Last Updated: June 6, 19:23
Saturday, June 6, 2026
ޚަބަރު

އުމްރާނީ މަޝްރޫއުތައް ހުއްޓާލަން އެބަ ޖެހޭ: ނަޝީދު

ތަރައްގީގެ ނަމުގައި ރާއްޖޭގައި ހިންގާ އުމްރާނީ ހުރިހާ މަސައްކަތްތަކެއް ހަތަރު ފަސް އަހަރަށް ހުއްޓައިލަން މުހިއްމު ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ސޯޝަލް މީޑިއާގައި އެ މަނިކުފާނު މިއަދު ވިދާޅުވީ ކުރިއަށް އޮތް އިންތިހާބުތަކުގެ ޝިއާރަކަށް ވެސް ވާންވީ "އިހަށް މަޑުކޮށްލާ" ކަމަށެވެ.

"ދެން ވެރިކަމަށް އަންނަ ރައީސެއް ވައުދުވާންވީ މަޑުޖެހިލަން. ކޮންކްރީޓަކީ ތަރައްގީއެެއް ނޫން،" ނަޝީދު ވިދާޅުވި އެވެ. "އެއީ ގިނަ ފަހަރަށް ދަރަނި."

ރާއްޖޭގައި ދެ އަހަރާ ބައިގެ މުއްދަތަށް ވެރިކަން ކުރެއްވި އަދި މަޖިލީހުގެ ރައީސްކަން ވެސް ކުރެއްވި ނަޝީދު ވިދާޅުވީ ރައްޔިތުންގެ ތަނަވަސްކަން އިތުރުވާނީ ބަޖެޓް ސާޕްލަސް އާއި ރިޒާޒް އިތުރު ކުރެވި ދަރަނި ކުޑަކުރެވިގެން ކަމަށެވެ.

"ދިވެހިންނަކީ ތަންދޮރު ދަންނަ ހޭލުންތެރި ބައެއް،" ނަޝީދު ވިދާޅުވި އެވެ. "ވާން މިދާ ގޮތް އަޅުގަނޑު މި ދައްކާ ވާހަކަ އިން ދިވެހިންނަށް ސާފު ވާނެ."

މި ސަރުކާރުން އަތޮޅުތަކުގައި ކައިރިކައިރީގައި އެއާޕޯޓްތައް އަޅަން ވައުދުތައްވެ އެފަދަ މަޝްރޫއުތައް ކުރިއަށް ގެންދާތީ އެކަމާ ވެސް ނަޝީދު އިއްޔެ ކަންބޮޑުވުން ފާޅު ކުރައްވާފައިވެ އެވެ.

އެ މަނިކުފާނު ވިދާޅުވީ އުތުރުގައި ހަތަރު އެއާޕޯޓު އޮއްވައި، އިތުރު ހަތަރު އެއާޕޯޓު އަޅަނީ 36-19 މިނެޓާ ދޭތެރޭގައި ލޯންޗްގައި ދެވޭހާ ކައިރީގައި ކަމަށެވެ. އޭގެ ނަތީޖާ އަކީ ހުރިހާ އެއާޕޯޓެއްގައި ވެސް އިގްތިސާދީ އަދި މާލީ ދެކޮޅު ޖެހުމެއް ނެތުމާއި، ގައުމީ އެއާލައިނަށް ދެ އުޅިއެއް ނުވާ ހަރަދުތަކެއް ހިނގަން ޖެހުމުގެ އިތުރުން ލޯކަލް ޓޫރިޒަމަށް ވެސް އެކަމުން މަންފާއެއް ނުކުރުން ކަމަށް ވިދާޅުވި އެވެ.

ނަމަވެސް މީހުން ދިރިއުޅޭ ކޮންމެ ރަށަކުން ވެސް 30 މިނެޓުތެރޭ ދެވޭ ހިސާބުގައި އެއާޕޯޓެއް އޮތުން ކަށަވަރު ކުރުމަކީ މި ސަރުކާޒުގެ އަމާޒެކެވެ.