ރާއްޖޭގެ 36 ރަށެއްގައި ޕޮލިސް ސްޓޭޝަން އަޅާނެ ބަޔަކު ހޯދަން އިއުލާންކޮށްފި އެވެ.
ފުލުހުން ކުރި އިއުލާނެއްގައި ބުނީ 36 ރަށެއްގައި ފުލުހުންގެ އިމާރާތްތައް ޤާއިމުކުރުމުގެ މަޝްރޫޢު ކުރިއަށް ގެންދިއުމަށްޓަކައި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށެވެ. މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން، ރަޖިސްޓްރީވުމަށް ވަނީ އަންގާފަ އެވެ.
ރަޖިސްޓްރީ ވެވޭނެ އެންމެ ފަހު ވަގުތަކީ އަންނަ ހޯމަ ދުވަހުގެ މެންދުރު 12:00 ކަމަށް ފުލުހުން ބުންޏެވެ.
ރަޖިސްޓްރޭޝަން ފުރިހަމަކުރާ ފަރާތްތަކަށް، ޕްރޮޕޯސަލް ހުށަހެޅުމަށް ބޭނުންވާ އެންމެހައި މަޢުލޫމާތު އީމެއިލް މެދުވެރިކޮށް ފޮނުވޭނެ ކަމަށާއި އަދި ޕްރޮޖެކްޓާއި ގުޅޭ ގޮތުން އެއްވެސް ސުވާލެއް ވާނަމަ މާދަމާގެ މެންދުރު 12:00 ގެ ކުރިން ފުލުހުންގެ ޕްރޮކިއުމަންޓް މެއިލް، [email protected] އަށް މެއިލްކުރަން ވަނީ އެދިފަ އެވެ.
ސަރުކާރުގެ އަމާޒަކީ މި އަހަރުގެ ނިޔަލަށް މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ގާއިމުކުރުމެވެ. އެހެންވެ އެ މަސައްކަތުގެ ދަށުން އެކި ރަށްރަށުގައި ފުލުހުންގެ މަރުކަޒުތައް ގާއިމު ކުރަން އަންނަނީ މަޝްރޫއެެއް ކުރިއަށް ގެންދަމުންނެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުތަކުގައި އަންނަނީ ރަށްރަށުގެ ފުލުހުންގެ މަރުކަޒުގެ ބިންގާ ވެސް އަޅަމުންނެވެ.