Last Updated: June 8, 14:27
Monday, June 8, 2026
ދުނިޔެ

ކަޅުބުޅާ އެޑޮޕްޓް ކުރުން މަނާކޮށްފި!

ވަގުތީ ގޮތުން ކަޅުބުޅާ އެޑޮޕްޓް ކުރުން ސްޕެއިންގެ ސިޓީއަކުން މަނާކޮށްފި އެވެ.

އެ ގައުމުގެ އިރުމަތީ ކެޓޮލޯނިއާ އަށް ނިސްބަތްވާ ޓެރާސާ ސިޓީން މިފަދަ ފިޔަވަޅެއް އެޅީ ހުޅަނގުގެ ޢައިރު މުސްލިމުން ފާހަގަކުރާ ހެލޮވީންގެ ތެރޭގައި ކަޅުބުޅާތައް ގިނަ އަދަދަކަށް އެޑޮޕްޓްކޮށް، ކަޅުބުޅާތަކާ މެދު އަނިޔާވެރި އަމަލުތައް ހިންގަމުންދާތީ އެކަމަށް ސަމާލު ކަމަށް އައުމާ ގުޅިގެންނެވެ.

ހުޅަނގުގެ ސަގާފަތަށް ތަބާވާ ނަސާރާ އިިން ދެކޭ ގޮތުގައި ކަޅުބުލަކީ ބަދުނަސީބާއި ތަފާތު ނުރައްކާތަކާ ގުޅިފައިވާ ސިހުރުހާހޫރައާ ގުޅުން ހުރި އެއްޗެކެވެ.

ޓެރާސާ އަވަށުގައި ކަޅުބުޅާ އެޑޮޕްޓްކުރުން ވަގުތީ ގޮތުން ޓެރާސާ ސިޓީ ކައުންސިލުން މަނާކުރީ މި މަހުގެ 6 އިން ފެށިގެން އަންނަ މަހުގެ 10 އާ ހަމައަށެވެ. އެހެންވެ މި މުއްދަތުގެ ތެރޭގައި ބުޅާ ގެންގުޅޭ އެއްވެސް ފެސިލިޓީއަކުން ބުޅާތައް އެޑޮޕްޓް ކުރުމުގެ އެއްވެސް މުއާމަލާތެއް ނުހިންގޭނެ ކަމަށް ޓެރާސާ އަވަށުގެ އެނިމަލް ވެލްފެއާ ސާވިސް އިން އަންގާފައިވެ އެވެ.

މި ނިންމުމާ ގުޅޭ ގޮތުން އެތަނުގެ ޑެޕިއުޓީ މޭޔަރު ނޮއެލް ޑޫގީ ވިދާޅުވީ ހެލޮވީން ތެރޭގައި ވަރަށް ގިނަ ކަޅުބުޅާ އެޑޮޕްޓްކޮށް، އެ އެ އެއްޗިއްސާ މެދު އަނިޔާވެރި އަމަލުތައް ހިންގާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

"ސީދާ ޓެރާސާ ސިޓީން އަދި އެފަދަ ރިޕޯޓެއް ލިބިފައި އަދި ލިބިފައި ނެތަސް ސްޕެއިންގެ ބައެއް ހިސާބުތަކުގައި މިފަދަ ޓްރެންޑެއް އޮންނަކަމުގެ މައުލޫމާތު ލިބިފައިވޭ،" އޭނަ ވިދާޅުވި އެވެ. "އެހެންވެ އަހަރެމެންގެ ސިޓީގައި އެފަދަ އަމަލެއް ހިންގަން ފުރުސަތު ނުދިނުން ބޭނުމަކީ."

ޓެރާސާގެ އެނިމަލް ވެލްފެއާފެ ރެކޯޑްތައް ދައްކާ ގޮތުން އެތަނުގައި 9،800 އަށް ވުރެ ގިނަ ބުޅާ އުޅެ އެވެ. އަދި އެޑޮޕްޝަން ސެންޓަރުތަކުގައި 100 އެއްހާ ބުޅާ މިހާރު ވެސް އެބައޮތެވެ.

ޓެރާސާ ސިޓީ ކައުންސިލުން ބުނީ ކަޅުބުޅާ އެޑޮޕްޓް ކުރުން ވަގުތީ ގޮތުން މަނާކުރަން ނިންމި މުއްދަތަށް ފަހު އަލުން އެޑޮޕްޓް ކުރުމުގެ ފުރުސަތު ހުޅުވައިލާނެ ކަމަށެވެ.