އާޖެންޓީނާގެ ފުޓްބޯޅަ ތަރި ލައިނަލް މެސީގެ "މެސީ ކަޕް" ބާއްވަން ތައްޔާރުވެއްޖެ އެވެ.
ސޯޅަ އަހަރުން ދަށަށް ހާއްސަކޮށްފައިވާ މި މުބާރާތް ބާއްވަން ހަމަޖެހިފައި ވަނީ ހަ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ގޮތަށް އަންނަ ޑިސެންބަރު މަހުގެ 9-14 އަށެވެ. އަށް ޓީމެއް ވާދަކުރާ ގޮތަށް އަދި ޖުމްލަ 18 މެޗް ކުޅޭ ގޮތަށް "މެސީ ކަޕް" ކުރިއަށް ގެންދަން ނިންމާފައި ވަނީ އެމެރިކާގެ މަޔާމީގެ ފޯޓް ލައުޑަޑޭލްގެ ޗޭސް ސްޓޭޑިއަމްގަ އެވެ.
މުބާރާތުގައި ވާދަކުރާނެ ޓީމުތަކުގެ ތެރޭގައި މެސީ ކުރިން ކުޅެފައިވާ ޓީމުތަކާއި އޭނަ މިހާރު ކުޅެމުން އަންނަ އެމެރިކާގެ އިންޓަ މަޔާމީގެ 16 އަހަރުން ދަށުގެ ޓީމު ވެސް ހިމެނެ އެވެ. މުބާރާޔުގައި ވާދަކުރާ ޓީމުތަކުގެ ތެރޭގައި ބާސެލޯނާ، ރިވަ ޕްލޭޓް، އިންޓަ މިލާން، އެތުލެޓިކޯ މެޑްރިޑް އަދި ނެވެލްސް އޯލްޑް ބޯއި ހިމެނެ އެވެ.
މީގެ އިތުރުން މެންޗެސްޓާ ސިޓީ އާއި ޗެލްސީގެ 16 އަހަރުން ދަށުގެ ޓީމު ވެސް "މެސީ ކަޕް" ގައި ބައިވެރިވާނެ އެވެ.
މި މުބާރާތް އިންތިޒާކޮށްފައި ވަނީ މެސީގެ ޕްރޮޑަކްޝަން ކުންފުނި، '525 ރޮސާރިއޯ' އިންނެވެ.