Last Updated: June 8, 14:27
Monday, June 8, 2026
ޚަބަރު

އިންޑިއާ ޓޫރިސްޓުން 100،000 އިން މައްޗަށް

ބަތަލާ ސޮނާކްޝީގެ ދެމަފިރިން ރާއްޖޭގައި ނަގާފައިވާ ފޮޓޯއެއް.

މިދިޔަ އަހަރުން ފެށިގެން ރާއްޖެ އަންނަ ޓޫރިސްޓުން މަދުވެފައި އޮންނަތާ ގިނަ ދުވަސްތަކެއް ފަހުން އެ ގައުމުން މި އަހަރުގެ މިހާތަށް އައި ޓޫރިސްޓުންގެ އަދަދު 100،000 ހުރަސްކޮށްފި އެވެ.

އިންޑިއާ މިހާރު އޮތީ ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން 10 ގައުމުގެ ލިސްޓްގެ 6 ވަނައިގަ އެވެ. މިދިޔަ އަހަރު ވެސް އެ ގައުމު އޮތީ ހަ ވަނައިފަ އެވެ. އެކަމަކު 2023 ގައި ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އައި ގައުމަކީ އިންޑިއާ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާ އިރު އިއްޔެގެ ނިޔަލަށް އިންޑިއާއިން 100،596 ޓޫރިސްޓުން އައިސްފައިވެ އެވެ. އަދި މިއީ މި އަހަރުގެ މިހާތަނަށް ރާއްޖެ އަށް އައި ޖުމްލަ ޓޫރިސްޓުންގެ 5.8 ޕަސެންޓެވެ.

އެންމެ ގިނައިން ޓޫރިސްޓުން އަންނަ 10 ގައުމު:

1. ޗައިނާ: 284،933 ޓޫރިސްޓުން
2. ރަޝިއާ: 213،851 ޓޫރިސްޓުން
3. އިނގިރޭސިވިލާތް: 152،884 ޓޫރިސްޓުން
4. ޖަރުމަން: 126892 ޓޫރިސްޓުން
5. އިޓަލީ: 116،705 ޓޫރިސްޓުން
6. އިންޑިއާ: 100،596 ޓޫރިސްޓުން
7. އެމެރިކާ: 50،529 ޓޫރިސްޓުން
8. ފްރާންސް: 44،859 ޓޫރިސްޓުން
9. ސްޕެއިން: 42،280 ޓޫރިސްޓުން
10. އޮސްޓްރޭލިއާ: 33،319 ޓޫރިސްޓުން

ރާއްޖެ އަށް އިއްޔެގެ ނިޔަލަށް އައި ޓޫރިސްޓުންގެ އަދަދަކީ 1،743،577 އެވެ. ރާއްޖޭގެ މި އަހަރުގެ ޓާގެޓަކީ 2.3 މިލިއަން ޓޫރިސްޓުން ގެނައުމެވެ.

ރާއްޖެ އަށް ވަރަށް މުހިއްމު މާކެޓެއްގެ ގޮތުގައި ފާހަގަކޮށްލެވޭ އިންޑިއާ އިން އަންނަ ޓޫރިސްޓުން މިހާރު އިތުރުވަމުން އަންނަ އިރު، އެ ގައުމުގައި ރާއްޖޭގެ އިޝްތިހާރު ކުރަން މި ފަހުން އަންނަނީ ތަފާތު ގިނަ ހަރަކާތްތަކެއް ވެސް ހިންގަމުންނެވެ. ރާއްޖޭގެ ގްލޯބަލް ޓޫރިޒަމް އެމްބެސެޑަރެއްގެ ގޮތުގައި ހަމަޖައްސާފައިވާ މީހުންގެ ތެރޭގައި ވެސް އިންޑިއާގެ ބަތަލާއަކު ހިމެނެ އެވެ.

އެއީ ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކެޓްރީނާ ކައިފެވެ. އިންޑިއާގެ ވަރަށް ގިނަ ސެލެބްރިޓީން ރާއްޖެ އަށް ޗުއްޓީ އަންނަކަން ވެސް ފާހަގަކޮށްލެވެ އެވެ. އަދި އެ މީހުން ރާއްޖޭގައި ނަގާ ފޮޓޯތަކާއި ވީޑިއޯތައް ސޯޝަލް މީޑިއާގައި ޕޯސްޓްކުރުމުން ރާއްޖެ އިތުރަށް ޕްރްމޯޓްވެ އެވެ.