މީގެ ދެ އަހަރު ކުރިން ގެނެސްދިން ފިލްމު "ފަރޭ" އިން ބޮލީވުޑަށް ތައާރަފުވި ބަތަލާ އަލިޒޭ އަގްނިހޯތުރީގެ ދެވަނަ ފިލްމަކީ އެކްޓަރު ރާގަވް ޖުޔާލްއާ އެކު ކުޅެން ހަމަޖެހިފައިވާ ޑައިރެކްޓަރު ވިކާސް ބާލްގެ ފިލްމެއް ރިޕޯޓްތައް ބުނެފި އެވެ.
އަލިޒޭ އަކީ މަޝްހޫރު އެކްޓަރި ސަލްމާން ޚާނަށް ބޮޑުބޭބެ ކިޔާ ބަތަލާއެކެވެ. އޭނަގެ މަންމަ އަކީ ސަލްމާންގެ އެއްބަނޑު އެެއްބަފާ ކޮއްކޮ އަލްވިރާ ޚާނެވެ. އަލިޒޭގެ ބައްޕަ އަކީ ކުރީގެ އެކްޓަރު އަދި މިހާރު ޕްރޮޑިއުސަރެއް ކަމަށްވާ އަތުލް އަގްނިހޯތުރީ އެވެ.
އަލިޒޭ ބޮލީވުޑަށް ތައާރަފުވި 2023 ގެ ފިލްމު "ފަރޭ" އިން އޭނަ އަށް އެންމެ މޮޅު އާ ބަތަލާގެ ގިނަ އެވޯޑްތަކެއް ވެސް ލިބުނެވެ. އޭގެ ތެރޭފައި ފިލްމުފެއާ އާއި އައިފާ އެވޯޑް ވެސް ހިމެނެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން އަލިޒޭ އާއި ރާގަވް ހިމަނައިގެން ވިކާސް ހަދަން ނިންމާފައި ވަނީ 2014 ގެ ފްރާންސްގެ ކޮމެޑީ ޑްރާމާ 'ލެ ފެމިލީ ބެލިއާ" ގެ ހިންދީ ރިމޭކެވެ. އެ ފިލްމުގެ ރިމޭކެއް 2021 ގައި "ކޯޑާ" ގެ ނަމުގައި ހޮލީވުޑުން ވެސް ގެނެސްދީފައިވެ އެވެ.
މިއީ ބީރު އަދި މަންމަން ބަޔަކު އުޅޭ އާއިލާއެއްގައި، ހުރިހާ ހިއްސުތަކެއް ސަލާމަތުން ހުންނަ ހަމައެކަނި މެންބަރު ކަމަށްވާ 17 އަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ.
މި ޕްލޮޓަށް ހަދާ ފިލްމެއްގައި އަލިޒޭ މަސައްކަތްކުރާ އިރު، ސަލްމާނާއި މަނީޝާ ކޮއިރަލާ އެކު ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ އޭނަގެ ފުރަތަމަ ޑައިރެކްޝަންގެ ގޮތުގައި 1996 ގައި ގެނެސްދިން "ހާމޯޝީ: ދަ މިއުޒިކަލް" އަކީ ވެސް ހަމަ މި ކަހަލަ ޕްލޮޓަކަށް ގެނެސްދީފައިވާ ފިލްމެއްކަން ފާހަގަކޮށްލެވެ އެވެ.
މީޑިއާތަކުން ބުނީ އަލިޒޭގެ ފިލްމަށް ޑައިރެކްޓަރު ވިކާސް ތައްޔާރީތައްވަމުން އަންނަ އިރު، ވަރަށް އަވަހަށް އެ ފިލްމު ރަސްމީކޮށް އިއުލާންކޮށް ޝޫޓިން ވެސް ފަށާނެ ކަމަށެވެ. "ކްއީން" އާއި "ސުޕަ 30" ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދިން ވިކާސްގެ އެންމެ ފަހުގެ ޑައިރެކްޝަނަކީ އަޖޭ ދޭވްގަންގެ މިދިޔަ އަހަރުގެ ބިރުވެރި ފިލްމު "ޝައިތާން" އެވެ.
ކުޅަދާނަ ޑައިރެކްޓަރު ދެންމެ އަވަހަށް ގެނެސްދޭނެ ފިލްމަކީ ރޮމޭންޓިކް ކޮމެޑީ "ދިލް ކާ ދަރްވާޒާ ކޯލް ނާ، ޑާލިން" އެވެ. އަންނަ އަހަރު ކުރީކޮޅު ގެނެސްދޭން ގަމަޖެހިފައިވާ މި ފިލްމުގެ ޝޫޓިން މި އަހަރުގެ މެދުތެރޭގައި ނިންމާފައިވާ އިރު، އޭގެ ތަރިންނަކީ ސިދާންތު ޗަތުރަވެދީ އާއި ވަމީގާ ގައްބީގެ އިތުރުން ޖަޔާ ބައްޗަނެވެ.
އަލިޒޭ އާއި ރާގަވް ހިމަނައިގެން ވިކާސް ފިލްމެއް ޑައިރެކްޓް ކުރަން ތައްޔާރުވާ އިރު، މި ހަފުތާގެ ކުރީކޮޅު ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އޭނަ ޕްރޮޑިއުސްކުރާ ލޯބީގެ ބިރުވެރި ފިލްމަކަށް ވެސް ރާގަވް ސޮއިކޮށްފައިވެ އެވެ. "އިކާއީ" ގެ ނަން ދީފައިވާ އެ ފިލްމުގެ ބަތަލާ އަކީ ސައީ މަންޖްރޭކަރް ވެސް މީޑިއާތަކުން ބުނެފައިވެ އެވެ.