Last Updated: June 7, 06:04
Sunday, June 7, 2026
ޚަބަރު

އައްޑޫ ބައިބައި ކުރަން އުޅެނީ މަކަރުވެރި ނިޔަތެއްގައި

އައްޑޫގެ ބައެއް އަވަށްތަކުގައި ރަށު ކައުންސިލް ހަދަން ފެނޭތޯ ވޯޓެއް ނަގައި ބައިބައި ކުރަން އުޅެނީ މަކަރުވެރި ނިތަޔެއްގައި ކަމަށް ވެލިދޫ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެ އެވެ.

ފޭދު އާއި މީދޫ އަދި ހުޅުދޫގައި ރަށު ކައުންސިލް ހަދަން ފެނޭތީ މި މަހުގެ 25 ގައި ރައިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ތައްޔާރުވަމުންދާ އިރި، ސޯޝަލް މީޑިއާ ޕޯސްޓެއްގައި އެމްޑީއޭ އަށް ނިސްބަތްވާ މެންބަރު ވިދާޅުވީ ގަދަރު އުފުލިގެންވާ އަައްޑޫގެ ރީތި ނަން އުވާލައި ވަކި ރަށްތަކެއްގެ ގޮތުގައި ހަދައި ރައްޔިތުންގެ މެދުގައި ފިތުނަ އުފައްދައި އައްޑޫ ބައިބައި ކުރަން ސަރުކާރުން މިއުޅެނީ ކޮން ކަހަލަ މަކަރުވެރި ނިޔަތެއްގައި ކޮން މަގުސަދެއް ހާސިލް ނުވެގެން ކަމެއް ވިސްނިވަޑައިނުގަންނަވާ ކަމަށެވެ.

"އައްޑޫ ފަހުރުވެރި އައްޑޫގެ ގޮތުގައި އަޑު އަހަމުން އައީ އެެއް ރަށެއްގެ އަދި އެއްބައެއްގެ ގޮތުގައި.. އެކި ރަށަށް އެކި ނަމުން ނަން ދީފައިވީ ނަމަވެސް ސިޓީއެއްގެ ދަރަޖަ ދެވިފައިވާ އިރު އައްޑޫ ސިޓީއަކަށް ތަރައްޤީ ކުރުމުގެ ވިސްނުން ދޫކޮށް ލައްވާފައި އައްޑޫ ޤަދަރު އުފުލިގެންވާ މިރީތި ނަން އުވާލާ އެއީ ވަކި ރަށް ތަކެއްގެ ގޮތުގައި ހަދާ ރައްޔިތުން ގެ މެދުގައި ފިތުނަ އުފައްދާ އައްޑޫ ބައިބައި ކުރަން ސަރުކާރުން މިއުޅެނީ ކޮން ކަހަލަ މަކަރުވެރި ނިޔަތެއްގައި ކޮން މަގުސަދެއް ހާސިލް ނުވެގެން ކަމެއް ނުވިސްނުނު. އައްބާސް ވިދާޅުވި އެވެ.

އޭނަ ވިދާޅުވީ މިކަމާ ގުޅިގެން އުފެދޭ ސުވާލަކީ މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބަށް އައްޑޫ ރައްޔިތުންނަށް ވެވަޑައިގެންނެވި އެއްވެސް ވަޢުދެއް ނުފުއްދެވުނީމައި ހައްދަވާ ގޮތެއްތޯ ކަމަށެވެ.

"ނުވަތަ ރައްޔިތުންގެ މަޖިލީސް އިންތިހާބަށް ވެވަޑައިގެންނެވި އެއްވެސް ވަޢުދެއް ނުފުއްދެވުނީމައި އައްޑޫގެ ރައްޔިތުންގެ މެދުގައި ފިތުނަ އުފައްދާ ބައިބައި ކުރަން ކުރައްވާ ކަމެއްތޯ؟" އައްބާސް ވިދާޅުވި އެވެ. "ނުވަތަ އައްޑޫ ރައްޔިތުންގެ މެދުގައި އޮތް އައްޑޫގެ ވަތަނީ ރޫހް ގެއްލުވާލާ އައްޑޫ ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ ބަދަލުގައި އައްޑޫ ރައްޔިތުން އުންމީދުތަކާ ގުޅިފައިވާ ތަރައްޤީ ނެތިކޮށްލާ އައްޑޫ ރައްޔިތުން މާލެ އަށް ގުޅަ ޖައްސާ ބައިބައި ކޮށްލަނީތޯ؟"

އައްބާސް ވިދާޅުވީ އައްޑޫ ރައްޔިތުންނަކީ ތަޢުލީމީ، އެހާމެ ވިސްނުން ތޫނު އަދި އެންމެ ދުރުވިސްނޭ، ހޭބުއްދިވެފައި ތަންދޮރު ދަންނަ ހެވާއި ނުބައި ވަކިވާ ބަޔަކު ތިބު ތަނެއް ކަމަށް އެނގިވަޑައިގަންނަވާ ކަމަށެވެ.

"އައްޑޫ ގެ ރައްޔިތުންގެ ސިކުޑިތަކާ ކުޅެލުމަކީ ކޮންމެ ކޮންމެ މީހަކަށް ކުރެވޭ ވަރު ކަމެއް ނޫން،" އޭނަ ވިދާޅުވި އެވެ. "ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން އަޅުގަނޑު ދަންނަވާނީ ފަހުރުވެރި އައްޑޫ މި ނަން އުވާލާ ބައިބައި ކުރުމާ އަޅުގަނޑު ދެކޮޅު."