އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ޑިމޮކްރަސީގެ އަސާސްތަކާ ހިލާފަށް ކުރިއަށްދާ ކަމަށް ބުނެ އޭނައާ ދެކޮޅަށް އަނެއްކާ ވެސް ވަރުގަދަ މުޒާހަރާތަކެއް ފަށައިފި އެވެ،
"ނޯ ކިންގްސް" ޝިއާރުގެ ދަށުން ސުލަހަވެރި މުޒާހަރާތައް ވޮޝިންޓަނާއި ނިއު ޔޯކާއި ޝިކާގޯ އާއި މަޔާމީ އަދި ލޮސް އެންޖެލިސް ފަދަ ބޮޑެތި ސިޓީތަކުގައި ދަނީ ކުރިއަށެވެ. މި މުޒާހަރާތަކުގެ ބައިވެރިން ޓްރަމްޕަށް ބޮޑަށް ފާޑު ކިޔައި، އޭނަ މިހާރު އެމެރިކާ ރަސްކަމަކާ ދިމާއަށް ގެންދަން އުޅޭ ކަމަށް ބުނެފައިވެ އެވެ.

އެގޮތުން ހުރިހާ ބާރުތަކެއް އަމިއްލަ މުށުތެރެއަށް ގެނައުމަށްޓަކައި ފެޑެރަލް ސަރުކާރުތަކުގެ ބާރު ކަނޑުވާލައި، އެމެރިކާގެ ވެރިކަމުގައި މިހާރު ރަސްކަމެއްގެ ސިފަ ޖެހެމުންދާ ކަމަށް ބުނެ މުޒާހަރާގެ ބައިވެރިން އަންނަނީ ކަންބޮޑުވުން ފާޅުކޮށް، ޓްރަމްޕްގެ ސިޔާސަތުތަކާ މެދު ނުރުހުން ފާޅު ކުރަމުންނެވެ. އަދި އެމެރިކާ އަކީ އެ ގައުމުގައި އުޅެން ބޭނުންވާ ކޮންމެ މީހަކަށް ވެސް ލިބިގެބްވާ ހައްގެއް ކަމަށާއި އެ ހައްގު ފޭރިނުގަތުމަށް ވެސް މުޒާހަރާގެ ބައިވެރިން ގޮވާފައިވެ އެވެ.
މުޒާހަރާ ކުރާ މީހުން ބުނެފައި ވަނީ ރަސްކަމެއް ބޭނުން ނުވާ ކަމަށާއި ބޭނުން ވަނީ ހަރުދަނާ ޑިމޮކްރަސީއެއް އޮތް ގައުމެއްގެ ގޮތުގައި އެމެރިކާ އޮންނަން ކަމަށެވެ.

މި މުޒާހަރާތަކާ ގުޅިގެން މިހާރު ވަނީ ބޮޑެތި ސިޓީތަކުގެ މަގުތަކަށް ނެޝަނަލް ގާޑުން ވެެސް ނެރެފަ އެވެ. ސަރުކާރުން ބުނެފައި ވަނީ މި މުޒާހަރާތަކަކީ ވާތު ފިޔައިގެ ހަރަކާތެއް ކަމަށް އެންޓިފާ އިސް އޮވެގެން ކުރިއަށް ގެންދާ މުޒާހަރާތަކެއް ކަމަށެވެ.
މި އަހަރުގެ ޖެނުއަރީ މަހު ޓްރަމްޕް އަލުން ވެރިކަމަށް އައި ފަހުން މީގެ ކުރިން ވެސް އޭނައާ ދެކޮޅަށް އެކި ފަހަރު މަތިން ބޮޑެތި މުޒާހަރާތަކެއް ބާއްވާފައިވެ އެވެ.