Last Updated: July 25, 06:01
Saturday, July 25, 2026
ޚަބަރު

ހިތަދޫ ފްލެޓްތަކުގެ އެތެރޭގެ މަގުތަކުގެ ފެންހިންދުން ބީލަމަށް

އައްޑޫ ހިތަދޫ ފްލެޓްތަކުގެ އެތެރޭގެ މަގުތަކުގައި ފެންހިންދާ ނިޒާމު ގާއިމުކޮށް ދޭނެ ބަޔަކު ހޯދަން ކައުންސިލުން ބީލަމަށް ހުޅުވާލައިފި އެވެ.

އެތަނުން ބުނީ މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 2 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. މި ބީލަމާ ގުޅޭ ގޮތުން ބާއްވާ މައުލޫމާތު ދިނުމުގެ ސެޝަނެއް މި މަހުގެ 26 ވަނަ ދުވަހުގެ ހެނދުނު 11:00 ގައި ފްލެޓް ސަރަހައްދުގައި އޮންނާނެ އެވެ.

ބީލަމުގައި ބައިވެރިވާން ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 23 އާ ހަމައަށެވެ. ރަޖިސްޓްރީ ވާނީ ކުންފުނި/ވިޔަފާރީގެ ނަމާއި ފޯން ނަންބަރު އަދި މެއިލް އެޑްރެސް މި މެއިލް [email protected] އަށް ފޮނުވައިގެންނެވެ.

ބީލަން ހުށަހެޅުމާއި ހުޅުވުން އޮންނާނީ އަންނަ މަހުގެ 2 ވަނަ ދުވަހުގެ ހެނދުނު 10:30 ގައި ކައުންސިލް އިދާރާގަ އެވެ.

ގިނަ ބަޔަކު މިހާރު ދިރިއުޅެމުން އަންނަ ހިތަދޫ ފްލެޓްތައް އިމާރާތްކޮށްފައި ވަނީ އައްޑޫ ސިޓީ ކައުންސިލް އިދާރާ ހުންނަ މަހުގަ އެވެ. މި ފްލެޓްތަކަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އައްޑޫގައި ހިންގި ބޯހިވަހިކަމުގެ މަޝްރޫއުގެ ތެރެއިން ހެދި ފްލެޓްތަކެކެވެ.

އެގޮތުން ހިތަދޫގައި 264 ފްލެޓް ހަދާފައިވެ އެވެ.