ބޮލީވުޑްގެ މަޝްހޫރު ތަރި ސަނީ ޑިއޯލްގެ އިތުރު ފިލްމެއް އަންނަ އަހަރުގެ ކުރިކޮޅު ގެނެސްދޭނެކަން އިއުލާންކޮށްފި އެވެ.
މިއަދު އިއުލާންކުރި އެ ފިލްމަކީ "ގަބްރޫ" އެވެ.
މި ވާހަކަ ސޯޝަލް މީޑިއާގައި ހިއްސާކޮށް ސަނީ ބުނީ ފިލްމު ބެލުންތެރިންނަށް ގެނެސްދޭނީ މާޗް 13 ގައި ކަމަށެވެ. "ގަބްރޫ" އަކީ ޝަޝަންކް އުދަޕޫރްކާރް ލިޔެ، ޑައިރެކްޓްކޮށް ގެނެސްދޭ ފިލްމެކެވެ. މީގެ ކާސްޓްގައި ސިމްރަން ބައްގާ އާއި ޕްރިތީ ކަމާނީ ވެސް ހިމެނެ އެވެ.
އަންނަ އަހަރު ރިލީޒްކުރާނެ ސަނީގެ ފުރަތަމަ ފިލްމަކީ ޖެނުއަރީ 22 އަށް ތާވަލުކޮށްފައި ހަނގުރާމަ ފިލްމު "ބޯޑާ 2" އެވެ. ރިޕޯޓްތައް ބުނާ ގޮތުން 2018 ގައި ރިލީޒްކުރި މަލަޔާޅަމް ކްރައިމް ތުރިލާ "ޖޯސެފް" ގެ ހިންދީ ރިމޭކް "ސޫރިއާ" ގެ މަސައްކަތް ވެސް ސަނީ މިހާރު އަންނަނީ ކުރަމުންނެެވެ.
އޭނަގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ލާހޯރް، 1947" އާއި ދެ ބަޔަކަށް ގެނެސް ހަމަޖެހިފައިވާ "ރާމާޔަން" ވެސް ހިމެނެ އެވެ.
ސަނީގެ އެންމެ ފަހުގެ ފިލްމަކީ އެޕްރީލްގައި ރިލީޒްކުރި އެކްޝަން ތުރިލާ "ޖާޓް" އެވެ.