Last Updated: June 8, 14:27
Monday, June 8, 2026
މުނިފޫހިފިލުވުން

ޝާހްރުކަށް ފިލްމު ފެސްޓިވަލެއް ބާއްވަނީ

ބޮލީވުޑްގެ ތަރި ޝާހްރުކް ޚާންގެ ފިލްމުތަކަށް ހާއްސަކޮށްގެން ފިލްމު ފެސްޓިވަލެއް ބާއްވަން ނިންމައިފި އެވެ.

އަންނަ މަހުގެ 2 ގައި އޭނަ އަށް 60 އަހަރު ފުރޭތީ އެކަމާ ވެސް ގުޅުވައިގެން ބާއްވާ ފެސްޓިވަލް އިންތިޒާމު ކުރަނީ އިންޑިއާގެ އެންމެ ބޮޑު ސިނަމާ ޗެއިން އަދި ޑިސްޓްރިބިއުޝަން ކުންފުނި ޕީވީއާރް އިކޮކްސްއިންނެވެ.

"ޝާހްރުކް ޚާން ފިލްމު ފެސްޓިވަލް" ގެ ނަމުގައި ބާއްވ ފިލްމު ފެސްޓިވަލް ފަށަން ހަމަޖެހިފައި ވަނީ މި މަހުގެ 31 ގަ އެވެ. އެގޮތުން ދެ ހަފުތާއެއްގެ މުއްދަތަށް ކުރިއަށް ގެންދާ ފެސްޓިވަލް އިންޑިއާގެ 30 އަށް ވުރެ ގިނަ ސިޓީގެ 75 އަށް ވުރެ ގިނަ ސިނަމާތަކުގައި ކުރިއަށް ގެންދާނެ އެވެ.

މި ފެސްޓިވަލްގައި ދައްކާނެ ފިލްމުތަކުގެ ތެރޭގައި 1994 ގެ "ކަބީ ހާނ ކަބީ ނާ" އާއި 1998 ގެ "ދިލް ސޭ" އާއި 2002 ގެ "ދޭވްދާސް" އާއި 2004 ގެ "މޭ ހޫ ނާ" އާއި 2007 ގެ "އޯމް ޝާންތީ އޯމް" އާއި 2013 ގެ "ޗެންނައި އެކްސްޕްރެސް" ގެ އިތުރުން 2023 ގެ "ޖަވާން" އެވެ.

"ޖަވާން" އަކީ ޝާޖްރުކްގެ 33 އަހަރުވީ ފިލްމު ކެރިއަރުގައި އަލަށް އެންމެ މޮޅު އެކްޓަރުގެ ނެޝަނަލް އެވޯޑް މި އަހަރު ލިބުނު ފިލްމު ވެސް މެ އެވެ.

އޭނަގެ ބޮލީވުޑްގެ ފެށުމަކީ 1992 ގެ "ދީވާނާ" އެވެ.

ޝާހްރުކް މިހާރު އަންނަނީ "ކިންގް" ގެ ކިޔާ ފިލްމެއްގެ މަސައްކަތް ކުރަމުންނެވެ. އެ ފިލްމު ރިލީޒްކުރާނެ ކަމަށް ބެލެވެނީ އަންނަ އަހަރުގެ ފަހުކޮޅު އެވެ.

ޝާހްރުކް ވަނީ އޭނަގެ ފިލްމުތަކަށް ހާއްސަކޮށްގެން ފެސްޓިވަލެއް ބާއްވާތީ ޕީވީއާރް އިނޮކްސް އަށް ޝުކުރު އަދާކޮށްފަ އެވެ. އޭނަ ބުނީ މި ފެސްޓިވަލްގެ އޭނަގެ ކުރީގެ ފިލްމަތަކުގެ ހަނދާންތަކުގެ ފޭނުން ގެންގޮސް، އެ މީހުންނަށް އުފާވެރި ގެނެސްދޭނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.