Last Updated: July 1, 23:10
Wednesday, July 1, 2026
ޚަބަރު

ފައްޔާޒުގެ ސުވާލެއް: އައްޑޫ ވޯޓުން މައްސަލަތަކަށް ހައްލު ލިބޭނެތޯ؟

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް

އައްޑޫގައި ވަކިވަކި ކައުންސިލްތައް ހަދަން ފެނޭތޯ ބަލަން ނަގާ ހިޔާލު ހޯދުމުގެ ވޯޓުގެ ނަތީޖާއިން ރައްޔިތުންނަށް ދިމާވެފައިވާ ތަކުލީފުތަކަށް ހައްލު ލިބޭނެތޯ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ސުވާލު އުފައްދަވައިފި އެވެ.

އައްޑޫގެ ތިން އަވަށެއްގައި ރަށު ކައުންސިލް ހަދަން ފެނޭތޯ ބެލުމަށް މި މަހު 25 ގައި ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ވަނީ ހަމަޖެހިފަ އެވެ. ރަށު ކައުންސިލް ހަދަން ފެނޭތޯ ވޯޓް ނަގަން ހަމަޖެހިފައި ވަނީ ފޭދު އާއި މީދޫގެ އިތުރުން ހުޅުދޫގަ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވީ އައްޑޫގެ ރިފަރަންޑަމްއާ ގުޅޭ ގޮތުން އައްޑޫގެ ވަރަށް ގިނަ އެމްޑީޕީ މެންބަރުންނާ ބައްދަލުކޮށް މަޝްވަރާ ކުރެވިފައިވާ ކަމަށާއި ސަރުކާރުން ރިފަރަންޑަމް ނަގަން އުޅޭ ގޮތާމެދު ވަރަށް ގިނަ ރައްޔިތުންގެ ކަންބޮޑުވުން އެބަހުރި ކަމަށެވެ.

"އެތައް ބައިވަރު ސުވާލުތަކެއް އެ ރައްޔިތުންގެ އެބަހުރި. ރެފަރަންޑަމްގެ ނަތީޖާގެ ސަބަބުން އެ ރައްޔިތުންނަށް ދިމާވެފައިވާ ތަކުލީފުތަކަށް ހައްލު ލިބިގެންދާނެތޯ؟ ނުވަތަ އޭގެ ސަބަބުން އެ ތަކުލީފުތައް ވާނީ އިތުރުތޯ؟ ރެފަރަންޑަމްގައި ނިންމާ ގޮތްތަކުން ނުކުންނާނެ ނަތީޖާގެ ސާފު މައުލޫމާތު ސަރުކާރުން ޒިންމާދާރުކަމާއެކު ރައްޔިތުންނަށް އޮޅުންފިލުވައި ދިނުން މުހިއްމު،" ފައްޔާޒު ވިދާޅުވި އެވެ.

ފައްޔާޒު ވިދާޅުވީ މި ކަންކަން ނުކޮށް އެހާ އަވަސް އަރުވާލައިގެން ރިފަރަންޑަމްއެއް ނެގުމުގެ ބަދަލުގައި، އައްޑޫގެ ރައްޔިތުންނަށް ދިމާވާ ތަކުލީފުތައް ހައްލުކުރުމަށް ގާނޫނަށް ބަދަލު ގެނެސްގެން ހައްލު ހޯދައި ދެވެން އެބައޮތް ކަމަށެވެ. އަދި ރިފަރަންޑަމްގައި ރައްރަށަށް ދިމާވެފައިވާ މައްސަލަ ގާނޫނުން ހައްލުކޮށް، މިހާރު އޮތްގޮތަށް ހުރިހާ ރަށެއް އެއްކޮށް ބޭއްވުމާ މެދު ރައްޔިތުން ދެކޭގޮތް ރިފަރަންޑަމަށް އިތުރުކުރަންވެސް ރައްޔިތުން ބޭނުންވާ ކަމަށް ފައްޔާޒު ވިދާޅުވި އެވެ.

މިހާރު އައްޑޫގެ ހުރިހާ ރަށްތަކެއް (އަވަށްތަކެއް) ތަމްސީލުވާ ގޮތަށް ސިޓީ ކައުންސިލެއް އޮންނަ އިރު، އައްޑޫގެ ތިން ރަށެއްގައި ރަށު ކައުންސިލް ހަދަން ފެނޭތޯ ވޯޓަކަށް ދާން ނިންމީ ތިން ރަށުގެ ރައްޔިތުން އެކަމަށް އެދިގެން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވެ އެވެ.

ނަމަވެސް މިކަމާ ގުޅިގެން ރައްޔިތުންގެ މެދުގައި ބޮޑެތި ހިޔާލު ތަފާވުވުންތަކާއި ކަންބޮޑުވުންތައް އުފެދިފައިވެ އެވެ.