Last Updated: July 1, 23:10
Wednesday, July 1, 2026
ޚަބަރު

ފޭދޫގެ ތަރައްގީ އޮތީ ސިޓީ ކައުންސިލާއެކު، ބައިބައިވާކަށް ނުޖެހޭ

އައްޑޫ ފޭދު އަށް ތަރައްގީ ލިބެނީ ސިޓީ ކައުންސިލާއެކު އެހީތެރިކަމާއެކު ކަމަށާއި ބައިބައިވާން ޖެހޭ ސަބަބެއް ނުވިސްނޭ ކަމަށް ކުރީގެ އެޓާނީ ޖެނަރަލް ހަސަން ސައީދު ވިދާޅުވެއްޖެ އެވެ.

އައްޑޫގެ ތިން އަވަށެއްގައި ރަށު ކައުންސިލް ހަދަން ފެނޭތޯ ބެލުމަށް މި މަހު 25 ގައި ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ވަނީ ހަމަޖެހިފަ އެވެ. ރަށު ކައުންސިލް ހަދަން ފެނޭތޯ ވޯޓް ނަގަން ހަމަޖެހިފައި ވަނީ ފޭދު އާއި މީދޫގެ އިތުރުން ހުޅުދޫގަ އެވެ.

އެ ވޯޓާ ދިމާކޮށް ފޭދޫ ރައްޔިތުންނަށް އެޑްރެސްކޮށް ހަސަން ސައީދު އާންމުކުރެއްވި ސިޓީއެއްގައި ވިދާޅުވީ މިވަގުތު ރާއްޖޭގެ މީހުން ދިރިއުޅޭ ރަށެއް ނުވަތަ އަތޮޅެއްގައި ވެސް އަމިއްލަ ފަރާތަކުން ހިންގާ އެންމެ ބޮޑު މަޝްރޫއު ހިންގަނީ އައްޑޫގައި ކަމަށާއި އެއީ 1،000 ޓޫރިސްޓު އެނދު އުފެއްދުމުގެ މަޝްރޫއު ކަމަށެވެ.

އެކަމުގައި އެންމެ އިސްކޮށް އުޅުއްވާ ބޭފުޅެއްގެ ހައިސިއްޔަތުން ހަސަން ވިދާޅުވީ އަންނަ އަހަރު ފޭދޫގެ ޓޫރިޒަމް ޒޯނުގައި އެކަނިވެސް 536 ޓޫރިސްޓް އެނދާއި ރާއްޖޭގެ އެންމެ ބޮޑު އެއް ރެސްޓޯރަންޓާއި ޖިމްނޭޒިއަމްގެ އިތުރުން ސްޕާ އާއި ޑައިވިން ސެންޓަރާއި ވޯޓާ ސްޕޯޓްސް ފަދަ ހިދުމަތްތައް ލިބޭނެ ކަމަށެެވެ.

ފޭދޫގެ އިތުރުން މީދު އާއި ހިތަދޫގެ ޓޫރިޒަމް ޒޯނުގައި ވެސް އޭނާގެ ބައިވެރިން އަންނަނީ ގިނަ އަދަދެއްގެ ޓޫރިސްޓު އެނދާއި ހިދުމަތް ގާއިމްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އަމާޒަކީ ބޭރު ގައުމުތަކުން ގަމަށް ސީދާ ފްލައިޓުތައް ގެނައުން ކަމަށް ހަސަން ވިދާޅުވި އެވެ. އަދި އަތޮޅުގެ ބެޑް ކެޕޭސިޓީ ދެ ގުނަކޮށް، ގަމަށް އަންނަ ފަތުރުވެރިން ކަނޑާއި ވައިގެ މަގުން ފުވައްމުލަކާއި ހުވަދު އަތޮޅުގެ ރިސޯޓުތަކާއި ގެސްޓުހައުސްތަކަށް ގެންދެވޭނެ ގޮތަކަށް ދަތުރުފަތުރުގެ އިންތިޒާމު ހަމަޖައްސަން އަމިއްލަ ކުންފުނިތަކާއި ސަރުކާރާ ގުޅިގެން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށްވެސް ވިދާޅުވި އެވެ.

ހަސަން ވިދާޅުވީ އެ މަސައްކަތަށް ހުރި ގޮންޖެހުންތައް ހައްލުކުރަން ދައުލަތުގެ އިދާރާތަކާ ވަރަށް ގާތުން މަސައްކަތް ކުރައްވަމުންދާ ކަމަށާއި މި ބުރަ މަސައްކަތުގައި އުޅޭއިރު ރަށާއި ސިޓީ ކައުންސިލްގެ އިހުތިސާސާއި އިދާރީ އޮނިގަނޑު ބަދަލުކުރުމުގެ ގޮތުން މި މަހުގެ 25 ވަނަ ދުވަހު ބާއްވާ ފެންނަ ނުފެންނަ ވޯޓާ ގުޅިގެން މި މަސައްކަތްތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.

އެގޮތުން 200 މިލިއަން ރުފިޔާގެ ލޯނު ހުއްޓިފައިވުމާއި، ސާވިސް އައިލެންޑުގެ ގޮތުގައި ސަވާހިލި ކުރިއަށް ނުދިއުމާއި އަދި ފޭދޫ ޓޫރިޒަމް ޒޯނުގެ ފެނާއި ނަރުދަމާގެ މައްސަލަ ހަސަން ފާހަގަކުރެއްވި އެވެ. އެގޮތުް ފޭދޫ ޓޫރިޒަމް ޒޯނުގެ ބައެއް ހިދުމަތްތައް އަންނަ ފިތުރު އީދަށް ހުޅުވަން ތައްޔާރުވާއިރު ފެނާއި ނަރުދަމާގެ ހިދުމަތް ނެތްއިރު، އެ މަސައްކަތް ކުރާނެ މާލީ ހާލަތު ފެނަކައިގައި ނެތްކަން އެ ކުންފުނިން އަންގާފައިވާ ކަމަށް ވިދާޅުވި އެވެ. އެހެންވެ ސިޓީ ކައުންސިލާއި ގުޅިގެން އެ މަސައްކަތް ކުރަން އެއްބަސްވެފައި ވަނިކޮށް ފޭދޫ ވަކި ތަނެއްގެ ގޮތުގައި ކަނޑައަޅައިފި ނަމަ އެ މަޝްރޫއު މެދުކެނޑޭނެ ކަމަށް ހަސަން ވިދާޅުވި އެވެ.

މީގެއިތުރުން ފޭދޫ ވަކި ތަނެއްގެ ގޮތުގައި ކަނޑައަޅައިފި ނަމަ އާ އެއްބަސްވުންތަކެއް ހަދަން ޖެހި، އެ އެއްބަސްވުންތައް ވުމުގެ ކުރިން މާލީ އެއްވެސް އިދާރާއަކުން އެ ޒޯނާ ގުޅޭ ކަމަކަށް ލޯނު ނުދޭނެ ކަމަށާއި މިއީ ވަރަށް ގިނަ ވަގުތު ހޭދަވާނެ ކަމެއް ކަމަށްވެސް ވިދާޅުވި އެވެ. އަދި ބައިބައިވެ ޒުވާބުކޮށް، ސިޔާސީ ގޮތުންނާއި އިޖުތިމާއީ ގޮތުން އަދި އިގްތިސާދީ ގޮތުން ހަމަނުޖެހުން ބޮޑުވި ވަަރަކަށް އިންވެސްޓަރުން ފަސްޖެހޭ މިންވަރު ވެސް އިތުރުވާނެ ކަމަށް ވިދާޅުވި އެވެ.

ހަސަން ވިދާޅުވީ އައްޑޫގައި 1،000 ޓޫރިސްޓް އެނދު ގާއިމް ކުރުމުގެ މަސައްކަތުގައި އިސްކޮށް އުޅެނީ މަހުޖަނުން ނޫން ކަމަށާއި އެއީ އަތޮޅަށް ނިސްބަތްވާ ވަރަށް އާދައިގެ އިހްލާސްތެރި ބައެއް ކަމަށެވެ. އެހެންވެ، އެފަދަ ބަޔަކު ބުރަ މަސައްކަތުން އަތޮޅުގެ އިގްތިސާދު ކުރިއަރުވަން އުޅޭއިރު ސިޔާސީ ކަންކަން އެއްކިބާކޮށް ގުޅިގެން އެއް ބަޔަކު އަނެއް ބަޔަކަށް އެހީތެރިވެ މަސައްކަތް ކުރުން މުހިއްމު ކަމަށް ހަސަން ވިދާޅުވި އެވެ.

އަދި ޅިގެން ހައްލު ހޯދުމުގެ ބަދަލުގައި އަވަށާއި މީހުން ޖެހި، ޒުވާބުކޮށް، މާރާމާރީ ހިންގާ ހިސާބަށް ގެންދަން އުޅެނީ ކޮން ކަމެއް ނުވެގެންތޯ ހަސަން ވަނީ ސުވާލު އުފައްދަވާފަ އެވެ. އަދި ފޭދޫ ޓޫރިޒަމް ޒޯނުގައި 500 އަށް ވުރެ ގިނަ ޓޫރިސްޓު އެނދާއި، ރާއްޖޭގައި ހުރި އެންމެ ބޮޑު އެއް ރެސްޓޯރެންޓް އަދި ޖިމްނޭޒިއަމްގެ އިތުރުން ސްޕާއާއި އެހެނިހެން ހިދުމަތްތައް ގާއިމުވުމުގެ ހަގީގަތް ވެގެންދަނީ ސިޓީ ކައުންސިލްގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުމާއެކު ކަމަށްވެސް ހަސަން ވިދާޅުވި އެވެ.

"އެހެންކަމުން އެ ނިޒާމު ފުނޑުފުނޑުކޮށްލާ ބައިބައިވާންޖެހޭ ސަބަބެއް އަޅުގަނޑަކަށް ނުވިސްނެއެވެ. މިއަދު ބައިބައިވުމަށް އަޅުގަނޑުމެން ތި ހޭދަކުރާ ވަގުތާއި ފައިސާ އާއި ހަކަތަ ބިނާކުރަނިވި ކަންކަމަށް ހޭދަކުރަމާތޯ އެވެ؟" ހަސަން ވިދާޅުވި އެވެ.