުން މުރާޖަޢާކުރުމަށް މި އޮފީހުން ހުށަހަޅާނަމެވެ. އަދި މި ނިންމުމަކީ ހައިކޯޓުން އިސްވެ މުރާޖަޢާކުރަންޖެހޭ ނިންމުމެއްކަމަށް ދެކެމެވެ،" ޕީޖީ އޮފީހުން ބުންޏެވެ.

ރާއްޖެއަށް ކަނޑުމަގުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުންގެ އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި މެރިން ޕޮލިސް ގުޅިގެން ޑިސެމްބަރު 2020 ގައި ހިންގި އޮޕަރޭޝަންގައި އިރުފާނާއެކު ޖުމުލަ 10 މީހަކު ހައްޔަރުކުރި އެވެ.