Last Updated: June 6, 19:23
Saturday, June 6, 2026
ޚަބަރު

ފައިދާ ހުރި ކާނާ އަގުހެޔޮކޮށް ލިބޭނެ ގޮތް ހަދައި ދޭނަން

ދިވެހިން އާންމުކޮށް ބޭނުންކުރާ ފައިދާ ހުރި ރަނގަޅު ކާނާ ހެޔޮއަގުގައި އަބަދު ބާޒާރުން ލިބޭނެ މަގުފަހިކޮށް ދޭން ސަރުކާރުން މަސައްކަތް ކިރަމުން އަންނަ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާ ގުޅުވައިގެން ރައީސް މިއަދު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ ދުންފަތާއި ވޭޕްގެ ބާވަތްތަކާ ރައްޔިތުން ދުރުހެލި ކުރަން ސަރުކާރުން ފެށި މަސައްކަތުގެ ބޭނުމަކީ، ހަށިގަނޑަށް ގެއްލުން ލިބޭ ކެއިންބުއިމުގެ އާދަތަކާ ރައްޔިތުން ދުރުހެލިކުރުން ކަމަށެވެ.

"އެއާއެކު، ރާއްޖޭގައި ޢާއްމުކޮށް ބޭނުން ކުރާ ފައިދާހުރި ރަނގަޅު ކާނާ ހެޔޮއަގުގައި އަބަދުމެ ބާޒާރުން ލިބޭނެ މަގު ފަހިކުރަން ވެސް ސަރުކާރުން މި ދަނީ ޢަމަލީ ފިޔަވަޅުތަކެއް އަޅަމުން." އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ބަލިތަކާ ދުރުހެލި، ދުޅަހެޔޮ މުޖްތަމަޢެއް ހޯދުމުގައި، އަދި ދަރީންނަކީ ޞިއްޙަތު ރަނގަޅު ކުދި ބަޔަކަށް ހެދުމުގައި އެންމެ އިސްކަން ދޭން ޖެހޭ އެއްކަމަކީ ކެއިންބުއިމުގައި ޞިއްޙީ އާދަތައް ހިފެހެއްޓުން ކަމަށެވެ. އެހެންވެ ގައުމީ ފެންވަރުގައި އެ ކަންކަމަށް ރައްޔިތުން ހޭލުންތެރި ކުރުމުގެ މަސައްކަތް ފުޅާ ދާއިރާއެއްގައި ސަރުކާރުން ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވި އެވެ.

"ދިވެހީންގެ ކެއިންބުއިމުގައި މާތްﷲ ބަރަކާތްލައްވައި، ބަލިތަކާ ދުރު ދުޅަހެޔޮ ބަޔެއްގެ ގޮތުގައި ލަހައްޓަވާށި." ރައީސް ވިދާޅުވި އެވެ.