އެކަށީގެންވާ ވަގުތާއި މައުލޫމާތު ފޯރުކޮށްނުދީ އައްޑޫގައި ވަކިވަކި ކައުންސިލްތައް ހަދަން ފެނޭތޯ ބަލަން ހިޔާލު ހޯދުމުގެ ވޯޓެއް ނަގާތީ ޖަމިއްޔާތަކުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ޓްރާންސްޕޭރެންސީ މޯލްޑިވްސް އާއި ޕްރޮޖެކްޓް ތިމާވެށި، މޯލްޑިވްސް ލޯކަލް ކައުންސިލްސް އެސޯސިއޭޝަން އަދި ޒީރޯ ވޭސްޓް މޯލްޑިވްސް ގުޅިގެން ނެރުނު ބަޔާނުގައި ބުނީ މި ވޯޓުގެ ކަންކަމުގެ ހަލުވިކަމާއެކު ކަންބޮޑުވާ ކަމަށާއި މި ވޯޓު ނެގުމަށް އިއުލާން ކުރުމާއި ވޯޓުލާ ތާރީހާ ދެމެދު އޮތް 19 ދުވަހުގެ މުއްދަތަކީ ވޯޓު ނެގުމުގެ މަގުސަދާއި، ވޯޓުގެ ނަތީޖާއިން އަންނާނެ ބަދަލުތަކާއި، ވޯޓުގެ ނަތީޖާގެ ސަބަބުން މުސްތަގުބަލަށް ކުރާނެ އަސަރުތައް ދެނެގަތުމަށް އެކަށީގެންވާ މުއްދަތެއް ނޫން ކަމަށެވެ.
އަދި އައްޑޫގެ ވަކި ދާއިރާތަކަކަށް ވޯޓުލުން ހަނިކޮށްފައި އޮތުމަކީ ވެސް ކަންބޮޑުވާ ކަމެއް ކަމަށާއި މި ވޯޓުގެ ނަތީޖާއިން މުޅި އައްޑޫގެ ހިންގުމާއި އިދާރީ ކަންކަމަށް ވަރަށް ބޮޑެތި އަސަރުތަކެއް ކުރާނެއިރު، ހިތަދޫ އާއި މަރަދޫ އަދި މަރަދޫފޭދޫގެ ރައްޔިތުން އިސްތިސްނާކުރުމަށް ނިންމާފައިވާ ނިންމުމާއި އެކަމަށް އެކަށީގެންވާ ސަބަބުތަކެއް ނުދެއްކުމުން، އިންސާފުވެރިކަމާއި ހުރިހާ ފަރާތްތަކެއް ހިމެނުމާއި އަދި އަސަރުކުރާނެ މުޖުތަމައުތަކާއެކު މާނަހުރި މަޝްވަރާގެ މަރުހަލާއެއް ނެތްކަމާމެދު ސީރިއަސް ސުވާލުތަކެއް އުފެދޭ ކަމަށް ބަޔާނުގައިވެ އެވެ.
މީގެއިތުރުން ހަމައެކަނި އައްޑު އާއި މާލޭގައި ވޯޓު ފޮށި ބަހައްޓަން ނިންމާފައި އޮތުމުގެ ސަބަބުން، އެހެން އަތޮޅުތަކާއި ރިސޯޓުތަކާއި ބޭރު ގައުމުތަކުގައި ދިރިއުޅޭ ގިނަ ބަޔަކަށް ވޯޓުލުމުގެ ފުރުސަތު ނުލިބި، ވޯޓުލާ އާބާދީގެ ގިނަ ބަޔަކު ވޯޓުލުމުގެ މަރުހަލާއިން ބާކީވެގެންދާނެކަން ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
ޖަމިއްޔާތަކުގެ ބަޔާނުގައި ވަނީ އާންމު ދިރިއުޅުމަށް އަސަރުކުރާ ނިންމުންތަކުގައި ބައިވެރިވެ ވޯޓުލުމުގެ ހައްގަކީ ޑިމޮކްރެސީގެ އަސާސީ އުސޫލުތަކެއް ކަމަށާއި އަދި މި އަސާސްތައް ދެމެހެއްޓުމަށްޓަކައި ރައްޔިތުންނަށް އެކަށީގެންވާ ވަގުތުދީ، މައުލޫމާތު ލިބޭނެގޮތް މަގުފަހިކޮށްދީ، މާނަހުރި ގޮތެއްގައި ބައިވެރިވުމަށް ހަމަހަމަ ފުރުސަތެއް ދޭންވާނެ ކަމަށްވެސް ބުނެފަ އެވެ. އަދި މި ކަންކަން ކަށަވަރު ނުކުރެވޭނަމަ މި ވޯޓުގެ ސައްހަކަމަށް ބުރޫއެރުމުގެ ޖާގަ އެބައޮތް ކަމަށްވެސް ބުނެފައިވެ އެވެ.