ރާއްޖެއަށް ވަގަށް އެތެރެކުރި ތިން މިލިއަނަށް ވުރެ ގިނަ ސިނގިރެޓް ކަސްޓަމްސްއިން މިއަދު ނައްތާލައިފި އެވެ.
ކަސްޓަމްސްއިން ބުނީ އެ ސިނގިރެޓްތައް ނައްތާލީ ކ. ދޫނިދޫގައި މީޑިއާގެ ހާޒިރުގައި ކަމަށެވެ. އެގޮތުން މިއަދު 3,183,040 ނައްތާލިކަމަށް ވެސް ކަސްޓަމްސްއިން ބުންޏެވެ.
އެ ތަކެއްޗަކީ ގާނޫނާ ގަވާއިދާ ޚިލާފަށް ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ކަސްޓަމްސްގެ ބަލައިފާސްކުރުމުގެ ތެރެއިން ހޯދިފައިވާ ތަކެތި ކަމަށް އެ އިދާރާއިން ބުންޏެވެ.
ސަރުކާރުން ސިނގިރޭޓުގެ ޑިއުޓީ ބޮޑުކުރުމާ ގުޅިގެން، ސިނގިރޭޓުގެ ވަގު ވިޔަފާރީގެ މައްސަލަތައް ވަނީ އިތުރުވެފަ އެވެ.
އެގޮތުން މިދިޔަ އަހަރު ރާއްޖެއަށް ވަގަށް އެތެރެކުރަން އުޅުނު 40 ފޫޓުގެ ދެ ކޮންޓެއިނަރުގައި ހުރި 13 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓު ކަސްޓަމްސްއިން ހިފަހައްޓާފައި ވަނިކޮށް، ދާދިފަހުން އެތަކެތި ވަނީ ގެއްލިފަ އެވެ. މި މައްސަލައިގައި 12 މީހަކު ފުރުން މަނާކޮށް، ހަތަރު މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.