Last Updated: June 6, 19:23
Saturday, June 6, 2026
ޚަބަރު

ރިޝްވާންގެ އިސްތިއުފާ އަށް އައްބާސް ގޮވާލައިފި

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ސީއީއޯ މުހައްމަދު ރިޝްވާން އިސްތިއުފާ ދެއްވަން ވެލިދޫގެ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު އައްބާސް ގޮވާލައްވައިފި އެވެ.

އެމްޕީއެލްގެ ހުޅުމާލޭ ބަނދަރުގެ ހުއްޓައި ދެ ކޮންޓޭނަރުގެ ސިނގިރޭޓު ވަގަށް ނެގި މައްސަލައާ ގުޅިގެން ބަނދަރުގެ ސެކިއުރިޓީ ވަރުގަދަ ކުރާނެ ކަމަށް ބުނެ ކުންފުނިން ނެރުނު ބަޔާނާ ގުޅިގެން ފާޑު ވިދާޅުވެ، އައްބާސް ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ
ސެކިއުރިޓީ ވަދުގަދަ ކުރަން އިތުރަށް އަޅާނެ ފިޔަވަޅެއް މިހާރަކު ނުހުންނާނެ ކަމަށެވެ.

"އިތުރު ބަހަނާ ނުދައްކަވައި ،މޮ ޅުވާހަކަތަށް ނުދައްކަވައި އިހުލާސްތެރި ކަމެއް ހުރި ނަމަ މިހާރުން މިހާރަށް މަނިކުފާން އިސްތިއުފާ ދިނުން އެއީ ޤައުމަށް ރައްޔިތުންނަށް އެންމެ ރަނގަޅުވާނެ ގޮތަކީ،" އޭނަ ވިދާޅުވި އެވެ.

އައްބާސް ވިދާޅުވީ ސިނގިރެޓް ކޮންޓެއިނާތަކުގެ ވައްކަމަކީ ރިޝްވާންގެ އިހުމާލުން ވީ ކަމެއް ކަމަށެވެ. އަދި ބަނދަރުގައި މިހާރުވެސް ހުންނާނީ ދުނިޔޭގެ އެންމެ ކުރިއަރާފައި ހުރި ގައުމުތަކުގެ ބަނދަރުގައި ހުންނަ ކަހަލަ ސިސްޓަމް ކަމަށް ވިދާޅުވި އެވެ.

ކޮންޓެއިނާތަކުގައި 13 މިލިއަން ރުފިޔާގެ ސިނގިރެޓް ގެއްލުނުކަން މި މަހުގެ 8 ގައި އެނގުނީ ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާނަށާއި ރިޝްވާންެ އިތުރުން ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް ފާތުމަތު ދިޔާނާ އަށް ސްރީ ލަންކާގެ ނަންބަރަކުން ލިބުނު މެސެޖަކާ ގުޅިގެން، ދެ ކޮންޓެއިނަރު ހުޅުވުމުންނެވެ.

މި މައްސަލައިގައި ހަތަރު މީހަކު ހައްޔަރުކޮށް އެ މީހުންގެ ބަންދަށް މުއްދަތު ވެސް ޖަހާފައިވެ އެވެ.

އެމްޕީއެލުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ އެ ވައްކަމާ ގުޅިިގެން ކުންފުނިން ކުރިއަށް ގެންދާ ތަހުގީގުގެ ތެރެއިން ހަ މުވައްޒަފަކު ސަސްޕެންޑްކޮށް، ބަނދަރުގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރަން އިތުރު ފިޔަވަޅުތަކެއް އަޅާނެ ކަމަށެވެ.

އެމްޕީއެލްގެ ސީއީއޯ/އެމްޑީއަކަށް ރިޝްވާ އައްޔަންކުރީ މި އަހަރުގެ ފެބްރުއަރީ މަހުގެ 5 ގަ އެވެ.