Last Updated: July 1, 23:10
Wednesday, July 1, 2026
ޚަބަރު

ސިއްހީ ނިޒާމު ހަރުދަނާކުރަން މިސްރާއެކު މަޝްވަރާކޮށްފި

ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާކުރަން މިސްރާއެކު މަޝްވަރާކޮށްފި އެވެ.

ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް މިސްރަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުގައި، އެ ގައުމުގެ ފޮރިން މިނިސްޓަރު ޑރ. ބަދުރު އަބްދުލްލަތީ އާ މިއަދު ބައްދަލުކުރައްވައި، ގިނަ ދާއިރާތަކުން ދެ ގައުމުގެ ގުޅުން އިތުރަށް ފުޅާކުރުމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފަ އެވެ.

މިގޮތުން އިސްލާމްދީނުގެ މަތިވެރި އަސާސްތަކާއި، އެއްގޮތް ޘަޤާފަތެއްގެ މައްޗަށް ބިނާވެފައިވާ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށާއި އިޤްތިޞާދީ ރޮނގުންނާއި، ވިޔަފާރި އާއި އިންވެސްޓްމަންޓްގެ ދާއިރާއިންނާއި، ސިއްޙީ ނިޒާމް ހަރުދަނާ ކުރުމުގެ ގޮތުންނާއި، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، އަދި ދަނޑުވެރިކަމާގުޅޭ ގޮތުން ގުޅުން ބަދަހިކުރެވޭނެ ދާއިރާތަކާއި ގުޅޭގޮތުން ދެ ގައުމުގެ ހާރިޖީ ވަޒީރުން ވަނީ މަޝްވަރާކުރައްވާފަ އެވެ.

އަދި ދެ ޤައުމުގެ ދެމެދު ފަތުރުވެރިކަމުގެ ދާއިރާއިން އެއްބާރުލުންދީ ދެ ޤައުމުގެ މަޞްލަޙަތުތައް ކުރިއެރުވުމަށާއި ރާއްޖެއާއި މިޞްރާ ދެމެދު ފަރުދުންގެ ފެންވަރުގައި ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށްފައިވެ އެވެ.

މީގެއިތުރުން މި ބައްދަލުކުރެއްވުމުގައި ބައިނަލްއަޤްވާމީ މަޝްރަހުގައި އަދި ވަކީން ހާއްސަކޮށް ޢައްޒާގެ ހަނގުރާމަ ނިމުމަކަށް ގެނައުމަށް މިޞްރުން އަދާކުރެއްވި އިސް ދައުރު ފާހަގަކުރައްވައި، ފަލަސްތީނުގެ ރައްޔިތުން މިނިވަން، މުސްތަޤިއްލު ދައުލަތެއް އުފެއްދުމަށް ކުރަމުންދާ މަސައްކަތްތަކަށް ރާއްޖޭން އަބަދުވެސް ތާއީދު ކުރާނެކަން މިނިސްޓަރު ހަލީލު ވިދާޅުވި އެވެ.