Last Updated: June 7, 06:04
Sunday, June 7, 2026
ޚަބަރު

އައްޑޫ ވޯޓް: ވޯޓް ލެވެނީ 9،576 މީހަކަށް

އައްޑޫގެ ތިން އަވަށެއްގައި ރަށު ކައުންސިލް ހަދަން ފެނޭތޯ ނަގަން ނިންމާފައިވާ ހިޔާލު ހޯދުމުގެ ވޯޓްގައި ވޯޓްލުމުގެ ހައްގު ލިބިފައި ވަނީ ޖުމްލަ 9،576 މީހުންނަށް ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

މި މަހުގެ 25 ގައި ބާއްވާ މި ވޯޓަކީ ފޭދު އާއި މީދޫގެ އިތުރުން ހުޅުދު އަށް ހާއްސަ ވޯޓެކެވެ.

މި ވޯޓްގެ ތައްޔާރީތައް އީސީން ވަމުން އަންނަ އިރު، ރީ-ރަޖިސްޓްރޭޝަނަށް ފުރުސަތު ހުޅުވައިލުމަށް ފަހު މިހާރު ވަނީ ވޯޓުލާން ރަޖިސްޓަރީކޮށްފައިވާ ފޮށީގެ މަޢުލޫމާތު ހިމެނޭ ރަޖިސްޓަރީ އާންމުކޮށް، ރަޖިސްޓަރީކޮށްފައިވާ ފޮށްޓާ ގުޅިގެން ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ވެސް ހުޅުވާލައިފަ އެވެ.

މި ވޯޓްގައި ޖުމްލަ 9،576 މީހަކަށް މި ވޯޓުގައި ވޯޓުލުމުގެ ޙައްގު ލިބެ އެވެ.

އެގޮތުން ފޭދޫން ވޯޓްލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދަކީ 4،355 އެވެ. މީދޫން 2،347 މީހަކަށް ވޯޓު ދިނުމުގެ ޙައްގު ލިބޭ އިރު ހުޅުދޫގެ 2،874 މީހަކަށް ވޯޓު ދިނުމުގެ ޙައްގު ލިބެ އެވެ.

މި ވޯޓަށް އެ ތިން އަވަށުގެ އިތުރަށް ވޯޓްފޮށި ބަހައްޓަން ހަމަޖެހިފައި ވަނީ ވެރިރަށް މާލޭގަ އެވެ. އެގޮތުން ޖުމްލަ 18 ފޮށި ބަހައްޓަން ހަމަޖެހިފައިވެ އެވެ އެވެ. މާލޭގައި ބަހައްޓާނީ 7 ފޮއްޓެވެ. އީސީން ވަނީ ފޮށިތައް ހުންނާނެ ތަން ވެސް އިއުލާންކޮށްފަ އެވެ.

ރީ-ރަޖިސްޓްރޭޝަނަށް ހުޅުވާލުމުން ރަޖިސްޓްރީކުރީ 255 މީހެެއް ކަަށް އީސީން ބުންޏެވެ.