Last Updated: June 6, 19:23
Saturday, June 6, 2026
ޚަބަރު

ކަސްޓަމަށް ފައިސާ ނުދައްކާ ނަމަ ނަން ހާމަކުރާނެ

ކަސްޓަމްސް އަށް ދައްކަން ޖެހޭ ފައިސާ އެކަމަށް އޮންނަ މުއްދަތުގެ ތެރޭގައި ނުދައްކާ ފަރާތްތަކުގެ ނަންތައް ހާމަކުރަން ނިންމައިފި އެވެ.

މިކަމާ ގުޅޭ އުސޫލެއް ގެޒެޓްކޮށް، އިއްޔެ ވަނީ އެއަށް އަމަލުކުރަން ފަށައިފަ އެވެ.

އުސޫލުގެ ދަށުން ކަސްޓަމްސް އަށް ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރާނީ ވަކި ޝަރުތުތަކެއް ފުރިހަމަވާނަމަ އެވެ. އެ ޝަރުތުތަކުގެ ތެރޭގައި ކަސްޓަމްސް އަށް ދައްކަންޖެހޭ ފައިސާގެ އަދަދު 10،000ރ. ރުފިޔާ ނުވަތަ އެއަށް ވުރެ ބޮޑުވުމާއި ދައްކަން ޖެހޭ ފައިސާ ހޯދުމާއި ވަގުތީ ގޮތުން ހިދުމަތް މެދުކަނޑާލުމުގައި ޢަމަލުކުރާ ޢުސޫލުގެ ދަށުން ފައިސާ ދައްކަން އެފަރާތަކަށް އަންގާފައިވުން ހިމެނެ އެވެ.

މި އުސޫލުގެ ދަށުން ފައިސާ ދައްކަން ޖެހޭ ފަރާތްތަކުގެ މައުލޫމާތު ހާމަކުރާނީ އެ ފަރާތެއްގެ ފަރާތުގެ ފުރިހަމަ ނަމާއި ނުދައްކާ އޮތް ފައިސާގެ އަދަދާއި، ފައިސާގެ ބާވަތާއި ފައިސާ ދައްކަން ޖެހޭ ސަބަބު ހާމަވާ ގޮތަށެވެ.

އުސޫލުގައިވާ ގޮތުން ކަސްޓަމްސްއަށް ފައިސާ ނުދައްކާ ފަރާތްތަކުގެ މައުލޫމާތު ހާމަކުރާނީ ދެ މަރުހަލާއަކަށް ބަހާލައިގެނެވެ. އޭގެތެރެއިން ފުރަތަމަ މަރުހަލާގައި މައުލޫމާތު ޝާއިއު ކުރާނީ ކަސްޓަމްސްގެ ވެބްސައިޓުގަ އެވެ. އަދި އޭގެ 15 ދުވަސް ފަހުން ސަރުކާރުގެ ގެޒެޓާއި ކަސްޓަމްސްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި އެ މައުލޫމާތު އާންމު ކުރާނެ އެވެ. މި އުސޫލުގައިވާ ގޮތުން ނަން އާއްމުކުރާ ފަރާތަކުން ކަސްޓަމްސްއަށް ދައްކަން ޖެހޭ ފައިސާ ދައްކައިފި ނަމަ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން އެ ފަރާތެއްގެ ނަން އުނިކުރާނެ އެވެ.

އެކަމަކުު ގެޒެޓުން ނަން އުންޏެއް ނުކުރާނެ އެވެ.

އުސޫލުގެ ދަށުން ނަން ހާމަކުރުމުން އިސްތިސްނާވާ ފަރާތްތަކެއް ވެސް ހިމެނެއެވެ. އެގޮތުން އިސްތިސްނާވާ ފަތާތްތަކަކީ ކަސްޓަމްސް އަށް ދަށްކަންޖެހޭ ފައިސާ އެއްބަސްވުމާ އެއްގޮތަށް ދައްކަމުން އަންނަ ފަރާތްތަކާއި، ދައުލަތުގެ އިދާރާތަކާއި، ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮންނަ ކުންފުނިތަކާއި، ސަރުކާރުގެ ޕްރޮޖެކްޓްތަކުގެ ތެރެއިން ހިނގަމުންދާ ޕްރޮޖެކްޓް ނުވަތަ ޕްރޮޖެކްޓް ހިންގާ ފަރާތްތަކެވެ.

އަދި މި މަސައްކަތް ވިލަރެސްކުރަން ގަސް މެންބަރުންގެ މައްޗަށް އެކުލެވޭ ސްޓިއަރިން ކޮމިޓީއެއް ކޮމިޝަނަ ޖެނެރަލް އޮފް ކަސްޓަމްސް އެކުލަވާލަންޖެހެ އެވެ. އަދިއުސޫލު ތަންފީޒުކޮށް، ނަން ހާމަކުރުމާ ގުޅޭ ކަންކަން ހިންގައި ބަލަހައްޓާނީ، ކަސްޓަމްސްގެ ފައިސާއާ ބެހޭ ކަންކަން ބަލަހައްޓާ ސެކްޝަނުންނެވެ.

ސަރުކާރުގެ ގެޒެޓުގައި މި އުސޫލު ޝާއިއު ކުރާތާ 10 ދުވަހުގެ ތެރޭގައި، ކަސްޓަމްސް އަށް ފައިސާ ނުދައްކާ ފަރާތްތަކުގެ މައުލޫމާތު ކަސްޓަމްސްގެ ވެބްސައިޓުގައި ޝާއިއު ކުރަން ޖެހޭނެ އެވެ.