Last Updated: July 1, 23:10
Wednesday, July 1, 2026
ޚަބަރު

ނާޒުކު ޤައުމުތަކަށް އިހުމާލު ނުވާން ވަހީދު ގޮވާލައްވައިފި

މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުން އަރައިގަތުމަށް ވިލުންތެރި މުޖުތަމައެއް ބިނާކުރުމަށްޓަކައި ބައިނަލްއަގްވާމީ ފެންވަރުގައި ދެމެހެއްޓެނިވި ގޮތެއްގައި ހަރުދަނާ މަސައްކަތްތަކެއް ކުރުމަށް ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓް އަދި ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދު ހަސަން ގޮވާލައްވައިފި އެވެ.

ރައީސް ވަހީދު މިކަމަށް ގޮވާލެއްވެވީ ޗައިނާގެ ޝަންހާއީގައި މިހާރު ކުރިއަށްދާ 2025 ވަނަ އަހަރުގެ ސަސްޓެއިނަބިލިޓީ ގްލޯބަލް ލީޑާސް ކޮންފަރެންސްގައި، ތަގުރީރު ކުރައްވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ހާއްސަ މަންދޫބެއްގެ ގޮތުގައި ކޮންފަރެންސްގައި ބައިވެރިވެވަޑައިގެން، ރައީސް ވަހީދު ދެއްކެވި ވާހަކަފުޅުގައި، ދެމެހެއްޓެނިވި ތަރައްގީ އަކީ ރާއްޖެއަށް ވަރަށް މުހިންމު ކަމެއް ކަމުގައި ވިދާޅުވި އެވެ. އެއީ ގައުމު ދެމިއޮތުމަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށާއި، ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން ރާއްޖޭގެ ސަރަހައްދުގެ ތަރިކައާއި، ސަގާފަތާއި ތާރީހަށްވެސް ނުރައްކާ ކުރިމަތިވާކަން ފާހަގަކުރައްވަމުން، މޫސުމަށް އަންނަ ބަދަލުތަކަކީ މިއަދު ދިވެހި ރައްޔިތުންނަށް ކުރިމަތިވެފައިވާ ވަރަށް ބޮޑު ހަގީގަތެއްކަން ފާހަގަ ކުރެއްވި އެވެ.

ރައީސް ވަހީދު ދެއްކެވި ވާހަކަފުޅުގައި، "ކުޑަވުމަކީ ބާރެއް ނެތުން ނޫން" ކަން ފާހަގަކުރައްވަމުން، ރާއްޖެއިން ނަމޫނާ ދައްކައިގެން ކުރިއަށް ދިއުމުގެ އަހަންމިއްޔަތުކަން ފާހަގަ ކުރެއްވި އެވެ. އަދި ބައިނަލްއަގްވާމީ ގުޅުންތަކުގެ މައިގަނޑު ތިން އަސާސަކީ ފިޔަވަޅު އެޅުމާއި، އީޖާދުކުރުމާއި، ދެމެހެއްޓެނިވި ތަރައްގީގެ އަސާސްތައް ކަމަށާއި، ނާޒުކު ގައުމުތަކަށް އިހުމާލުވިޔަ ނުދިނުމަށް، ގައުމުތަކުން ވެފައިވާ ވައުދުތައް ފުއްދައި، ފުރިހަމަ ނަތީޖާއަކަށް ބަދަލުކުރުމަށް ސްޕެޝަލް އެންވޯއީ އޮފް ދަ ޕްރެޒިޑެންޓް ގޮވާލެއްވި އެވެ.

ހަގީގީ ލީޑާޝިޕް މިނެކިރާނީ ބާރާއި މުއްސަނދިކަމުގެ މީޒާނަކުން ނޫން ކަމަށާއި، ކުރު-ރާސްތާ މަންފާއަކަށްވުރެ، ސާފު ސައިންޓިފިކް ހެކިތަކުގެ މައްޗަށް ބިނާކޮށް، އަންނަން އޮތް ޖީލުތަކުގެ މަސްލަހަތަށް އިސްކަން ދިނުމަކީ ސާބިތު ލީޑާޝިޕެއްގެ ސިފަ ކަމުގައި ރައީސް ވަހީދު ވިދާޅުވި އެވެ.

އެމަނިކުފާނުގެ ވާހަކަފުޅު ނިންމަވާލެއްވީ، ކާމިޔާބު ހޯދުމަށްޓަކައި ރާއްޖެއިން އިހްތިޔާރު ކުރަނީ އުންމީދާ، ހިތްވަރާއި ބައިވެރިވުމާއެކު ވިލުންތެރިކަމާއި، އަދުލުވެރިކަމާއި، ދެމެހެއްޓެނިވި އުންމީދުގެ މައްޗަށް ބިނާވެފައިވާ ދުނިޔެއެއް ބިނާކުރުމަށް ކަމުގައި ވިދާޅުވަމުންނެވެ.