Last Updated: July 1, 23:10
Wednesday, July 1, 2026
ޚަބަރު

ނަމާދު ދޫކޮށްލައިފި މީހާ ދީނުން ބޭރުވާނެ: ހުތުބާ

ނަމާދު ދޫކޮށްލައިފި މީހާ ދީނުން ބޭރުވާނެކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.

މިއަދުގެ ހުކުރު ޚުތުބާގެ މަޢުޟޫއަކީ، "ނަމާދަަށް ފަރުވާތެރިވުން" މި މަޢުޟޫ އެވެ.

ހުތުބާގައި ބުނީ އިސްލާމް ދީން ބާވައިލެއްވުމަށް ފަހު، އަޅުކަމެއްގެ ގޮތުގައި އެންމެ ފުރަތަމަ ފަރުޟުކުރެއްވި އަޅުކަމަކީ ނަމާދު ކަމަށާއި އެގޮތުން ބާލިޣުވެ ބުއްދި ސަލާމަތުން ހުރި އެއްވެސް މުސްލިމަކަށް ނަމާދު ގާއިމުކުރުމަކީ ދޫކޮށްލެވޭނެ ފަރުޟެއް ނޫން ކަމަށެވެ.

"ނަމާދަކީ އިސްލާމްދީނުގެ ދެވަނަ ރުކުނެވެ. އެއީ ދީނުގެ ތަނބެވެ. ނަމާދު ދޫކޮށްލައިފި މީހާ ދީނުން ބޭރުވެއްޖެއެވެ،" ޚުތުބާގައި ބުންޏެވެ.

މާތްﷲގެ ހަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑު ޢަމަލަކީ ނަމާދު އޭގެ ވަގުތުގައި އަދާކުރުން ކަމަށާއި، ނަމާދަކީ ކީރިތި ޤުރުއާނުގައި އެންމެ ގިނައިން ބަޔާންކުރައްވާފައިވާ އަޅުކަންކަން ކަމަށް ހުތުބާގައިވެ އެވެ. އަދި އެއީ ޤިޔާމަތް ދުވަހުން އެންމެ ފުރަތަމަ ހިސާބު ބެއްލެވޭނެ ޢަމަލުކަންވެސް ޚުތުބާގައި ފާހަގަކުރެއްވިއެވެ.

ޝަރުއީ އުޒުރެއް ނެތި ނަމާދު އޭގެ ވަގުތުގައި ނުކުރުމަކީ ނަމާދު އެޅުމުގެ ތެރޭގައި ހިމެނޭ ކަމެއްކަން ޚުތުބާގައި ފާހަގަކުރި އެވެ. އެގޮތުން، ބައެއް މީހުން ނަމާދުކުރުން ފަސްކުރަމުން ފަސްކުރަމުން ގޮސް، ވަގުތު ފާއިތުވެދާއިރު ވެސް ނަމާދުނުކުރެވޭކަން ފާހަގަކޮށް ޚުތުބާގައިވަނީ ނަމާދަށް ރައްކާތެރިވާން ހަނދާންކޮށްދީފަ އެވެ.