މެންޗެސްޓާ ޔުނައިޓެޑުން މިރޭ އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަން، ލިވަޕޫލް 2-1 އިން ބަލިކޮށްފި އެވެ.
މި މޮޅާއެކު ޔުނައިޓެޑް އޮތީ އަށް މެޗުން 13 ޕޮއިންޓް ހޯދައިގެން ލީގުގެ 9 ވަނައިގަ އެވެ. ލިވަޕޫލް އޮތީ އަށް މެޗުން 15 ޕޮއިންޓާ އެކު، ލީގުގެ ހަތަރު ވަނައިގަ އެވެ. އެއް ވަނައިގައި އޮތް އާސެނަލަށް އަށް މެޗުން 18 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށް ވަނީ އަށް މެޗުން 16 ޕޮއިންޓް ލިބިފަ އެވެ.
މިއީ، 2016 ވަނަ އަހަރަށްފަހު ޔުނައިޓެޑުން ލިވަޕޫލް ދަނޑުގައި މޮޅުވި ފުރަތަމަ ފަހަރެވެ. އަދި މިއީ 2014 ވަނަ އަހަރުގެ ނޮވެމްބަރު މަހަށް ފަހު ޖެހިޖެހިގެން ހަތަރު މެޗުން ލިވަޕޫލް ބަލިވި ފުރަތަމަ ފަހަރެވެ.
އެންފީލްޑް ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގެ ދެ ވަނަ މިނިޓްގައި ޔުނައިޓެޑުން ވަނީ ބްރަޔަން އެމްބުއޭމޯ ޖެހި ގޯލުން ލީޑުނަގައިފަ އެވެ. ފުރަތަމަ ހާފުގައި ޔުނައިޓެޑްގެ ބްރޫނޯ ފެނާންޑޭސް ފޮނުވާލި ހަމަލާއެއް ގޯލުގެ ދަނޑިއަށް އަމާޒުވިއިރު، މި ހާފުގައި ލިވަޕޫލްގެ ކޯޑީ ގަކްޕޯ ފޮނުވާލި ދެ ހަމަލާއެއް ޔުނައިޓެޑްގެ ގޯލުގެ ދަނޑިއަށް އަމާޒުވެފައިވެ އެވެ.
ލިވަޕޫލުން ނަތީޖާ އެއްވަރުކުރީ މެޗުގެ 78 ވަނަ މިނިޓްގައި ގަކްޕޯ ޖެހި ގޯލުންނެވެ. ނަމަވެސް މެޗުގެ 84 ވަނަ މިނެޓްގައި ހެރީ މެގުއާ ޔުނައިޓެޑަށް އަލުން ލީޑު ނަގައިދިން އިރު، ނަތީޖާ އެއްވަރުކޮށްދޭން ގަކްޕޯއަށް ހުސް ފުރުސަތެއް ލިބުނު ނަމަވެސް، އޭނާ ފޮނުވާލި ހަމަލާ ދިޔައީ ބޭރަށެވެ.