ސުލްހައިގެ އެއްބަސްވުމާ ހަމާސް ޖަމާއަތުން ހިލާފުވެފައިވާ ކަމަށް ބުނެ އިޒްރޭލުން އިއްޔެ ގާޒާގެ އެކި ސަރަހައްދުތަކަށް ދިން ހަމަލާތަކުގައި 45 މީހަކު ޝަހީދުކޮށްލައިފި އެވެ.
ގާޒާގެ ސިވިލް ޑިފެންސް އެޖެންސީން ބުނީ ގާޒާގެ އެކި ހިސާބުތަކަށް އިޒްރޭލުން ދިން ހަމަލާތަކުގެ ނަތީޖާއެއްގެ ގޮތުން 45 މީހަކު ޝަހީދުވެފައިވާ ކަމަށެވެ. އަދި ގިނަ އަދަދެއްގެ ބަޔަކަށް ޒަހަމްތައް ލިބިފައިވާ ކަމަށްވެސް ބުންޏެވެ.
ހަމާސް އިން ސުލްހައިގެ އެއްބަސްވުމާ ހިލާފުވެފައިވާ ކަމަށް ބުނެ ގާޒާއަށް އެހީ ވެއްދުން ހުއްޓާލަން ވެސް އިޒްރޭލުން އިއްޔެ ނިންމި އެވެ. ނަމަވެސް އިޒްރޭލުން މިހާރު ވަނީ ހަމަލާތައް ހުއްޓާލައި އަނެއްކާވެސް ސުލްހައިގެ އެއްބަސްވުމަށް އަމަލުކުރަން ފަށައިފަ އެވެ.
ސުލްހައިގެ އެއްބަސްވުމާ ހިލާފުވެފައިވާ ކަމަށް އިޒްރޭލުން ކުރާ ތުހުމަތު ހަމާސް އިން ދޮގުކުރެ އެވެ.
މި އެއްބަސްވުމުގެ ފުރަތަމަ މަރުހަލާގެ ތެރެއިން ހަމާސްގެ ބެލުމުގެ ދަށުގައި ތިބި އިޒްރޭލުގެ އަސީރުން މިނިވަން ކޮށްފައިވާއިރު، އިޒްރޭލުގެ ޖަލުތަކުގައި ތިބި ފަލަސްތީނުގެ ބައެއް މީހުން ވެސް މިނިވަންކޮށްފައިވެ އެވެ.
އިޒްރޭލުން ގާޒާއަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ގާޒާއިން ވަނީ 68،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެފަ އެވެ.