Last Updated: July 3, 02:38
Thursday, July 2, 2026
ކުޅިވަރު

އެމްބާޕޭ ރެއާލް މޮޅުކޮށް ދީފި

ކިލިއަން އެމްބާޕޭ ކާމިޔާބުކުރި ގޯލުން ގެޓާފޭ 1-0 އިން ބަލިކޮށް ސްޕެނިޝް ލީގުގެ އެއްވަނަ އަށް ރެއާލް މެޑްރިޑް އަރައިފި އެވެ.

ލީގުގެ އެއްވަނައިގައި ރެއާލް އޮތީ 9 މެޗުން 24 ޕޮއިންޓު ހޯދައިގެންނެވެ. ދެވަނައިގައި 9 މެޗުން ލިބުނު 22 ޕޮއިންޓާ އެކު އޮތީ ބާސެލޯނާ އެވެ. ތިންވަނައިގައި 9 މެޗުން 17 ޕޮއިންޓު ހޯދައިގެން އޮތީ ވިޔަރެއާލް އެވެ.

ގެޓާފޭގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ރެއާލުން ގިނަ ހަމަލާތަކެއް ފޮނުވާލިއިރު، އެ ހަމަލާތައް ދިފާއުކުރުމުގައި ގެޓާފޭގެ ކީޕަރު ސޮރިއާގެ ހުޝިޔާރުކަން ވަނީ ފެނިގެން ގޮސްފަ އެވެ. މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު ރެއާލަށް މެޗުގެ 80 ވަނަ މިނެޓްގައި އެމްބާޕޭ ކާމިޔާބުކުރީ އަރްދާ ގުލާ ދިން ޕާހަކުން ގެޓާފޭގެ އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ހަމަލާއަކުންނެވެ.

މި މެޗު ގެޓާފޭ އިން ނިންމާލީ 9 ކުޅުންތެރިންނާއެކު އެވެ. އެގޮތުން މެޗުގެ 77 ވަނަ މިނެޓްގައި އެލަން ޔޮމް އަށް ރަތްކާޑު ދެއްކީ ބޯޅަ ނެތީ ރެއާލްގެ ކުޅުންތެރިއަކަށް ހަމަލާދިނުމުންނެވެ. އަދި ގެޓާފޭގެ އެލެކްސް ސަންކްރިސް އަށް ދެވަނަ ރީނދޫ ކާޑާއެކު ރަތްކާޑު ދެއްކީ މެޗުގެ 84 ވަނަ މިނެޓްގައި ރެއާލްގެ ކުޅުންތެރިއަކަށް ކުރި ފައުލަކާ ގުޅިގެންނެވެ.

ލީގުގައި ރެއާލް ދެން ބައްދަލުކުރާނީ ބާސެލޯނާ އެވެ.