ރާއްޖޭގެ މަޝްހޫރު އެކްޓަރު ޔޫސުފް ޝަފީއު (ޔޫއްޕެ) ލިޔެ، ޑައިރެކްޓްކޮށްފައިވާ ފިލްމު "އިލްޒާމް" މިރޭ އޮލިމްޕަހުގައި ޕްރީމިއާ ކުރަން ތައްޔާރުވެއްޖެ އެވެ.
މި ފިލްމަކީ މި އަހަރު އަޅުުވާ 6 ވަނަ ފިލްމެވެ.
އެންމެ ފަހުން އޮލިމްޕަހުގައި ދެއްކި ފިލްމަކީ ރޭ ޝޯތައް ނިންމައިލި ޑާކް ރެއިން އެންޓަޓައިންމަންޓްގެ "އަލިފާން" އެވެ. މި އަހަރު ދެން ގެނެސްދީފައިވާ އިތުރު ފިލްމުތަކަކީ މޫމިން ފުއާދުގެ "އަބަދަށް" އާއި ފާތުމަތު ނަހުލާގެ "ސޮރީ" އާއި އިލްޔާސް ވަހީދު (އިއްލެ) ގެ "ލޯބިން" ގެ އިތުރުން ހުސައިން މުނައްވަރުގެ "ކަނބުލޮ" އެވެ.
ފެމިލީ ޑްރާމާއެއްގެ ގޮތުގައި ޔޫއްޕެ ގެނެސްދޭ "އިލްޒާމް" އަކީ ޔޫއްޕެ ޕްރޮޑަކްޝަނާއި މުހައްމަދު އަބްދުﷲ (މުހައްމާކަލޯ) ގެ ދެކެދެކެ ވެސް ޕްރޮޑަކްޝަން ގުޅިގެން ގެނެސްދޭ ފިލްމެކެވެ.
މީގެ ކާސްޓްގައި ޔޫއްޕެ އާއި އަހުމަދު ނިމާލާއި އޭނަގެ ދަރިފުޅު ޖުމައްޔިލް ނިމާލާއި މުހައްމަދު ރަޝީދު (ދަރާ) އާއި އާމިރާ އިސްމާއީލާއި މަރިޔަމް ޝިފާ އާއި އަހުމަދު ސައީދާއި އިބްރާހިމް ޖިހާދު (ޖިމީ) އާއި މުހައްމަދު ފައިސަލާއި މަރިޔަމް ޝަކީލާ އަދި ޝަހީދާ އިސްމާއިލް ފަދަ ތަރިން ހިމެނެ އެވެ.
މިރޭ އޮލިމްޕަހުގައި "އިޒްޒާމް" ޕްރީމިއާކުރާ އިރު، އަންނަ މަހު ވެސް ދެ ފިލްމެއް އެ ސިނަމާގައި އަޅުވަން އޮތީ ތާވަލުކޮށްފަ އެވެ. އެއީ އަލީ ސީޒަން ޑައިރެޓްކޮށް އަންނަ މަހުގެ 5 ގައި ޕްރީމިއާ ކުރަން ނިންމާފައިވާ ކޮމެޑީ "ކޮސް ގިނަ މިސްޓޭކް" އާއި އަޒްހާން އިބްރާހީމް ޑައިރެކްޓްކޮށް އަންނަ މަހުގެ 20 ގައި ގެނެސްދޭ ކްރައިމް ތުރިލާ "ލިލީ" އެވެ.