Last Updated: July 3, 02:38
Thursday, July 2, 2026
ޚަބަރު

ބައިބައިވެގެން އައްޑު އަށް ލިބޭނެ މޮޅެއް ނެތް: އަޒާން

ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން - ފޮޓޯ: މަޖިލިސް

އައްޑޫ ސިޓީ ކައުންސިލް ބައިބައިކޮށްގެން ލިބޭނެ މޮޅެއް ނެތް ކަމަށް ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހްމަދު އަޒާން ވިދާޅުވެއްޖެ އެވެ.

އައްޑޫގެ ތިން އަވަށެއްގައި ރަށު ކައުންސިލް ހަދަން ފެނޭތޯ ބެލުމަށް މި މަހު 25 ގައި ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ވަނީ ހަމަޖެހިފަ އެވެ. ރަށު ކައުންސިލް ހަދަން ފެނޭތޯ ވޯޓް ނަގަން ހަމަޖެހިފައި ވަނީ ފޭދު އާއި މީދޫގެ އިތުރުން ހުޅުދޫގަ އެވެ.

މި ވޯޓާއި ގުޅިގެން އޮންލައިން ނޫސް "މިހާރު" އިން ރޭ ބޭއްވި ބަހުސްގައި ވާހަކަދައްކަމުން އަޒާން ވިދާޅުވީ އައްޑޫ އަށް ދިމާވެފައި އޮތް މައްސަލައަކީ އިގްތިސާދީ މައްސަލަ ކަމަށާއި އައްޑޫ ދޫކޮށް މާލެއަށް އެތައް ބަޔަކު ހިޖުރަކުރަން ޖެހުނު ސަބަބަކީ ވެސް އިގްތިސާދީ ފުރުސަތުތަކާއި ވަޒީފާ ނެތުން ކަމަށެވެ. އަދި ކައުންސިލް ބައިބައިކޮށްގެން މި ކަންކަމަށް ހައްލު ލިބޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށާއި އޭގެ ބަދަލުގައި މިކަން ކުރުމުން ގިނަ ގެއްލުންތަކެއް ލިބޭނެ ކަމަށް އަޒާން ވިދާޅުވި އެވެ.

"އެއް ކަމަކަށް އައްޑުއަށް ލިބިފައި މި އޮންނަ ބާގެއިނިން ޕަވާ އެއްކޮށް ގެއްލޭނެ. ދެން ކޮންމެ ސަރުކާރެއް އަޔަސް ވަކިވަކި ތަންތަނުން ވަކާލާތު ކުރާނީ ވަކިވަކި ކަންކަން ކުރަން. އެއީ ރާއްޖޭގެ އެހެން އަތޮޅުތަކުން ވެސް މިހާރު ފެންނަ މަންޒަރު،" އަޒާން ވިދާޅުވި އެވެ.

އަޒާން ވިދާޅުވީ ކޮންމެ ޕާޓީއެއް ވެރިކަމުގައި އޮތަސް މިގޮތަށް މިކަންކަން ހިނގާނެ ކަމަށާއި މީގެ ސަބަބުން ހަރަދުކުރަން ހުންނަ ފައިސާ ކުދިކުދި ކަންކަމަށް ހަރަދުކުރަން ޖެހުން ފަދަ ކަންކަމާއި ކުރިމަތިވާނެ ކަމަށެވެ. އަދި ވަކިވަކި ކައުންސިލްތައް ހެދުމުން، އިތުރަށް ކައުންސިލަރުން ލިބި، ކައުންސިލްތަކަށް އިދާރީ އިތުރު މުވައްޒަފުން ނެގިދާނެ ކަމަށާއި ނަމަވެސް އެއީ އައްޑުއަށް ހައްގު މިންވަރު ނޫން ކަމަށް އަޒާން ވިދާޅުވި އެވެ.

"ބައިބައިވެގެން ލިބޭނެ މޮޅެއް ނެތް ކަމަށް އަޅުގަނޑަށް ފެންނަނީ. މި ބަހުސްގައި ދެކެވުނު ވާހަކައިން ވެސް އެއްގޮތަކަށް ވެސް ނުވިސްނުނު ބައިބައިވެގެން ކުރިން ނުލިބޭ ކޮން އާ ހިދުމަތެއްތޯ އަލުން ލިބޭނީ. ތަރައްގީގެ ގޮތުން ކޮން ކަމެއްތޯ ވާނީ،" އަޒާން ވިދާޅުވި އެވެ.

މިހާރު އައްޑޫގެ ހުރިހާ ރަށްތަކެއް (އަވަށްތަކެއް) ތަމްސީލުވާ ގޮތަށް ސިޓީ ކައުންސިލެއް އޮންނަ އިރު، އައްޑޫގެ ތިން ރަށެއްގައި ރަށު ކައުންސިލް ހަދަން ފެނޭތޯ ވޯޓަކަށް ދާން ނިންމީ ތިން ރަށުގެ ރައްޔިތުން އެކަމަށް އެދިގެން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވެ އެވެ.

ނަމަވެސް މިކަމާ ގުޅިގެން ރައްޔިތުންގެ މެދުގައި ބޮޑެތި ހިޔާލު ތަފާވުވުންތަކާއި ކަންބޮޑުވުންތައް އުފެދިފައިވެ އެވެ.