Last Updated: June 8, 15:03
Monday, June 8, 2026
މުނިފޫހިފިލުވުން

ރެމޯ ގޭންގްސްޓާރުންގެ ފިލްމެއް ހަދަނީ

މުމްބާއީގެ އަންޑަވޯލްޑަށް ބިނާކޮށް ރެމޯ ޑި ސޫޒާ ފިލްމެއް ހަދަން ތައްޔާރުވެއްޖެ އެވެ.

އިއްޔެ އިއުލާންކުރި މި ފިލްމުގެ ނަމަކީ "ޑޮންގްރީ: ގޭންގްސްޓާ ޕެރަޑައިސް" އެވެ. މީގެ ވާހަކަ ބިނާކޮށްފައި ވަނީ އިންޑިއާގެ ވިޔަފާރީގެ މައި މަރުކަޒު ކަމަށްވާ މުމްބާއީގައި ކުރިން މޫލާފައި އޮތް އަންޑަވޯލްޑާއި ގޭންގްސްޓާރުންގެ ކުށުގެ ހާއްޔަށެވެ.

"ޑޮންގްރީ" ސްކްރީންޕްލޭ ލިޔުނީ މި މަހުގެ 21 ގައި ރިލީޒް ކުރަން ތައްޔާރުވަމުން އަންނަ ލޯބީގެ ފިލްމު "އޭކް ދީވާނޭ ކީ ދީވާނީޔަތު" ގެ ޑައިރެކްޓަރު މިލަޕް މިލަން ޒަވޭރީ އެވެ. ފިލްމުގެ ޕްރޮޑިއުސަރަކީ ސަންދީފް ސިންގް އެވެ.

އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ޝޫޓިން ފަށަން ޕްލޭންކޮށްފައިވާ "ޑޮންގްރީ" އަންނަ އަހަރުގެ އޮކްޓޯބަރު މަހުގެ 9 ގައި ބެލުންތެރިންނަށް ގެނެސްދޭނެ އެވެ.

ފިލްމު އިއުލާންކުރި ނަމަވެސް މީގެ ކާސްޓުންނަކީ ކޮބައި ކަމެއް އަދި ހާމައެއް ނުކުރެ އެވެ.

ބޮލީވުޑްގެ އެންމެ ކާމިޔާބު ކޮރިއޮގްފާރުންގެ ތެރޭގައި ހިމެނޭ ރެމޯ ފިލްމު ޑައިރެކްޝަނަށް ނުކުތީ 2007 ގެ ބެންގާލީ ފިލްމަކުންނެވެ. އަދި ޑައިރެކްޓްކުރި ފުރަތަމަ ބޮލީވުޑް ފިލްމަކީ 2011 ގެ "ފާލްތޫ" އެވެ. އޭގެ ފަހުން ރެމޯ ހެދި ފިލްމުތަކުގެ ތެރޭގައި "އޭބީސީޑީ" ގެ ދެ ފިލްމާއި "ފްލައިން ޖަޓް"، "ރޭސް 3" އަދި "ސްޓްރީޓް ޑާންސާ" ހިމެނެ އެވެ.

ނެށުން ތައްޔާރުކޮށް ދީގެން ނެޝަނަލް އެވޯޑް ވެސް ހާސިލުކޮށްފައިވާ ރެމޯގެ އެންމެ ފަހުގެ ފިލްމަކީ ޕްރޮޑިއުސްކޮށް، ޑައިރެކްޓްކޮށް މި އަހަރުގެ މާޗްގައި އެމެޒޯން ޕްރައިމް ވީޑިއޯ އަށް ގެނެސްދިން ޑާންސް ޑްރާމާ "ބީ ހެޕީ" އެވެ.