އައްޑޫގެ ޓޫރިޒަމް ޒޯންތަކުން ދޫކޮށްފައިވާ ބިންތަކުުގެ ތެރެއިން 13 ބިމެއްގައި މިހާރު ޓޫރިޒަމް ފެސިލިޓީތައް ތަރައްގީ ކުރަމުން އަންނަ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ.
އައްޑޫގައި ޓޫރިޒަމް ކުރިއެރުވުމަށް ކުރެވެމުން އަންނަ މަސައްކަތްތަކާ ގުޅޭ ގޮތުން ކައުންސިލުން މިއަދު އާންމުކުރި ވީޑިއޯ ރިޕޯޓެއްގައި ބުނެފައި ވަނީ ޓޫރިޒަމް ޒޯންތަކުން ޖުމްލަ 96 ބިމެއް ކަނޑައަޅާފައިވާ އިރު، މިހާރު ތަންތަން ޑިވެލޮޮޕް ކުރުމުގެ މަސައްކަތް ކުރިއަށް ދަނީ ޖުމްލަ 13 ތަނެއްގައި ކަމަށެވެ.
އަދި އޭގެ ތެރެއިން ގިނަ މަސައްކަތްތައް ކުރިއަށް ދަނީ ފޭދޫ ޓޫރިޒަމް ޒޯންގައި ކަމަށް ވެސް ބުންޏެވެ. އެގޮތުން ފޭދޫގައި 9 ތަނެއްގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ދެ ސިޓީ ހޮޓަލާއި ހަތަރު ގެސްޓްހައުސް އާއި ޓޫރިސްޓް ދެ ފެސިލިޓީއެެއްގެ އިތުރުން ސަޕޯޓް ސާވިސް ފެސިލިޓީއެއްގެ މަސައްކަތެވެ.
ކައުންސިލުން ބުނި ގޮތުގައި ޓޫރިޒަމް ޒޯންތަކުގައި މިހާރު ކުރިއަށްދާ މަސައްކަތްތަކާ ބަލާ އިރު، އެތަންތަނާ އެކު 800 ކޮޓަރި އޮޕަރޭޝަނަށް އަންނާ އެވެ.
ޓޫރިޒަމް ޒޯންތަކުން ކަނޑައަޅާފައިވާ 96 ބިމެއް ބަލާ އިރު، އެއީ ޖުމްލަ 2،085 ކޮޓަރި އެވެ.
އައްޑޫގެ ޓޫރިޒަމް ޒޯންތަކަށް ބަލާ އިރު އެންމެ ގިނަ ބިންތައް ކަނޑައަޅާފައި ވަނީ ބިން ވެސް އެންމެ ބޮޑު އަވަށް ކަމަށްވާ ހިތަދޫންނެވެ. އެއީ 28 ބިމެވެ. އެއީ ކޮޓަރީގެ އަދަދަށް ބަލާ ނަމަ 570 ކޮޓަރި އެވެ. މަރަދޫގެ ޓޫރިޒަމްގެ ޒޯންގެ ހަތަރު ބިމަކުން 85، ކޮޓަރި، ފޭދޫގެ 24 ބިމަކުން 505، ކޮޓަރި ހުޅުދޫގެ 24 ބިމަކުން 535 ކޮޓަރި އަދި މީދޫން 16 ބިން ކަނޑައަޅާފައިވާ އިރު އެއީ 390 ކޮޓަރި އެވެ.
މި ތަންތަނަށް ބަލާ އިރު، ހިތަދޫގެ ޓޫރިޒަމް ޒޯނުގައި ތިން ގެސްޓްހައުސްގެ މަސައްކަތް މިހާރު ކުރިއަށްދާ އިރު މީދޫގެ ޓޫރިޒަމް ޒޯންގައި އެއް ގެސްޓްހައުސްގެ މަސައްކަތް ދަނީ ކުރިއަށެވެ.
ކައުންސިލުން ބުނި ގޮތުގައި ޓޫރިޒަމް ޒޯންތަކުގެ ތެރެއިން އެންމެ އަވަހަށް ނިމި އޮޕަރޭޝަނަށް އަންނާނީ ހިތަދޫގައި އިތާ އިންވެސްޓްމަންޓުން ތަރައްގީކޮށްފައިވާ ގެސްޓްހައުސް އެވެ.
ކައުންސިލުން ބުނީ ޓޫރިޒަމް ޒޯންތަކުގެ މައިގަނޑު އަމާޒަކީ އެ ދާއިރާ އިން އައްޑޫގައި އިންވެސްޓް ކުރުމުގެ ފުރުސަތު އާންމު ފަރާތްތަކަށް ދީ ގިނަ ވަޒީފާތައް އުފެއްދުން ކަމަށެވެ. އަދި މީގެ ސަބަބުން އައްޑު އަށް އިގުތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ވެސް ބޮޑެތި ކުރިއެރުންތަކެއް އަންނާނެ ކަމަށް ކައުންސިލުން ބުންޏެވެ.
އައްޑޫ ޓޫރިޒަމް ޕްރޮމޯޓް ކުރަން މިހާރު ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ "ބިޔޯންޑް އީކްއޭޓާ: ގެ ނަމުގައި ބްރޭންޑެއް ވެސް މިދިޔަ އަހަރު ލޯންޗްކޮށްފައިވެ އެވެ.