Last Updated: June 27, 20:02
Saturday, June 27, 2026
ޚަބަރު

ގަމަށް ސީޕްލޭން އޮޕަރޭޓް ކުރާނީ މޯލްޑިވިއަންއިން

މޯލްޑިވިއަންގެ އެއާބަސް ގަމަށް ޖެއްސި ދުވަހު ކުންފުނީގެ ބައެއް އިސް ވެރިން ފައިބައިގެން ދަނީ. ފޮޓޯ/ ޝަރަފް

ގަން އިންޓަނޭޝަނަލް އެއާޕޯޓް އަންނަ މާޗްމަހު ހުޅުވާ އިރު ސީޕްލޭން އޮޕަރޭޓް ކުރަން ފަށާނެ ކަމަށާއި، އެ ހިދްމަތް ދޭނެ ކުންފުންޏަކީ ގައުމީ އެއާލައިން މޯލްޑިވިއަން ކަމަށް އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ކޮމްޕެނީ (އޭއައިއޭ)އިން ބުނެފިއެވެ.

އޭއައިއޭގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އިބްތިސާމާ އަހްމަދު ސައީދު މިއަދު ވިދާޅުވީ ސީ ޕްލޭންގެ މަސައްކަތް މިހާރު ގޮސްފައި އޮތް ހިސާބަށް ބަލާ އިރު އެކަމަށް ކަނޑައަޅާފައިވާ ސަރަހައްދު ފުންކޮށްފައިވާ ކަމަށެވެ. އަދި މިހާރު މަސައްކަތް ކުރަމުން ދަނީ ޕްލެޓްފޯމް އެޅުމަށް ކަމަށެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓްގެ ރަންވޭއަށް އަލަށް އިތުރު ކުރި ބައި ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އިބްތިސާމާ ވިދާޅުވީ ގަމުގެ ވައިގެ ބަނދަރު އޮޕަރޭޓް ކުރަން ފެށެންވާ އިރަށް މޯލްޑިވިއަންގެ ސީޕްލޭން ދަތުރުތައް ފެށުމަށް އެކުންފުންޏާއި އެކު މިހާރު މަޝްވަރާތައް ކުރަމުން އަންނަ ކަމަށެވެ.

އިބްތިސާމާ ވިދާޅުވީ ސީ ޕްލޭން ހިދުމަތް ފެށުމުން ގަން އެއާޕޯޓް މެދުވެރިކޮށް ގއ. އާއި ގދ. އަށް ޓޫރިސްޓުން ޓްރެވަލް ކުރުމުގައި ފަސޭހަކަން ލިބިގެން ދާނެކަމަށެވެ.