Last Updated: June 7, 06:04
Sunday, June 7, 2026
ޚަބަރު

އޭއީއެޗްގެ ކެތު ލެބްގެ ހިދުމަތް އަވަސްވުމަކީ އުންމީދެއް

އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލްގައި ގާއިމުކޮށްފައިވާ ކެތު ލެބްގެ ހިދުމަތް ވީހާ ވެސް އަވަހަށް ފެށިގެން ދިއުމަކީ އުންމީދެއް ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމު ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނު އައްޑު އަށް މިހާރު ކިރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން އިއްޔެ އޭއީއެޗަށް ޒިޔާރަތް ކުރައްވައި އެތަނުގެ އިސްވެރިންނާއ ބައެއް ބަލި މީހުންނާ ވެސް ބައްދަލުކުރައްވާފައިވެ އެވެ. އެކަމާ ގުޅޭ ގޮތުން ސޯޝަލް މީޑިއާ ޕޯސްޓެއްގައި ފައިސަލް ވިދާޅުވީ ހޮސްޕިޓަލަށް ޒިޔާރަތްކޮށް އެ ހޮސްޕިޓަލްގެ އިސް ބޭފުޅުންނާ ބައްދަލުވެ، ހޮސްޕިޓަލްގެ ޚިދުމަތްތައް ކުރިއަށްދާ ގޮތް އޮޅުންފިލުވައި ލެއްވުނު ކަމަށެވެ.

"އަޅުގަނޑުމެންގެ އެމްޑީޕީ ސަރުކާރުގައި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގައި، އެކި ދާއިރާތަކުން ޚިދުމަތް ފުޅާ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނު،" އެމަނިކުފާނު ވިދާޅުވި އެވެ.'

އަދި އެކަމުގެ މަޤުޞަަދަކަށްވީ، އައްޑު އާއި ދެކުނުގެ އަތޮޅުތަކުގެ ރައްޔިތުންނަށް އޭއީއެޗްގެ ޚިދުމަތްތައް ފުޅާކޮށް ރައްޔިތުންނަށް ޞިއްޙި ޚިދުމަތްތައް ހޯދުމުގައި ލުއިފަސޭހަކަން ގެނެސްދިނުން ކަމަށް ވިދާޅުވި އެވެ.

"‏އުންމީދަކީ މި ހޮސްޕިޓަލްގެ ޚިދުުމަތްތައް އިތުރަށް ފުރިހަމަ ކުރެވި އަދި ކެތު ލެބުގެ ޚިދުމަތްތައް އަވަސް ވެގެން ދިޔުން." ފައިސަލް ވިދާޅުވި އެވެ.

އޭއީއެޗްގައި ކެތު ލެބެއް ގާއިމުކުރީ 2023 ގެ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ. ނަމަވެސް މިހާތަނަށް އެތަނުގެ ހިދުމަތް ފެށިފައެެއް ނުވެ އެވެ.

އެހެމްވެ ކެތު ލެބްގެ ހިދުމަތް އައުޓްސޯސްކޮށްގެން ދިނުމަށް ނިންމާފައިވާތީ އެކަމަށް ބަޔަކު ހޯދަން އޭއީއެޗުން އެދިގެން ފިނޭންސް މިނިސްޓްރީން މި އަހަރުގެ ޖޫން މަހުގެ ތެރޭގައި މެދުތެރޭގައި އިއުލާންކުރި އެވެ. އޭރު ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމު ވިދާޅުވެފައި ވަނީ ކުރިއަށް އޮތް ހަތަރު މަހެއްހާ ދުވަހުގެ ތެރޭގައި އޭއީއެޗްގެ ކެތު ލެބްގެ ހިދުމަތް ފެށޭނެ ކަމަށެވެ.

އަތޮޅުތެރޭގެ އެންމެ ފުރަތަމަ އަދި އެންމެ ބޮޑު ބޮޑު ޓާޝަރީ ހޮސްޕިޓަލް ކަމަށްވާ އޭއީއެޗްގެ ހިދުމަތް ފެށީ 2020 ގެ ޖެނުއަރީ މަހުގެ ތެރޭގަ އެވެ.

ކުރީގެ ނައިބު ރައީސް ފައިސަލް އިއްޔެ އޭއީއެޗަށް ޒިޔާރަތް ކުރެއްވުމުގެ އިތުރަށް އައްޑޫ ސިޓީ ކައުންސިލާ ވެސް ބައްދަލު ކުރެއްވި އެވެ.