Last Updated: July 1, 23:10
Wednesday, July 1, 2026
ދުނިޔެ

ގާޒާއަށް އެހީ ވެއްދުން އިޒްރޭލުން ހުއްޓުވައިފި

ސުލްހައިގެ އެއްބަސްވުމާ ހަމާސް ޖަމާއަތުން ހިލާފުވެފައިވާ ކަމަށް ބުނެ، ގާޒާއަށް އެހީ ވެއްދުން ހުއްޓުވަން އިޒްރޭލުން ނިންމައިފި އެވެ.

އިޒްރޭލުގެ ސެކިއުރިޓީ އޮފިޝަލަކު ބުނީ ހަމާސް އިން ސުލްހައިގެ އެއްބަސްވުމާ ހިލާފުވެފައިވާތީ ގާޒާއަށް އެހީ ވެއްދުން ހުއްޓާލަން ނިންމާފައިވާ ކަމަށެވެ. ނަމަވެސް ސުލްހައިގެ އެއްބަސްވުމާ ހިލާފުވެފައިވާ ކަމަށް އިޒްރޭލުން ކުރާ ތުހުމަތު ހަމާސް އިން ދޮގުކުރެ އެވެ.

ހަމަލާތައް ހުއްޓާލަން އެކުލަވާލި އެއްބަސްވުމަށް ތަންފީޒުކުރަން ފެށި ފަހުން، ގާޒާއަށް އެހީގެ އެތައް ސާމާނެއް ވެއްދުމުގެ ހުއްދަ ވަނީ ދީފަ އެވެ.

ސުލްހައިގެ އެއްބަސްވުމާ ހަމާސް އިން ހިލާފުވެ، އިޒްރޭލުގެ ސިފައިންނަށް އަމާޒުކޮށް ހަމާސް އިން ހަމަލާތައް ދީފައިވާ ކަމަށް ބުނެ އިޒްރޭލުން އަންނަނީ ގާޒާގެ ދެކުނުގެ ސަރަހައްދުތަކަށް ހަމަލާތައް ދޭން އަނެއްކާވެސް ފަށައިފަ އެވެ. އެ ހަމަލާތަކުގައި 21 މީހަކު ޝަހީދުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ހަމަލާތައް ދިނުން ހުއްޓާލުމުގެ އިތުރަށް އިޒްރޭލުން ގާޒާގައި ހިންގަމުންދާ ހުރިހާ އަސްކަރީ އޮޕަރޭޝަނެއް ނިމުމަކަށް ގެންނަންޖެހޭ ކަމަށްވެސް ސުލްހައިގެ ޕްލޭނުގައިވެ އެވެ.

ފުރަތަމަ މަރުހަލާގެ ތެރެއިން ހަމާސްގެ ބެލުމުގެ ދަށުގައި ތިބި އިޒްރޭލުގެ އަސީރުން މިނިވަން ކޮށްފައިވާއިރު، އިޒްރޭލުގެ ޖަލުތަކުގައި ތިބި ފަލަސްތީނުގެ ބައެއް މީހުން ވެސް މިނިވަންކޮށްފައިވެ އެވެ.

އިޒްރޭލުން ގާޒާއަށް އަނެއްކާވެސް ހަމަލާތައް ދެމުންދާއިރު، އެ ހަމަލާތަކުގައި މިހާތަނަށް ގާޒާއިން ވަނީ 68،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެފަ އެވެ.