Last Updated: June 5, 22:30
Saturday, June 6, 2026
ރިޕޯޓް

އައްޑޫ ބައިބައިކޮށްލުން؛ ފައިދާތަ، ގެއްލުންތަ؟

އައްޑޫ ސިޓީ ކައުންސިލުން ބައެއް ރަށްތައް ވަކިވެ، ރަށު ކައުންސިލްތައް އުފެއްދުމުން ލިބިދާނެ ފައިދާތަކާއި ގެއްލުންތައް

ފައިދާތައް:

* ނިސްބަތުން ބޮޑަށް ރަށުގެ ކަންކަމަށް އިސްކަންދެވުން: ވަކި ރަށު ކައުންސިލެއް އުފެއްދުމުން، ރަށުގެ ވަކިވަކި ބޭނުންތަކާއި މައްސަލަތަކަށް ސީދާ ސަމާލުކަން ދެވޭނެ އެވެ. ސިޓީ ކައުންސިލުގެ ބޮޑު ނިޒާމުގެ ތެރެއިން ބައެއް ފަހަރު މިފަދަ ވަކިވަކި ކަންކަމަށް ދެވޭ ސަމާލުކަން ކުޑަވެދާނެ އެވެ.
* ނިންމުންތައް އަވަސްވުން: ރަށާ ގުޅޭ ކަންކަމުގައި ނިންމުންތައް ނިންމުމަށް ސިޓީ ކައުންސިލުގެ ބޮޑު ނިޒާމެއްގެ ތެރެއިން ދާންޖެހޭ މަރުޙަލާތައް ކުރުވެ، ނިންމުންތައް އަވަސްވެގެން ދާނެ އެވެ.
* ރައްޔިތުންގެ ބައިވެރިވުން އިތުރުވުން: ރަށު ކައުންސިލެއް އުފެއްދުމުން، އެ ރަށުގެ ރައްޔިތުންނަށް، އެމީހުންގެ ރަށުގެ ތަރައްޤީ އާއި ކަންކަމުގައި ސީދާ ބައިވެރިވުމުގެ ފުރުސަތު ބޮޑުވެ، ރައްޔިތުންނާ ކައުންސިލާ ދެމެދު އޮންނަ ގުޅުން ބޮޑުވެގެންދާނެއެވެ.
* ވަސީލަތްތައް ސީދާ ރަށަށް ހޯދުން: ރަށަށް ބޭނުންވާ ބަޖެޓާއި، އެހެނިހެން ވަސީލަތްތައް ހޯދުމުގެ ފުރުޞަތު ބޮޑުވާނެއެވެ. މިއީ ސިޓީ ކައުންސިލެއްގެ ތެރެއިން ބަޖެޓް ބަހާލާއިރު، ބައެއް ފަހަރު ދިމާވެދާނެ ދަތިތަކަށް ލިބޭ ޙައްލެކެވެ.
* ރަށުގެ ވަކިވަކި ކަންކަމަށް ފުރުޞަތު ލިބުން: ރަށުގެ ތާރީޚާއި، ޘަޤާފަތާއި، އިޖުތިމާޢީ ކަންކަމަށް ވަކިވަކިން އަމިއްލަ ކައުންސިލެއްގެ ތެރެއިން އިތުރު ފުރުޞަތުތައް ފަހިވެގެންދާނެއެވެ.

ގެއްލުންތައް:

އިޤްތިޞާދީ ގޮތުން ދެރަގޮތްތަކެއް ދިމާވުން
* ބަޖެޓްގެ ދަތިކަން: ވަކި ރަށު ކައުންސިލެއްގެ ބަޖެޓް، ސިޓީ ކައުންސިލެއްގެ ބަޖެޓަށްވުރެ ކުޑަވާނެއެވެ. މިކަމުގެ ސަބަބުން ބޮޑެތި މަޝްރޫޢުތައް ހިންގުމުގައި ދަތިތައް ކުރިމަތިވެދާނެއެވެ.
* ސިޓީގެ ވަސީލަތްތަކުން މަޙްރޫމްވުން: ސިޓީއެއްގެ ގޮތުގައި އެކުގައި މަސައްކަތްކުރާއިރު ލިބޭ ބައެއް ފައިސާގެ އެހީތެރިކަމާއި، ވަސީލަތްތައް ގެއްލިގެންދާނެއެވެ.
* އިދާރީ ޚަރަދު އިތުރުވުން: ވަކި ކައުންސިލެއް ހިންގުމަށްޓަކައި އެކި މަޤާމުތަކަށް މުވައްޒަފުން ނަގަންޖެހޭނެއެވެ. މީގެ ސަބަބުން އިދާރީ ޚަރަދު އިތުރުވެ، ތަރައްޤީގެ މަސައްކަތްތަކަށް ބަޖެޓްގެ ދަތިކަން ފޯރާނެއެވެ.
* ޚިދުމަތްތަކުގެ ފެންވަރު ދަށްވުން: ބައެއް ޚިދުމަތްތައް (މިސާލަކަށް ކުނި މެނޭޖްކުރުން، ފެނާއި ނަރުދަމާގެ ނިޒާމް) ސިޓީއެއްގެ ގޮތުގައި އެކުގައި ހިންގާއިރު ހެޔޮ އަގެއްގައި ރަނގަޅު ފެންވަރެއްގައި ދެވިދާނެއެވެ. ވަކި ކައުންސިލްތަކަށް ބަހާލުމުން މި ޚިދުމަތްތަކުގެ އަގު ބޮޑުވެ ނުވަތަ ފެންވަރު ދަށްވެދާނެއެވެ.
* ސިޔާސީ ނުފޫޒު ކުޑަވުން: ވަކި ރަށު ކައުންސިލްތަކަށް ބަހާލުމުން، ޤައުމީ ފެންވަރުގައި ނުވަތަ ބޭރުގެ ފަރާތްތަކާ ގުޅިގެން މަސައްކަތްކުރުމުގައި ސިޓީއެއްގެ ގޮތުގައި އޮތް ބާރާއި ނުފޫޒު ކުޑަވެގެންދާނެއެވެ.
* އެކުގައި ތަރައްޤީ ކުރުމުގެ ފުރުސަތު ކުޑަވުން: ސިޓީއެއްގެ ގޮތުގައި ހުންނައިރު، ރަށްތައް އެކަތިގަނޑެއްގެ ގޮތުގައި ތަރައްޤީ ކުރުމަށް ފަސޭހަވެއެވެ. ވަކި ކައުންސިލްތަކަށް ބަހާލުމުން، އެކުގައި ތަރައްޤީ ކުރުމުގެ މަޝްރޫޢުތައް ހިންގުމަށް ދަތިވެ، ރަށްތަކުގެ މެދުގައި ފަރަޤު ބޮޑުވުމުގެ ފުރުޞަތު އޮވެއެވެ.

އައްޑޫ ސިޓީ ކައުންސިލުން ވަކިވެ، ބައެއް ރަށްތައް ވަކި ރަށު ކައުންސިލްތަކެއް އުފެއްދުމުގެ ނިންމުމަކީ ވަރަށް ފުންކޮށް ވިސްނައި ބަލަން ޖެހޭނެ ނިންމުމެކެވެ. މިކަމުގެ ސަބަބުން އަންނާނެ ދުރު ރާސްތާގެ އަސަރުތަކަށް ފުންކޮށް ވިސްނައިފި ނަމަ، ވަކިވެގަތުމަށް ވުރެ އެކުގައި އޮތުން ރަނގަޅުނު ވާނެބާ ވައޭ އަޅުގަނޑުގެ ހިތަށް އަރައެވެ.

އައްޑޫ ސިޓީ ބައިބައިކޮށްލުމުގެ ވިސްނުމަކީ ރަނގަޅު ވިސްނުމެއް ނޫން

ސްކޫލު ދުވަސްވަރު ކިޔައިއުޅުނު ވާހަކައެކެވެ. ސުރުޚީ އަކީ ދެ ބުޅަލުގެ އަރައިރުމެވެ. އަރައިރުންވީ، ބޯކިބާ ބެހުމުގެ މައްސަލައިގަ އެވެ. އެންމެ ފަހުން އެ ބެހުމުގެ ކަންތަކާ ޙަވާލުވީ ހިޔަޅެވެ. ބޯކިބާ ފަޅާލުމަށް ފަހު، ދެބައި ކިރިއިރު އެއްބަޔަށް ބަރުވުމުން، އެ ބަރުވި ބައިން އެތިކޮޅެއް ކައިލުމަށް ފަހު ކިރާލި އެވެ. މިފަހަރު ވެސް ހަމަހަމައެއް ނުވި އެވެ. ކޮންމެއަކަސް ދެފަޅި ހަމަހަމަ ކުރުމަށްޓަކައި ފަހަރަކު ފަޅިއަކުން ކަމުންކަމުން ގޮސް ބޯކިބާ ހުސްވެއްޖެ އެވެ. ދެބުޅަލަށް ލިބުނީ ކޮޅުކެއްސެވެ. މިއީ އަރައިރުންވެ ބައިބައިވުމުގެ ނަތީޖާއެވެ. ދެމަފިރިންގެ ދެމެދުގައި މައްސަލަ ޖެހޭ ކޮންމެ ފަހަރަކު ވަރިކުރަން ވެއްޖެނަމަ، އެއިން ރަނގަޅު ނަތީޖާއެއް ނެރެވޭނެތޯއެވެ؟

އައްޑު އަށް ސިޓީއެއްގެ ދަރަޖަ ލިބުނީ އައްޑޫގެ ވަރަށްގިނަ ބައެއްގެ ވަރަށް ބުރަ މަސައްކަތުންނެވެ. މިއަދު މާލެ ސިޓީ ފިޔަވައި މުޅި ދިވެހި ރާއްޖޭގައި އޮތް އެންމެ ބޮޑު އެންމެ ބާރުގަދަ އެންމެ ފަޚުރުވެރި ސިޓީ އަކީ އައްޑޫ ސިޓީ އެވެ. އެހެންކަމުން އައްޑޫގެ ލޮބުވެތި ރައްޔިތުން ބަލަންވީ، އައްޑޫ ސިޓީ އަކީ، މާލޭ ސިޓީއާ އެއްވަރުގެ ބިޔަ، ބޮޑު ސިޓީއަކަށް އެ ސިޓީ ހެދޭތޯ އެވެ.
އައްޑޫގެ ރައްޔިތުންގެ ތެރޭގައި ޢިލްމީ ފަންނީ ސިކުނޑިތައް ބައިވަރެވެ. އެފަދަ ސިކުނޑިތަކުގެ ބޭނުން ހިފިއްޖެ ނަމަ، މަދު ދުވަސްކޮޅެއްގެ ތެރޭގައި ރާއްޖެ ސިއްސުވާލާފަދަ ރީތި، ބިޔަ، ބާރުގަދަ ސިޓީއަކަށް އައްޑޫ ސިޓީ ހެދިދާނެ އެވެ. ވަގުތީ ފައިދާއެއް ޙާޞިލްކުރުމުގެ އެދުމުގައި ބައިބައި ނުވާށެވެ.

ކުރިޔަށް އަޅަން ޖެހޭ ފިޔަވަޅު ފަހަތަށް އެޅުމަކީ ފައްސި ވިސްނުމެއް ނޫނެވެ.

އައްޑޫގެ ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! މާތްވެގެންވާ އިސްލާމް ދީން ވެސް ދައްކާފައިވާ މަގަކީ އެއްބައިވަންތަކަމުގެ މަގެވެ. ވަކިވަކިވެގަތުމަކީ ނިކަމެތިވާނެ ކަމެކެވެ.

ވަކިވަކި ސިޓީ ހަދާނަމަ މާލޭ ސިޓީވެސް ބައިބައިކޮށްލަންވީ ނޫންތޯއެވެ؟ މާލެއަށް އެއް ސިޓީ، ހުޅުމާލެއަށް އެއްސިޓީ، ވިލިމާލެއަށް އެއް ސިޓީ ހަދާލަންވީ ނޫންތޯ އެވެ؟ އެއީ މާ އައުލާކަން ބޮޑު ގޮތެއް ނޫންތޯ އެވެ؟

އައްޑޫ ސިޓީގެ ރައްޔިތުންނަކީ ބަޔަކު ދައްކާހާ މަގަކުން ހިނގަންޖެހޭ ވަރަށްވުރެ މާ ވިސްނުންތެރި ބައެކެވެ. ކެރުންތެރި ބައެކެވެ. ޢިލްމާއި ވިސްނުމާއި ހުނަރުހުރި ބައެކެވެ. ވީމާ، ބަޔަކު ދެއްކިހާ މަގަކުން އަޅުގަނޑުމެން ހިނގާކަށް ނުޖެހެއެވެ. ރައްޔިތުންގެ މަޖްލިސްގައި ތިއްބެވި އައްޑުއަތޮޅުގެ ޢިއްޒަތްތެރި މެމްބަރުންވެސް މިކަމަށް ޙައްލެއް ހޯއްދަވަން ޖެހެއެވެ.
ދިވެހި ސަރުކާރަށް އަޅުގަނޑު ދަންނަވާނީ، މިވޯޓުން އައްޑޫގެ އެއްވެސް ރަށެއް އިސްތިސްނާ ނުކުރެއްވުމަށެވެ. ވޯޓެއް ނަންގަވާނަމަ މާލޭސިޓީވެސް ބައްސަވާލެއްވުމަށް ވޯޓެއް ނެންގެވުމަށެވެ. ރައްޔިތުންނަށް ކޮށްދޭން ޖެހޭނީ، އެ މީހުންނަށް ފައިދާއާއި ލާބަހުރި ކަންތައްތަކެވެ. ގެއްލުމާއި ހަލާކު ހުރި ކަންތައްތަކެއް ނޫނެވެ.
ޢަރަބި ޝާޢިރަކު ވިދާޅުވެފައި އޮވެއެވެ؛
"مَتَى يَبْلُغُ البُنْيَانُ يَوْماً تَمامَهُ إِذا كُنْتَ تَبْنِيْهِ وَغَيْرُكَ يَهْدِمُ"
މި ބައިތުގައި އެ ވިދާޅުވާ އެއްޗެއްގެ މުރާދަކީ، އެއްބަޔަކު ޢިމާރާތްކުރަމުންދާއިރު އަނެއްބަޔަކު އެ ތަޅައި ސުންނާފަތި ކުރަމުން ދާނަމަ، އެ ޢިމާރާތްކޮށް ނިމޭނެ ދުވަހެއް އަންނާނެހެއްޔެވެ؟

ނިންމާލަމުންވެ ސް ދަންނަވާނީ [ދޭހަވުމަށް ބުއްދިވެރިންނަށް އިޝާރާތުން ފުދެއެވެ.] އަޅުގަނޑުގެ ދުޢާ އަކީ އައްޑޫ ސިޓީގެ ރައްޔިތުންނަށް ހެޔޮވިސްނުން ދެއްވައި، އައްޑުސިޓީއަށް ބާއްޖަވެރި އުޖާލާ ދުވަސްތަކެއް ދެއްކެވުމެވެ.

ނޯޓް: މިއީ އައްޑޫ ސިޓީ ބައިބައިކޮށްލުމަށް ކުރާ މަސައްކަތްތަކާ ގުޅޭ ގޮތުން ހިތަދު އަށް ނިސްބަތްވާ ދީނީ އިލްމުވެރިއެއް ކަމަށް ޝެއިހް ހަސަން ލަތީފު ފޭސްބުކްގައި ހިއްސާކޮށްފައިވާ ލިޔުމެކެވެ.