Last Updated: July 1, 23:10
Wednesday, July 1, 2026
ޚަބަރު

35 ރަށެއްގެ ކައުންސިލް އިމާރާތުގެ މަސައްކަތް މި މަހު ފަށަނީ

ކައުންސިލް އިދާރާގެ އިމާރާތް އަޅަން ނިންމާފައިވާ 55 ރަށުގެ ތެރެއިން 35 ރަށެއްގެ ކައުންސިލް އިމާރާތުގެ އަމަލީ މަސައްކަތް މި މަހުގެ ތެރޭގައި ފެށޭނެ ކަމަށް ލޯކަލް ގަވާމަންޓް މިނިސްޓްރީން މިއަދު ބުނެފި އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އާދަމް ޝަރީފް ވިދާޅުވީ ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ޢިމާރާތް ކުރުމަށް ހަމަޖެހިފައިވާ 55 ކައުންސިލް އިދާރާގެ ތެރެއިން 20 ރަށެއްގައި އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. އަދި ބާކީ 35 ކައުންސިލްގެ އަމަލީ މަސައްކަތް މި މަހު ފެށޭނެ ކަމަށް ވިދާޅުވި އެވެ.

ރަށްރަށުގެ ކައުންސިލް އިމާރާތައް އަޅަން ސަރުކާރުން ވެފައިވާ ވައުދުގެ ދަށުން 55 ރަށެއްގެ ކައުންސިލް އިމާރާތް އަޅަން ހަވާލުކޮށްފައިވަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ)އާ އެވެ.

މި މަޝްރޫއު އެންމެ ފުރަތަމަ ހަވާލުކުރީ މެލޭޝިއާގެ ހެކްސްޓަ ގްލޯބަލް ކުންފުންޏާ އެވެ. ނަމަވެސް، ކައުންސިލްތަކުން ހުށަހެޅި ބަދަލުތައް އެ ކުންފުނިން ބަލައިނުގަތުމުން އެ އެއްބަސްވުން ވަނީ ބާތިލުކޮށްފަ އެވެ.