Last Updated: July 1, 23:10
Wednesday, July 1, 2026
ކުޅިވަރު

އާސެނަލަށް އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ފުލަމް 1-0 އިން ބަލިކޮށް ލީގުގެ އެއްވަނައިގައި އާސެނަލުން ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.

އާސެނަލް އެއްވަނައިގައި އޮތީ 8 މެޗުން 19 ޕޮއިންޓު ހޯދައިގެންނެވެ. ދެވަނައިގައި 8 މެޗުން 16 ޕޮއިންޓާއެކު މެންޗެސްޓާ ސިޓީ އޮތްއިރު، ތިންވަނައިގައި މި ދެ ޓީމަށް ވުރެ އެއް މެޗު މަދުން ކުޅެ 15 ޕޮއިންޓާ އެކު އޮތީ ލިވަޕޫލް އެވެ.

ފުލަމް ދަނޑުގައި ކުޅުނު މެޗުގައި އާސެނަލުން ޖެހި ހަމައެކަނި ގޯލު ދެ ވަނަ ހާފުގައި ކޯނަރަކުން ތަނަވަސްވި ފުރުސަތަކުން ޖެހީ ލިއަންޑްރޯ ޓްރޮސާޑް އެވެ. މިއީ ކޯނަރެއްގައި އާސެނަލްގެ ޑިފެންޑަރު ގަބްރިއެލް ބޮލުން ޖައްސާލި ބޯޅައަކުން ފުލަމްގެ ގޯލު ކުރިމަތީ ހުރެ ފޮނުވާލި ހަމަލާއަކުން ކާމިޔާބުކުރި ގޯލެކެވެ.

މި މެޗުގައި އާސެނަލުން ފުލަމްގެ ގޯލަށް ނުރައްކާތެރި އިތުރު ހަމަލާތަކެއް ވެސް ފޮނުވާލާފައިވެ އެވެ. ނަމަވެސް އެ ހަމަލާތައް ދިފާއުކުރުމުގައި ފުލަމްގެ ކީޕަރު ބާޑް ލެނޯގެ ހުޝިޔާރުކަން ވަނީ ފެނިގެން ގޮސްފަ އެވެ.

ޕްރިމިއާ ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު މެންޗެސްޓާ ސިޓީން ވަނީ 2-0 އިން އެވަޓަން ބަލިކޮށްފަ އެވެ. ޗެލްސީން 3-0 އިން ނޮޓިންހަމް ފޮރެސްޓު ބަލިކުރިއިރު، ބްރައިޓަން އިން ވަނީ 2-1 އިން ނިއުކާސަލް ޔުނައިޓެޑްގެ މައްޗަށް ކުރި ހޯދައިފަ އެވެ. ބޯންމަތް އާއި ކްރިސްޓަލް ޕެލެސް ބައްދަލުކުރި ފޯރިގަދަ މެޗު ނިމުނީ 3-3 އިން އެއްވަރުވެގެންނެވެ.