Last Updated: July 1, 23:10
Wednesday, July 1, 2026
ޚަބަރު

ސިނގިރޭޓް ވައްކަމާ ގުޅޭ ބައްދަލުވުން ފަސްކޮށްފި

ރާއްޖެއަށް ވަގަށް އެތެރެކުރުމުން ހިފެހެއްޓި 13.6 މިލިއަން ސިނގިރޭޓު ގެއްލުނު މައްސަލައިގައި ބާއްވަން އުޅުނު ރައްޔިތުން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ)ގެ ބައްދަލުވުން ފަސްކޮށްފި އެވެ.

އެ މައްސަލައިގައި 241 ކޮމިޓީގެ ބައްދަލުވުން ބާއްވަން ތާވަލްކޮށްފައި އޮތީ އަންނަ އާދިއްތަ ދުވަހަށެވެ. އެ ބައްދަލުވުމަށް ކަސްޓަމްސް އާއި އެމްޕީއެލުގެ އިސް ބޭފުޅުން ހާޒިރުކޮށް ސުވާލުކުރަން އޮތީ ނިންމާފަ އެވެ.

މަޖިލީހުގެ އިދާރާއިން މިއަދު މީޑިއާތަކަށް ބުނެފައި ވަނީ އާދިއްތަ ދުވަހުގެ 241 ކޮމިޓީގެ ބައްދަލުވުން ހަފްތާއަކަށް ފަސްކުރީ ފުލުހުންނާއި އިދާރާތައް ގުޅިގެން މިހާރު ކުރިއަށް ގެންދާ އެ ވައްކަމާ ގުޅޭ ތަހުގީގަށް ކޮމިޓީގެ ބައްދަލުވުމުގެ ސަބަބުން ހުރަސް އެޅިދާނެތީ ކަމަށެވެ.

އެ މައްސަލައިގެ ތަހުގީގަށް މިހާތަނަށް ހަތަރު މީހަކު ހައްޔަރުކޮށް، 12 މީހުން ފުރުން މަނާކޮށް، ބައެއް އުޅަނދުތަކާއި ތަންތަން ވަނީ ބަލައި ފާސްކޮށްފަ އެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކުރި ހަތަރު މީހުންގެ ތެރޭގައި ހިމެނެނީ މަޝްހޫރު ދެ ވިޔަފާރިވެރިން ކަމުގައިވާ ލޮޓަސްގެ ވެރިޔާ އަހްމަދު އާރިފް (އާއްޓޭ) އާއި އެޕޯލޯގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) އާއި ކަސްޓަމްސްގެ ކުރީގެ ސީނިއާ ސުޕްރިންޓެންޑެންޓް މުއާޒު އަލީ އަދި ކަސްޓަމްސްގެ ޑިޕާޓްމަންޓެއްގެ އިސްވެރިއެއް ކަމަށްވާ ޒިވާރު އިސްމާއިލް އެވެ.