Last Updated: June 27, 20:02
Saturday, June 27, 2026
ވިޔަފާރި

އުރީދޫ ސަބްމެރިން ކޭބަލަކުން މުޅި ރާއްޖެ ގުޅާލަނީ!

މުޅި ރާއްޖޭގައި ސަބްމެރިން ކޭބަލް އެޅުމުގެ ޕްރޮޖެކްޓް އިފްތިތާހު ކުރުމަށް އުރީދޫއިން ހޮޓެލް ޖެންގައި މިރޭ ބެއްވި ރަސްމިއްޔާތުގެ ތެރެއިން-- ސަން ފޮޓޯ/

އުރީދޫ މޯލްޑިވްސްއިން ފައިބަ އޮޕްޓިކް ސަބްމެރިން ކޭބަލް އަޅައިގެން މުޅި ރާއްޖެ ގުޅާލުމުގެ ބިޔަ މަޝްރޫއެއް ހިންގުމަށް ޗައިނާގެ ހުއާވޭ ކުންފުންޏާއި މިރޭ ހަވާލުކޮށްފިއެވެ.

ހޮޓެލް ޖެންގައި މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ހުއާވޭ ކުންފުންޏާއި އެކު އުރިދޫން އެއްބަސްވެފައިވަނީ 1200 ކިލޯ މީޓަރުގެ ދިގު ކޭބަލް އަންނަ އަހަރު ނިމުމުގެ ކުރިން އަޅާ މުޅި ރާއްޖެ ގުޅާލުމަށެވެ. މި މަޝްރޫއަށް ޖުމްލަ 25 މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް އުރީދޫން ބުންޏެވެ.

މިރޭގެ ރަސްމިއްޔާތުގައި ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވީ ދިވެހި ސަރުކާރުގެ އަމާޒަކީ، މި ސަރަހައްދުގައި ޑިޖިޓަލް ދާއިރާއިން އެންމެ ކުރިއަރާފައިވާ ގައުމަށް ދިވެހިރާއްޖެ ހެދުންކަމަށެވެ. އަދި އުރީދޫގެ ނޭޝަންވައިޑް ސަބްމެރިން ކޭބަލް ޕްރޮޖެކްޓްއާ ގުޅިގެން ސަރުކާރުގެ މި އަމާޒަށް ވާސިލްވުމުގައި ވަރަށްބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް އުމަރު ނަސީރު ވިދާޅުވިއެވެ.

"ޑިޖިޓަލް ފައިދާތައް ރައްޔިތުންނާ ހަމައަށް ގެނެސްދިނުމުގައި އުރީދޫގެ ފަރާތުން ލިބޭ އެއްބާރުލުމާއި ތަރުޙީބަށް އަޅުގަނޑުމެން ޝުކުރުވެރިވަން" އުމަރު ވިދާޅުވިއެވެ.

އުރީދޫން ބުނީ އެކުންފުނިން ރާއްޖެ ގުޅާލަނީ ހުއާވޭ މެރިން 100ޖީ ޓެކްނޮލޮޖީ މެދުވެރިކޮށްކަމަށެވެ. އަދި މި ޕްރޮޖެކްޓުގެ ސަބަބުން އެ ކުންފުނިން ރާއްޖޭގެ މުވާސަލާތީ އިންފްރާސްޓްރަކްޗަ ތަރައްގީކޮށް، ޑިޖިޓަލް ކުރިމަގަކަށް ހުޅުވާދިނުމަށް ކުރާ މަސައްކަތަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށެވެ.

ރާއްޖޭގައި ފޯނުގެ ހިދުމަތް ދެ ވަނަ އަށް ދޭން ފެށި އުރޫދޫ އިން ބުނީ އަލަށް ފަށާ ޕްރޮޖެކްޓުގައި ހުއާވޭ މެރިންއިން ފޯރުކޮށްދޭނީ އެންމެ ފަހުގެ ކުރިއަރައިފައިވާ އޮޕްޓިކަލް ޓެކްނޮލޮޖީ ކަމަށާއި އެ ޓެކްނޮލޮޖީ މެދުވެރިކޮށް ނެޓްވާކް ކެޕޭސިޓީ އާއި ފްލެކްސިބިލިޓީ އިތުރުކުރެވިގެންދާނެ ކަމަށެވެ.

ދާދި ފަހުން ސަރުކާރުން ވަނީ އުރީދޫއަށް މުޅި ރާއްޖެއަށް އިންޓަނެޓް ފޯރުކޮށްދިނުމަށް ހުއްދަ ދީފައެވެ. އެކުންފުނިން އަންނަނީ ރާއްޖޭގެ މުވާސަލާތީ ހިދްމަތަށް އިންގިލާބެއް ގެންނަމުންނެވެ.