ކައިރިކައިރީގައި އެއާޕޯޓު އެޅުމުން ފެންނަނީ ދަތުރުފަތުރުގެ ގުޅިފައިވާ ނިޒާމެއްގެ ޕްލޭނެއް ނެތްކަން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ނަޝީދު މިހެން ވިދާޅުވެފައިވާއިރު ރައީސް ޑރ. މުހައްމަދު މުއިއްޒު ށ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ވަނީ އެ އަތޮޅުގެ ބައެއް ރަށްތަކުގައި އެއާޕޯޓު އެޅުމަށް ނިންމައި އެކަމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފަ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ އުތުރުގައި ހަތަރު އެއާޕޯޓު އޮއްވައި، އިތުރު ހަތަރު އެއާޕޯޓު އަޅަނީ 36-19 މިނެޓާއި ދޭތެރޭގައި ސްޕީޑު ބޯޓުގައި ދެވޭހާ ކައިރީގައި ކަމަށެވެ. މީގެ ނަތީޖާއަކީ ހުރިހާ އެއާޕޯޓެއްގައި ވެސް އިގްތިސާދީ އަދި މާލީ ދެކޮޅު ޖެހުމެއް ނެތުމާއި، ގައުމީ އެއާލައިނަށް ދެ އުޅިއެއް ނުވާ ހަރަދުތަކެއް ހިނގަން ޖެހުމުގެ އިތުރުން ލޯކަލް ޓޫރިޒަމަށް ވެސް އެކަމުން މަންފާއެއް ނުކުރުން ކަމަށް ނަޝީދު ވިދާޅުވި އެވެ.
"ސްޕީޑު ބޯޓުގައި ދެވޭ ހިސާބުގައި އެއާޕޯޓަކަށް ފަހު އެއާޕޯޓެއް އަޅަމުން ދިޔުމުން ފެންނަނީ ދަތުރުފަތުރުގެ ގުޅިފައިވާ ނިޒާމެއްގެ އަމާޒާއި ޕްލޭން ނެތްކަމާއި، ޒިންމާދާރުކަން ކުޑަކަން،" ނަޝީދު ވިދާޅުވި އެވެ.
މީހުން ދިރިއުޅޭ ކޮންމެ ރަށަކުން ވެސް 30 މިނެޓުތެރޭ ދެވޭ ހިސާބުގައި އެއާޕޯޓެއް އޮތުން ކަށަވަރު ކުރުމަކީ މި ސަރުކާޒުގެ އަމާޒެކެވެ.