Last Updated: June 6, 06:06
Saturday, June 6, 2026
ރިޕޯޓް

ޖަނާޒާގައި ބައިވެރިވުން އޮންނަނީ ކިހިނެއް؟

މި ދުނިޔޭގެ ލައްޒަތާއި، މާއްދީ އެދުންތަކާއި، ދުނިޔޭގައިވާ ތަކެއްޗާއި ކަންކަން ވެފައިވަނީ އުޚުރަވީ ޙަޔާތުގެ މަތީން މީސްތަކުން ހަނދުމަ ނެތިކުރުވާ ސަބަބުތަކެއްކަމުގަ އެވެ. މުސްލިމުންގެ ޖަނާޒާގައި ބައިވެރިވުމަކީ އެކަމުގެ ސަބަބުން މަރާއި އާޚިރަތުގެ މަތިން ހަނދާން އާކޮށްދޭ ކަމެކެވެ.

މަރުވެފައިވާ މުސްލިމެއްގެ ސަންދޯއް ގެންދެވޭ ހިނދު އެތަންދެކޭ ކޮންމެ މުސްލިމަކު އޭގެ ފަހަތުން ދިއުމަކީ އޭނާގެމައްޗަށް ވާޖިބުވެގެންވާ އަދި މަރުވެފައިވާ މުސްލިމް އަޚާއަށް ދޭންޖެހޭ ޙައްޤެކެވެ. ރަސޫލާ صلى الله عليه وسلمޙަދީޘްކުރެއްވިއެވެ.

“حَقُّ المُسْلِمِ عَلَى المُسْلِمِ خَمْسٌ: رَدُّ السَّلاَمِ وَإِعَادَةُ المَرِيْضِ وَاتِّبَاعُ الجَنَائِزِ وَإِجَابَةُالدَّعْوَةِ وَتَشْمِيْتُ العَاطِسِ”

މާނައީ: ”އެއް މުސްލިމަކު އަނެއް މުސްލިމެއްގެ މައްޗަށް އަދާކުރަންޖެހޭ ފަސް ޙައްޤެއްވެއެވެ. އެއީ ސަލާމް ގޮވާލާހިނދު އޭގެ ޖަވާބުދިނުމާއި، ބަލިވެއުޅޭއިރު އޭނާއަށް ޒިޔާރަތްކުރުމާއި، މަރުވުމުން ޖަނާޒާގައި ބައިވެރިވުމާއި، ކެއުމަށް ދަޢުވަތު ދެވޭހިނދު އެދަޢުވަތު ޤަބޫލުކުރުމާއި، ކިނބިހި އަޅާހިނދު ހެޔޮދުޢާކުރުމެވެ.” (ޞަޙީޙުލްބުޚާރީ. ޞަޙީހްމުސްލިމް)

އަދިވެސް ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. “ބަލިމީހުންނަށް ޒިޔާރަތް ކުރާށެވެ. އަދި މައްޔިތާ (ސަންދޯއް) ގެންދެވޭހިނދު އެއާއި އެކުގައިގޮސް ޖަނާޒާގައި ބައިވެރިވާށެވެ. ފަހެ، އެއީ އެކަމުގެ ސަބަބުންތިޔަބައިމީހުންނަށް އަންނަންއޮތް ޙަޔާތުގެ މަތިން ހަނދާން އައުކޮށްދޭ ކަމެކެވެ”. (ޞަޙީޙުލްބުޚާރީ)

ސަންދޯއް ގެންދެވޭ ހިނދު އެސަންދޯކާއި އެކުގައި ޖަނާޒާގައި ބައިވެރިވެގެންދާމީހުން ސަންދޯކުގެ ކުރިންނާއި ފަހަތުން އަދި ސަންދޯކުގެ ދެފަރާތުން ސަންދޯކާއިއެކުގައި ދެވިދާނެއެވެ. އެހެން ނަމަވެސް ސަވާރީއެއްގެ މަތީގައި ނުވަތަ ދުއްވާ އެއްޗެއްގެ މަތީގައި އަންނަ މީހުން އަންނާންޖެހޭނީ ސަންދޯކުގެ ފަހަތުންނެވެ. ކީރިތި ރަސޫލާ صلى الله عليه وسلمޙަދީޘްކުރެއްވިއެވެ.

“الرَّاكِبُ يَسِيْرُ خَلْفَ الجَنَّازَةِ وَالمَاشِى يَمْشِى خَلْفَهَا وَأَمَامَهَا وَ عَنْ يَمِيْنِهَا وَعَنْيَسَارهَا قَرِيْبًا مِنْهَا”

މާނައީ: “ސަވާރީއެއްގައި ދާމީހާ އަންނަންޖެހޭނީ ސަންދޯކުގެ ފަހަތުންނެވެ. ފައިމަގުގައި ހިނގާފައިދާމިހުން ސަންދޯކުގެ ކުރިންނާއި ފަހަތުން އަދި އޭގެ ކަނާތްފަރާތުންނާއި ވާތްފަރާތުން ސަންދޯކާއި ގާތުގައި ތިބެގެންދާށެވެ.” (ސުނަނު އަބޫދާވޫދު، ސުނަނު އިބްނުމާޖާ، މިޝްކާތުލް މަޞާބީޙް، ޞަޙީޙް ސުނަނު އަބީދާވޫދު)

ޖަނާޒާގައި ބައިވެރިވުމަށް ސަންދޯކާއިއެކުގައި ދިއުން އެންމެ އިތުރުވެގެންވަނީ ސަންދޯކުގެ ފަހަތުން ދިއުންކަމުގައި ވެއެވެ. އެހެނީ ކީރިތި ރަސޫލާ صلى الله عليه وسلم އެކަލޭގެފާނުންގެ ޞަޙާބީންނަށް ވަރަށް ގިނަ ފަހަރު މަތިން ސަންދޯކުގެ ފަހަތުން ދިއުމަށް އަމުރުކުރައްވާފައިވެއެވެ. އަދި ޢަލީބުނު އަބީޠާލިބު ވިދާޅުވެފައިވާ މިބަސްފުޅުން އެކަން ދޭހަވެ އެވެ. “ޖަމާޢަތުގައި ކުރާ ނަމާދު އެކަނި ނަމާދުކުރާމީހާގެ ނަމާދަށްވުރެ މާތްފަދައިން، ސަންދޯކުގެ ފަހަތުން ހިނގާފައިދިއުން އޭގެކުރިންދިއުމަށްވުރެ މޮޅުއިތުރު ވެގެންވެއެވެ.” (މިރިވާޔަތް ގެންނަވާފައިވަނީ އަލްމުޞައްނަފްގައި އިބްނުއަބީ ޝައިބާ، އަޙްމަދު އަދި އަޙުކާމުލްޖަނާއިޒްގައި.)

ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. “އީމާންތެރިކަމާއިއެކު ޘަވާބާއި ދަރުމަ އިތުރުކުރުމުގެ އެދުމުގައި، މުސްލިމެއްގެ ސަންދޯއް ގެންދެވޭ ހިނދު އެއާއިއެކުގައި ގޮސް މައްޔިތާގެ މައްޗަށް ކަށުނަމާދުކޮށްފި މީހަކަށްޤީރާތެއްގެ ޘަވާބާއި ދަރުމަހުއްޓެވެ. އަދި ހަމައެފަދައިން އެސަންދޯކާއި އެކުގައިގޮސް މައްޔިތާ ވަޅުލުމާއި ހަމައަށް ޖަނާޒާގައި ބައިވެރިވެއްޖެ މީހަކަށް ދެޤީރާތު ލިބޭހުއްޓެވެ.” ދެން ދެޤީރާތަކީ ކޮން އެއްޗެއްތޯ އެކަލޭގެފާނަށް ސުވާލު ދެންނެވުމުން ޖަވާބުގައި ޙަދީޘްފުޅު ކުރެއްވިއެވެ. “އޭގެ ބޮޑުމިން އެއްވަރުވެގެންވަނީ ބޮޑުވެގެންވާ ދެ ފަރުބަދައާއިއެވެ. (ދެޤީރާތުގެ ތެރެއިންކުޑަމިންވަރުގައިވެސް ޢުޙުދުފަރުބަދައިގެ ބޮޑުމިންހުރެއެވެ.)” (ޞަހީޙުލް ބުޚާރީ، ޞަޙީޙް މުސްލިމް( ބުރެކެޓްތެރޭގައިއިތުރުކޮށްފައިވާބަޔަކީ މުސްލިމްގެ ރިވާޔަތުގައި ވާބަޔެކެވެ.(

ކީރިތި ރަސޫލާ صلى الله عليه وسلمގެ ރަސޫލުކަމުގެ ކުރީކޮޅު ސަންދޯކެއް އެކަލޭގެފާނު ހުންނެވި ހިސާބަކުން ގެންދެވޭަ ކަމުގައިވާނަމަ އެސަންދޯއް، އެކަލޭގެފާނު ހުންނެވި ތަނެއް ފަހަނައަޅައިފުމަށް ދާނދެން ކޮޅަށް ތެދުވެވަޑައިގެން ހުންނަވައެވެ. އެހެންނަމަވެސް ފަހުން އެގޮތަށް ޢަމަލުކުރެއްވުން ހުއްޓަވާލެއްވިއެވެ. ޢަލީބުނު އަބީޠާލިބު ކޫފާގެ މައިދާނުގައި ވިދާޅުވަނިކޮށް މަސްޢޫދު ބުނު އައްޒަރްޤީ އަޑުއެއްސެވިކަމަށް ރިވާވެގެންވެއެވެ.

كَانَ رَسُولُ اللهِ صلى الله عليه وسلم أَمَرَنَا بالقِيَامِ فِى الجِنَازَةِ ثُمَّ جَلَسَ بَعْدَ ذَلِكَ وَأَمَرَنَا بِالجُلُوْسِ

މާނައީ: ”އެންމެފުރަތަމަ އަހަރުމެންނަށް ﷲގެ ރަސޫލާ صلى الله عليه وسلم ސަންދޯކެއް ގެންދެވޭކަމުގައި ވާނަމަ ކޮޅަށްތެދުވުމަށް އަމުރުކުރައްވައެވެ. އެހެންނަމަވެސް ފަހުން އިށީނުމަށްވެސް އެކަލޭގެފާނު އަހަރުމެންނަށް އަމުރު ކުރެއްވިއެވެ.” (ޞަޙީޙް މުސްލިމް. އަޙްމަދު، އަލްބައިޙަޤީ، އިބްނު ޙިއްބާން، ސުނަނު އަބޫދާވޫދު، ސުނަނު އިބްނު މާޖާ(ވ

* ޖަނާޒާގައި އަންހެނުންގެ ބައިވެރިވުންް

ސަންދޯއް ގެންދެވޭ ހިނދު އެއާ އެކުގައި ދިއުމާއި، ޖަނާޒާގައި ބައިވެރިވުމަކީ ހަމައެކަނި ރިހެނުންނަށްޓަކައި ޚާއްޞަވެފައިވާ ކަމެކެވެ. އަދި އޭގެ ދަރުމައާއި ޘަވާބަކީވެސް އެބައި މީހުންނަށްޓަކައިވާ އެއްޗެކެވެ. ކީރިތި ރަސޫލާ صلى الله عليه وسلم އަންހެނުން ޖަނާޒާގައި ބައިވެރިވުން އެކަނބަލުންގެ މައްޗަށް މަނާކުރައްވާފައިވުމުގެ ސަބަބުން އެއީ އެކަނބަލުން ކުރުން އެދެވިގެންވާ ކަމެއް ނޫންކަން ދޭހަވެ އެވެ.

ކޮންމެއަކަސް ކީރިތި ރަސޫލާ صلى الله عليه وسلم އަންހެނުންގެ މައްޗަށް މިކަންތައް މަނާކުރެއްވުމުގައި ކަނޑައެޅިގެން އެކަނބަލުންގެ މައްޗަށް ގަދައަޅުއްވާ އެކަން ނުކުރުމަށްއަމުރެއްނުކުރައްވައެވެ. އެހެންނަމަވެސް ޖަނާޒާގައި ބައިވެރިވުމަކީ އިތުރުއެކަލޭގެފާނު صلى الله عليه وسلمނުރުއްސަވާކަމެކެވެ. މިކަމުގެ ދަލީލަކީ ސަލާމާއި ޞަލަވާތްލެއްވި އިތުރު އެކަލޭގެފާނުންގެ ޞަޙާބާއިންކުރެ އަންހެން ބޭކަނބަލަކު ޖަނާޒާގައި ބައިވެރިވެ ވަޑައިގެންނެވިކަމަށް އައިސްފައިވާ އަންނަނިވި ރިވާޔަތެވެ.

عَنْ أُمُّ عَطِيَّةَ قَالَتْ : نُهِيْنَاعَنِ اتِّبَاعِ الجَنَائِزِ وَلَمْ يُعْزَمْ عَلَيْنَا

މާނައީ: އުއްމު ޢަޠިއްޔާ ވިދާޅުވިއެވެ. “ސަންދޯއް ގެންދެވޭއިރު އޭގެ ފަހަތުން ތިމަންމެން ދިއުން ﷲގެ ރަސޫލާ ނަހީކުރެއްވިއެވެ. އެހެންނަމަވެސް އެކަލޭގެފާނު އަހަރުމެން އެކަމަށް ކިޔަމަންގަތުމުގެ މައްޗަށް ގަދަބާރު އަޅުއްވާ އަމުރެއް ނުކުރައްވައެވެ.” (ޞަހީޙުލް ބުޚާރީ، ޞަޙީޙް މުސްލިމް، ސުނަނު އަބޫދާވޫދު، ސުނަނު އިބްނުމާޖާ)

ގިނަ މީހުން އެއްވެ ހަދާ ބޮޑެތި ޖަނާޒާތަކުގައި އަންހެނުން ބައިވެރިވުމަކީ އެކަނބަލުންގެ މައްޗަށް ރައްކާތެރިކަން ލިބިގެންނުވާ އެކަނބަލުންނަށް ވަރަ ށްދަތި އަދި އުނދަގޫކަން ލިބިގެންވާ ކަމެކެވެ. މިފަދަ ޖަނާޒާތަކުގައި އެކަނބަލުން ބައިވެރިވުމަކީ އެދެވިގެންވާ ކަމެއްނޫނެވެ. އަޅުގަނޑުމެންގެ ތެރެއިން ބައެއް އުޚުތުން ޖަނާޒާއާ އެކު ޤަބުރުސްތާނަށް ނުވަތަ ސަހަރާއަށް އައުމަށްފަހު، މައްޔިތާގެ މައްޗަށް ކަށުނަމާދު ކުރެވެމުން އަންނަ އިރު، ކަށުނަމާދުގައި އެކަނބަލުން ބައިވެރި ނުވެ ތިބޭ ތަން ފެނެ އެވެ.

އެކަނބަލުންގެ ޙާޟިރުގައި ކަށުނަމާދު ކުރެވޭ ކަމުގައިވާ ނަމަ އެ ނަމާދުގައި އެކަނބަލުން ވެސް ބައިވެރިވެ، މައްޔިތާއަށް ހެޔޮދުޢާކުރުމަކީ މައްޔިތާއަށާއި އެ ކަނބަލުންނަށް ފައިދާ ހުރި ކަމެކެވެ. ކީރިތި ރަސޫލާ صلى الله عليه وسلمގެއަނބިކަނބަލުން މާތްﷲ ރުއްސުންލެއްވި ޢާއިޝަތުގެފާނު ބައެއް ޞަޙާބީންގެ ކަށުނަމާދުގައި ބައިވެރިވެ ވަޑައިގަތްކަން ސާބިތުވެ އެވެ.

މަސްދަރު: ނޫރުލްއިސްލާމް