Last Updated: June 8, 14:27
Monday, June 8, 2026
މުނިފޫހިފިލުވުން

'ޑާލިންސް' ގެ ޑައިރެކްޓަރުގެ އާ ފިލްމު ޖާންވީ އަށް

ބެލުންތެރިންގެ ވަރަށް ބޮޑު މަގުބޫލު ކަމެއް ލިބުނު އާލިއާ ބަޓްގެ ބްލެކް ކޮމެޑީ "ޑާލިންސް" ގެ ޑައިރެކްޓަރު ޖަސްމީތު ކޭ ރީންގެ ދެވަނަ ފިލްމު ޖާންވީ ކަޕޫރަށް ހުށަހަޅާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުުނީ ކައިވެނީގެ ގުޅުމުގެ މައްޗަށް ބިނާކޮށް ހަދަން ނިންމާފައިވާ މި ފިލްމު ޕްރޮޑިއުސަރަކީ "އެނިމަލް" ފަދަ ކާމިޔާބު ފިލްމުތަކުގައި ހިއްސާވި މުރާދު ކެތޭތީ ކަމަށެވެ. އަދި ނަން ސާފު ނުވާ މި ފިލްމަށް އޭގެ ޓީމުން ތައްޔާރީތައްވަމުން އަންނަ އިރު، ވަރަށް އަވަަހަށް ފިލްމު ރަސްމީކޮށް އިއުލާން ކުރާނެ ކަމަށް ވެސް މީޑިއާތަކުން ބުންޏެވެ.

އާލިއާއާ އެކު ޖަސްމީތު 2022 ގައި ގެނެސްދިން "ޑާލިންސް" އަކީ އާލިއާގެ އަމިއްލަ ޕްރޮޑަކްޝަން ހައުސް އިޓާނަލް ސަންޝައިން ޕްރޮޑަކްޝަންސް އާއި ޝާހްރުކް ޚާންގެ ރެޑް ޗިލީސް އެންޓަޓައިމަންޓް ގުޅިގެން ނެޓްފްލިކްސް އަށް ގެނެސްދިން ވަރަށް ކާމިޔާބު ފިލްމެކެވެ. އަދި އެ ފިލްމަކީ އާލިއާގެ ކުންފުނިން ހެދި ފުރަތަމަ ފިލްމު ވެސް މެ އެވެ.

ގެވެށިއަނިޔާ އަށް ބިނާކޮށް ހެދި "ޑާލިންސް" ގެ މައިގަނޑު ތަރިންނަކީ އާލިއާ އާއި ވިޖޭ ވަރްމާ އާއި ޝެފާލީ ޝާހްގެ އިތުރުން ރޯޝަން މެތިއު އެވެ.

އެ ފިލްމަކީ ގިނަ އެވޯޑްތަކެއް ވެސް ހޯދި ފިލްމެކެވެ. އޭގެ ތެރޭގައި ޖަސްތީމަށް ލިބުނު އެންމެ މޮޅު އާ ޑައިރެކްޓަރުގެ އެވޯޑް ޒ ސިނެ އެވޯޑް ފާހަަގަކޮށްލެވެ އެވެ.

ދާދި ފަހުން ޖާންވީގެ ތިން ފިލްމެއް ވަރަށް ގާތްގާތުގައި ރިލީޒްކޮށްފައިވެ އެވެ. އެއީ މި މަހު ރިލީޒްކުރި "ސަނީ ސަންސްކާރީ ކީ ތުލްސީ ކުމާރީ" އާއި "ހޯމްބައުންޑް" ގެ އިތުރުން އޮގަސްޓްގައި ރިލީޒްކުރި "ޕަރަމް ސުންދަރީ" އެވެ.

ކުރީގެ ބަތަލާ ސްރީދޭވީގެ ދޮށީ ދަރިފުޅުގެ ކުރިއަށް އޮތް ފިލްމަކީ އަންނަ އަހަރުގެ މާޗް 27 އަށް ތާވަލުކޮށްފައި އޮތް އެކްޓަރު ރާމް ޗަރަންގެ ސްޕޯޓްސް އެކްޝަން ޑްރާމާ "ޕެއްޑީ" އެވެ.