Last Updated: June 5, 22:30
Saturday, June 6, 2026
ޚަބަރު

'ޝާމިލު' ލޯގޯ ތަންފީޒު ކުރުން ބީސީސީ އަށް

ނުކުޅެދުންތެރިކަން ހުންނަ މީހުން އުފައްދާ ތަކެތީގައި ޖަހަން ހާއްސަކުރާ "ޝާމިލު" ލޯގޯ ދޫކޮށް ހިނގުމާ ގުޅޭ ގޮތުން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މި އެއްބަސްވުން ހަދާފައި ވަނީ ސޯޝަލް މިނިސްޓްރީ އާއި ބިޒްނަސް ސެންޓަ ކޯޕަރޭޝަން ބީސީސީ) އާ ދެމެދު އެވެ.

އެއްބަސްވުމުގެ މަޤަޞަދަކީ ނުކުޅެދުންތެރިކަން ހުންނަ މީހުން އަމިއްލަ މަސައްކަތް ކުރުމުގެ ފުރުޞަތު ހުޅުވާލުމާއި، ވަކި އުސޫލެއްގެ ދަށުން މޮނިޓަރ ކުރެވިގެން އެފަރާތްތަކުގެ ވިޔަފާރީގެ ކުރިއެރުމަށް މަގުފަހޮކޮށް ދިނުމެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން އުފައްދާ އުފެއްދުމެއްކަން އަންގައިދޭ ޝާމިލް ލޯގޯ ބޭނުން ކުރަން ފެށުމުން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރެއިން މަސައްކަތްތެރިކަމާއި، އެފަރާތްތަކުގެ އުފެއްދުންތައް ވިއްކުމަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް އެކަމުގެ ފުރުޞަތުތައް ފަހިވެގެންދާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ. އެގޮތުން ކުރެހުމާއި، އަތްތެރި މަސައްކަތް، ކާބޯތަކެތި އަދި އެހެނިހެން ގިންތީގެ އަމިއްލަ އުފެއްދުންތަކުގައި މިލޯގޯ ބޭނުން ކުރުމާއި، މާކެޓަށް މިތަކެތި ވިއްކުމަށް ހުޅުވާލުމަކީ ލޯގޯ ތަންފީޒު ކުރުމުގެ މައިގަނޑު އަމާޒވެ.

ލޯގޯ ތަންފީޒު ކުރާނީ މިނިސްޓްރީން އަދި މިނިސްޓްރީގެ ލަފާގެ މަތިން ބީސީސީންނެވެ.

"ޝާމިލު" ލޯގޯ ޑިޒައިންކުރަން މިނިސްޓްރީން ދާދި ފަހުން އާންމުކޮށް ހުޅުވައިލި އެވެ. ލޯގޯ ހުށަހަޅަން ދިން މުއްދަތު މި މަހުގެ 15 އަށް ހަމަވެފައިވާ އިރު، ހޮވޭ ލޯގޯ ޑިޒައިން ކުރި ފަރާތަށް އިނާމެއްގެ ގޮތުގައި 5،000ރ. ދޭނެ އެވެ.