އެއްފަހަރާ އެންމެ ގިނަ އަދަދެއްގެ މީހުން އެއް ފަހަރާ ފީނައިގެން ދުނިޔޭގެ ރެކޯޑެއް ގާއިމުކޮށްފި އެވެ.
ބ. އަތޮޅު ކައުންސިލާއި ފްރީޑައިވް މޯލްޑިވްސް ގުޅިގެން "ބާނި"ގެ ނަމުގައި މިއަދު ކުރިއަށްގެންދިޔަ ހަރަކާތުގައި ދުނިޔޭގެ ރެކޯޑު އާކޮށްފައިވަނީ އެއްފަހަރާ 623 މީހުން ފީނައިގެންނެވެ. އެ ރެކޯޑު ހަދާފައިވަނީ ބ. އަތޮޅު ވިލިނގިލިފަރު ފިނޮޅު ސަރަހައްދަށް ފީނައިގެންނެވެ.
އެ ހަރަކާތަށްފަހު މިއަދު ބޭއްވި ހަފުލާއެއްގައި ދުނިޔޭގެ ރެކޯޑު ހެދިކަމުގެ ލިޔުން ގިނަސް ވޯލްޑް ރެކޯޑުގެ ފަރާތުން ބ. އަތޮޅު ކައުންސިލާ ވަނީ ހަވާލުކޮށްފައެވެ. ކައުންސިލުގެ ފަރާތުން އެ ލިޔުމާ ހަވާލުވެވަޑައިގެންނެވީ ކައުންސިލުގެ ރައީސް އަހުމަދު އަފްރާހެވެ.
ބ. އަތޮޅު ކައުންސިލުން ބުނި ގޮތުގައި މި ހަރަކާތުގެ ބޭނުމަކީ ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައް ދުނިޔޭގެ ސަމާލުކަމަށް ގެނައުމާ އެކު ބ. އަތޮޅަކީ ޝައުގުވެރި އެތައް ކަމެއް ހުރި އަތޮޅެއްގެ ގޮތުގައި އިޝްތިހާރު ކުރުމެވެ.
އެ އަތޮޅަކީ މިހާރު ވެސް ބަޔޮސްފިއާ ރިޒާވެއްގެ ގޮތުގައި މަޝްހޫރު އަތޮޅެކެވެ.