Last Updated: June 8, 15:03
Monday, June 8, 2026
މުނިފޫހިފިލުވުން

އަންނަ އަހަރުގެ ފުރަތަމަ ފިލްމަކަށް 'ޕަރީ'

އޮލިމްޕަހަށް އަންނަ އަހަރު ގެންނަ ފުރަތަމަ ފިލްމަކަށް އަލީ ސީޒަންގެ "ޕަރީ" ވެއްޖެ އެވެ.

އޭނަ ޕްރޮޑިއުސްކޮށް، ޑައިރެކްޓްކޮށް އަދި މުހިއްމު ރޯލެއް ވެސް ކުޅެފައިވާ މި ބިރުވެރި ފިލްމު ޕްރީމިއާ ކުރަން ނިންމާފައި ވަނީ ޖެނުއަރީ 7 ގަ އެވެ.

ޝޫޓިން ނިންމާލައި މިހާރު ޕޯސްޓް-ޕްރޮޑަކްޝަން މަރުހަލާގަި އޮތް "ޕަރީ" އަކީ ސްރީ ލަންކާގެ އިތުރުން ރާއްޖޭގައި ޝޫޓްކޮށްފައިވާ ފިލްމެކެވެ. މީގެ މައިގަނޑު ޕްލޮޓް އެނބުރެނީ ލަންކާގައި ދިރިއުޅޭ ދިވެހި އާއިލާއަކަށް ކުރިމަތިވާ ބިރުވެރި ހާދިސާތަކެއްގެ މައްޗަށެވެ.

އެގޮތުން "ޕަރީ" ގެ ވަރަށް މުހިއްމު ރޯލަކުން ކުޑަ އަންހެން ކުއްޖަކު ފެންނާނެ އެވެ.

ފިލްމުގެ މައިގަނޑު ކާސްޓުންގެ ތެރޭގައި ސީޒަން، އައިޝަތު ރިޝްމީ، ޝީލާ ނަޖީބު އަދި ޖުމައްޔިލް ނިމާލު ހިމެނެ އެވެ.

"ޕަރީ" ޖެނުއަރީގައި ގެނެސްދޭން ތައްޔާރުވަމުން އަންނަ އިރު، ސީޒަން ޑައިރެކްޓްކޮށް، ރޯލެއް ކުޅެފައިވާ ކޮމެޑީ ފިލްމު "ކޮސް ގިނަ މިސްޓޭކް" އަންނަ މަހުގެ 5 ގައި އޮލިމްްޕަހަށް އަންނާނެ އެވެ. ވަރަށް ބޮޑު ކާސްޓެއް ހިމެނޭ މި ފިލްމަކީ ޕްރޮޑިއުސަރު އަލީ ޝާނީޒްގެ ސެޓާން ސްޓޫޑިއޯ އާއި ޕްރޮޑިއުސަރު އިސްމާއީލް ޝަފީގުގެ ޝައި ޕްރޮޑަކްޝަން ގުޅިގެން ގެނެސްދޭ ފިލްމެކެވެ.